ލިބުނު ލަގަބުގައި ރަސްމިއްޔާތުތަކަށް ދަނިކޮށް މިސް ޔުނިވާސް ވިއެޓްނާމް އަތުން ތާޖު އަތުލައިފި

20 Nov 2026 | 14:17
އާން ގުޔެން --

އާން ގުޔެން --

މިސް ޔުނިވާސް ވިއެޓްނާމް 2026 ގެ ލަގަބު ހޯދި ކުއިން އާން ގުޔެން ތާޖު އެޅުވިތާ 48 ދުވަސް ފަހުން އޭނާ އަތުން ލަގަބާއި ތާޖު އަތުލައިފި އެވެ.

ވިއެޓްނާމުގައި މިސް ޔުނިވާސް ރީތީގެ މުބާރާތް އިންތިޒާމް ކުރަނީ ފައިވް6 އެންޓަޓެއިންމެންޓް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުންޏަކީ މިސް ޔުނިވާސްގެ ދުނިޔޭގެ އިދާރާއާއި ގުޅިފައި އިންނަ ވިއެޓްނާމްގެ ކުންފުންޏެވެ.

Advertisement

އޭނާއަށް މިސް ޔުނިވާސް ވިއެޓްނާމްގެ ލަގަބު ލިބީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ގުޔެންގެ ތާޖު ގެއްލުނީ، އޮކްޓޫބަރު މަހު އޭނާއަށް ކަނޑައެޅި ހަ މަސް ދުވަހުގެ ސަސްޕެންޝަނުގެ ޝަރުތުތަކާ ޚިލާފުވެގެން ކަމަށް އިންތިޒާމީ ފަރާތުން ފޭސްބުކްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ސަސްޕެންޝަން އައީ، ގުޔެންއާއި ފުރަތަމަ ރަނަރަޕް ޗިން މީ އާންގެ ޕްރައިވެޓް މެސެޖުތަކެއް ކަމަށް ބުނާ ސްކްރީންޝޮޓްތަކެއް އޮންލައިންގައި ދައުރުވި ހިސާބުންނެވެ. އެ މެސެޖުތަކުގައި އެހެން ބައިވެރިންނާއި މުބާރާތާ ގުޅޭ ފަރާތްތަކާ ބެހޭ ބޭއަދަބީ ވާހަކަތައް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ގުޔެން ވަނީ އެކަމަށް މާފަށް އެދި، ތާޖާ އެކު އޮންނަ ޒިންމާ ޤަބޫލުކޮށްފައެވެ.

ސަސްޕެންޝަނުގެ މުއްދަތުގައި ވެސް ގުޔެން، ޖަމިއްޔާގެ ހުއްދައަކާ ނުލައި ހަރަކާތްތަކުގައި ބައިވެރިވެ ޕްރޮފެޝަނަލް ދަޢުވަތުތައް ޤަބޫލުކުރި ކަމަށް ފައިވް6 އެންޓަޓެއިންމެންޓުން ބުނެފައިވެއެވެ. އެގޮތުން، ވަކި ހަރަކާތެއްގައި ބައިވެރިވުމުން މިސް ޔުނިވާސް ވިއެޓްނާމާއި އޭގެ އިންތިޒާމީ ކޮމިޓީއަށް ނޭދެވޭ ތަސައްވުރެއް އުފެދުނު ކަމަށް އެ ކުންފުނިން ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، އެހެން މެނޭޖްމެންޓް ކުންފުންޏެއް ޝާމިލުވާ ހަރަކާތެއްގައި ގުޔެން ހާޒިރުވެ، މުބާރާތުގެ ފަރާތާ މަޝްވަރާ ނުކޮށް އެކްސްކްލޫސިވް އެއްބަސްވުމެއް އިޢުލާނުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ހަމަ އެ ދުވަސްވަރު ގުޔެން ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ފަރުވާއަށް ވަގުތު ބޭނުންވާ ކަމަށް ބުނެ، ކޮންޓްރެކްޓުގެ ދަށުން ހަމަޖެހިފައި ހުރި ޒިންމާތައް އަދާކުރެވެން ނެތް ކަމަށް ޖަމިއްޔާއަށް އަންގައިފައެވެ. ނަމަވެސް އޭގެ ފަހުން ވެސް އޭނާ އިވެންޓުތަކުގައި ބައިވެރިވަމުން ދިޔަ ކަމަށް ފައިވް6 އެންޓަޓެއިންމެންޓުން ބުނެފައިވެއެވެ.

ގުޔެންއަށް ފަހު ތާޖު ޙަވާލުކުރާނެ ފަރާތެއް އިންތިޒާމީ ކޮމިޓީން އަދި ހާމައެއް ނުކުރެއެވެ. ބައިނަލްއަޤުވާމީ މިސް ޔުނިވާސް މުބާރާތުގައި ވިއެޓްނާމް ތަމްސީލުކުރުމުން ވެސް ގުޔެން ކުރިން ބޭރުކޮށްފައިވާއިރު، އެއީ އެ ޤައުމުގެ ފްރެންޗައިޒް ޙައްޤުތަކާ ގުޅޭ ވަކި މައްސަލައެއްގެ ސަބަބުންނެވެ.

މި މައްސަލަ ހިނގދާ ދިޔަގޮތުން 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް 2026 ވަނަ އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ވިއެޓްނާމް ނުފެންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް (1)

ނޯ އޮފެންސް 3 hours ago

ބަޓް ދެޓް ނޭމްދޯ. ގުޔެއް؟