އަދާލަތާއި ޕީއެންސީ ކޯލިޝަން ހެދުމުގެ ރަސްމިއްޔާތު -- ފޮޓޯ: ޕީއެންސީ
އަދާލަތު ޕާޓީ އާއި ވެރިކަން ކުރާ ޕީއެންސީ ކޯލިޝަން ހެދި މައްސަލައިގަ އަދާލަތު ޕާޓީގެ ކުރީގެ ވެރިންނާއި މިހާރުގެ ލީޑާޝިޕްގައި ހިމެނޭ މެމްބަރުންގެ މެދުގައި ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ބަދަލު ކުރަމުން އެބަދެ އެވެ.
ދެ ޕާޓީން ގުޅިގެން މަސައްކަތް ކޮށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައީދުކުރަން ނިންމައި އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
މި އެއްބަސްވުން ހެދުމާއި އެކު ސޯޝަލް މީޑިއާގައި އަދާލަތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެގޮތުން ރަސްމާލޭގައި ސަރުކާރުން ހިންގުމަށް ރާވަމުންދާ އީގަލް ހިލްސް މަޝްރޫއުގައި ހުރި ދީނާ ހިލާފުކަމަށް ބުނާ ކަންކަމަށް އަދާލަތުން ތާއީދު ކުރަނީތޯ ގިނަ ބަޔަކު ސުވާލު އުފައްދައި އަދާލަތުގެ ސިޔާސަތަށް ފާޑުކިޔާފައިވެ އެވެ.
އެ ފާޑުކިޔުންތަކުގެ ތެރެއިން އެ ޕާޓީގެ ވެރިން ބަދަލު ކުރަމުންދާ ބަހުގެ ހަމަލާތަކަށްވެސް މިހާރު ވަނީ ސަމާލުކަން ހުއްޓިފައި އެވެ. ކުރީގައި އެ ޕާޓީ ހިންގުމުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން ވަނީ އެ ޕާޓީ ދޫކޮށްދާން ނިންމިކަން އިއުލާނު ކުރައްވާފައި އެވެ.
އޭގެ ތެރެއިން އެއްބޭފުޅަކީ ކުރީގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު )އަލިޕި( އެވެ. އޭނާ ވިދާޅުވީ އިންސާފުން އެއްކިބާވެފައިވާ ނިންމުމެއް ޕާޓީން ނިންމުމުން އޭނާ އެ ނިންމާއި ޕާޓީން އެއްފަރާތްވާން ނިންމަވާފައިވާ ކަމަށެވެ. ފެށުނީންސުރެ ތެދުވެރިކަމާއި އެކު މަސައްކަތް ކުރަމުން އައި ޕާޓީން ދުރައްދިއުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް ޕާޓީއަށްވުރެ އިސްކުރާނީ އަމިއްލަ ވިސްނުން ގަބޫލު ކުރާ ހަމަތައް ކަމަށެވެ.
އަލިޕި މެންފަދަ ބޭފުޅުންނަކީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. އެފަދަ އެތައް ބޭފުޅުންނެއް ޕީއެންސީއާއި ކޯލިޝަން ހަދަން ނިންމުމުން ޕާޓީން ވަކިވި ކަމުގެ އަޑު ފެތުރިފައިވެ އެވެ.

އޭގެ ތެރޭގައި ޢަދާލަތު ޕާޓީގެ ކުރީގެ ތަރުޖަމާނު ޢަލީ ނަޒީރު ދެއްކެވި ވާހަކަވެސް ހިމެނެ އެވެ. އޭނާ ވިދާޅުވީ ޝެއިޚް ޙަސަން ލަޠީފް މެންފަދަ ބޭފުޅުން ޢަދާލަތު ޕާޓީން ވަކިވެވަޑައިގަތުމުން ރަމްޒުކޮށްދެނީ ޕާޓީގެ މިހާރުގެ ލީޑަރޝިޕްގެ ނުކުޅެދުންތެރިކަމާއި، ސިޔާސީ ހަލަބޮލި މާހައުލުގައި މެންބަރުންގެ ރޫޙާ އެއްގޮތަށް ޕާޓީ ހިންގުމުގެ ވިސްނުމާއި ޤާބިލުކަން މިހާރުގެ ލީޑަރޝިޕްގައި ނެތް ކަމެވެ.
އެ އަޑުތަކާއި ގުޅިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ސޯޝަލް މީޑިއާގައި ވިދާޅުވީ ޢަދާލަތު ޕާޓީގެ ރައީސްކަމާ ޝައިޚް ޢިމްރާން ޢަބްދުﷲ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ މަޝްހޫރު އެތައް ދީނީ ޢިލްމުވެރިންނެއް އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށެވެ.
އެގޮތުން ޝައިޚް ޢިމްރާން ޕާޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ މުއައްސިސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ (رحمه الله) ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށެވެ.
މީގެއިތުރުން، އޭރުގެ ލީޑަރޝިޕުން ނިންމި ނިންމުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ޢިލްމުވެރިން ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން އެފަދަ ބޭފުޅުންގެ ލިސްޓެއް އާންމު ކުރެއްވި އެވެ.
ޕާޓީ ތެރޭގައި ދެ ފިކުރެއް އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލު ކުރަމުން ދަނިކޮށް އެ ޕާޓީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ވަކި ބަޔަކު އަދާލަތުުގެ ނިންމުމަށް ތާއީދު ނުކުރި ނަމަވެސް ޕާޓީން ޕީއެންސީ އާއި ގުޅެން ނިންމީ މަޝްވަރާ ކުރުމަށް ފަހު މެޖޯރިޓީ އެގޮަތަށް ބޭނުން ވުމުން ކަމަށެވެ. އެ ނިންމުމަށް ތާއީދު ނުކުރައްވާކަން ސީދާ ހާމަ ނުކުރައްވާ ޑރ. އިޔާޒު ވިދާޅުވީ މެޖޯރިޓީ ބޭނުންވި ގޮތަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް