އަލިފާންގަނޑު ކޮންޓްރޯލްވި ކުނިތަކުގަ ކޮންނަން ފެށުމުން ރޯވެ އަނދަނީ، ދުމުން ރައްކާތެރިވުމަށް އެޗްޕީއޭއިން އެދޭ

20 Nov 2026 | 18:38
ކޮންޓްރޯލްވި ފަހުން އަނެއްކާވެސް ކުނިތަކުގައި ރޯވަނީ -- ދުވަސް ފޮޓޯ

ކޮންޓްރޯލްވި ފަހުން އަނެއްކާވެސް ކުނިތަކުގައި ރޯވަނީ -- ދުވަސް ފޮޓޯ

ހުޅުމާލޭ ފޭސް ތިނެއްގައި ހުރި ކުނިތަކެއްގެ މެންދުރު ރޯވި އަލިފާންގަނޑު ބޯކޮށް ވާރޭ ވެހުމުން ކޮންޓްރޯލްވުމަށް ފަހު އަނެއްކާވެސް އަނދަން ފަށައިފި އެވެ.

އެ ކުނިތަކުގައި އަލިފާން ރޯވާން ފެށި މެންދުރު 1:20 ހާއިރު އެވެ. 3:25 އެހާއިރު ބޯކޮށް ވާރޭވެހުމުން އަލިފާންގަނޑު ކޮންޓްރޯލް ވުމުން އެ ސަރަހައްދު ހައިމާކު ބޭނުންކޮށްގެން ކޮންނަތަން ފެނިފައިވެ އެވެ.

Advertisement

ކޮންނަން ފެށުމާއި އެކު 5:30 ހާއިރުން ފެށިގެން އަނެއްކާވެސް ވަނީ ކުނިތަކުގައި އަލިފާން ރޯވެ އަނދަން ފަށާފައި އެވެ. އެމްއެންޑީއެފް ފަޔާ ފައިޓަރުންގެ ޓީމުތަކުން މެންދުރުން ފެށިގެން އެ ސަރަހައްދުގައި ދަނީ އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންނެވެ.

އެތަނުގައި ރޯވެފައިވާ އަލިފާން ގަނޑުން އަރަމުންދާ ދުންތައް ވައި ހުރި ގޮތުން މުޅި ފޭސް ދޭކަށް ފެތުރެމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ )އެޗްޕީއޭ( އިން ވަނީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފައި އެވެ.

އެގޮތުން ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ބޭރަށް ނުނިކުތުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. އަދި ބޭރަށް ނުކުންނަން މަޖުބޫރުވާ ހާލަތްތަކުގައިވެސް، އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނޭހެން މާސްކު ފަދަ ތަކެތި ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ގޭތެރެއަށް ދުން ވަނުން ހުއްޓުވުމަށްޓަކައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ޚާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް މިފަދަ ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވެދާނެތީ، އެފަދަ ފަރާތްތަކުން މިކަމަށް ވަކިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ދުމުގެ އަސަރުގެ ސަބަބުން ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އުނދަގުލެއް ނުވަތަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް