ދިވެހި ރާއްޖޭގެ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ ދީނުގައި ހިފަހެއްޓި މިންވަރެއްގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވާހާއި ގުޅިގެން ރައީސް ޔާމީން ފޮނުންވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވާތީ އެކަމާ ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ.
" ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާއިރު، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާންޖެހެއެވެ. އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ." ރައީސްގެ މެސެޖްގައިވެއެވެ.
އަދި އެންމެންގެ އަޒުމަކަށް ވާންޖެހޭނީ ވެސް އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ސާބިތުވެ ކުރިއަށް ދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާތްﷲ ރާއްޖެ އަށް މިންވަރުކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ނިއުމަތްކަމަށާއި އަދި އެ ދީނަކީ އެންމެހައި އާލަމްތަކަށް ރަހުމަތެއްކަމުގައި މާތް ﷲ ބާވާލައްވާފައިވާ ދީންކަން ރައީސް ފާހަގަކުރެއްވިއެވެ.
" އެހެންކަމުން، އެ ދީނުގެ މަތިވެރި ޢަޤީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ." ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވާފައި ވަނީ ދުޢާއަކުންނެވެ. "ރާއްޖެއަކީ އަބަދުވެސް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވާށިއެވެ! ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރައްވާށިއެވެ!"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް