ކެޓަލީނާ ފެނާންޑެޒް --
ކޮލަމްބިއާގެ ސޯޝަލް މީޑިއާ ތަރި ކެޓަލީނާ ފެނާންޑެޒް ނުވަތަ ކެޓަ އެމެޓިސްޓާ މިމަހުގެ 12 ވަނަ ދުވަހު މަރުވުން ވެގެން ގޮސްފައިވަނީ އޭނާގެ ސަޕޯޓަރުން ރޮއްވާލި ހަބަރަކަށެވެ.
ތިން މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި އުމުރުން 25 އަހަރުގެ ކެޓަ މަރުވީ މަދުން ނޫނީ ނުޖެހޭ ސިކުނޑީގެ ކެންސަރެއް ކަމުގައިވާ ސެރެބެލާ މެޑަލޮބްލާސްޓޯމާ ޖެހިގެންނެވެ. ބަލި ޖެހުނުކަން 2023 ވަނަ އަހަރު އޭނާ ހާމަކުރި އެވެ.
ޔޫޓިއުބް ވީޑިއޯއެއްގައި އެންމެ ފުރަތަމައަށް ބައްޔާ ބެހޭ ގޮތުން ވާހަކަ ދެއްކިއިރު، ބުނެފައިވަނީ އަބަދު ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ސިކުނޑީގެ ޓިއުމަރެއް ހުރިކަން އެނގުނު ކަމަށެވެ. ކެޓަ މަރުވުމާ ގުޅިގެން ޢާއިލާގެ ފަރާތުން ވަނީ އިންސްޓަގްރާމްގައި އަސަރުގަދަ ޕޯސްޓެއް ޝާއިޢުކޮށް، އެ ތަރީގެ ހަޔާތުގައި ވަށައިގެންވާ މީހުންނަށް ގެނެސްދިން އުފާވެރިކަމާއި ޕޮޒިޓިވް ރޫޙު ހަނދާންކޮށްފައެވެ.
ފެނާންޑެޒްގެ ވާހަކައާ ގުޅިގެން ސިކުނޑީގެ ޓިއުމަރުގެ ޢަލާމާތްތަކާއި ބޮލުގައި ރިހުމަށް ސަމާލުވާން ޖެހޭ ހާލަތްތަކާ މެދު ގިނަ ބައެއްގެ ސުވާލު ވަނީ އުފެދިފައެވެ. މެޑަލޮބްލާސްޓޯމާއަކީ ހެލިފެލިވެ އުޅުމާއި ހަމަ ހިފެހެއްޓުމާއި ހަށިގަނޑުގެ ކޯޑިނޭޝަނާ ހަވާލު ސިކުނޑީގެ ފަހަތު ބައި ކަމުގައިވާ ސެރެބެލަމްގައި ޢާންމުކޮށް އުފެދޭ ނުރައްކާތެރި، ހަލުވިކޮށް ފެތުރޭ ޓިއުމަރެކެވެ.
ކުޑަކުދިންގެ ތެރޭގައި ގިނައިން ފެންނަ ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ވައްތަރުގެ ކެންސަރު ޖެހެއެވެ. ސިކުނޑިއާއި ސްޕައިނަލް ކޯޑް ވަށައިގެން ދައުރުވާ ސެރެބްރޯސްޕައިނަލް ފްލުއިޑް މެދުވެރިކޮށް ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ފެތުރިދާނެ ކަމަށް އެމެރިކާގެ ނެޝަނަލް ކެންސާ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.
ގިނަ ފަހަރަށް މި ބައްޔަށް ވަކި ސީދާ ސަބަބެއް ނޭނގެއެވެ.
ބޮލުގައި ރިއްސުމަކީ ވަރަށް ޢާންމު ކަމެއް ކަމުގައި ވިޔަސް ބައެއް ޢަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އަބަދު ނުވަތަ އިރުކޮޅަކާ ރިއްސަން ފަށައި، ބޮލުގައި ރިހުމާ އެކު މޭ ނުބައިކުރުމާއި ހޮޑުލެވުމާއި ލޮލުގެ ފެނުން ފުސްވުން، ޢާދަޔާ ޚިލާފަށް ނިދި އައުން ފަދަ އަލާމާތްތައް ފެނިދާނެ ކަމަށް ނެޝަނަލް ކެންސާ އިންސްޓިޓިއުޓުން ބުނެއެވެ.
ޓިއުމަރުގެ ސަބަބުން ސެރެބްރޯސްޕައިނަލް ފްލުއިޑްގެ ދައުރު ހުރަސް އެޅި، ބޮލު ތެރޭގައި ޕްރެޝަރު ބޮޑުވާ ހާލަތުގައި މި ޢަލާމާތްތައް ގަދަވެދާނެއެވެ. ހިނގަން އުނދަގޫވުމާއި ގުނަވަންތައް ބަލިކަށިވުމާއި ފިޓް ޖެހުމަކީ ވެސް ފެންނ ޢަލާމާތްތަކެވެ.
ކެޓަ އެމެޓިސްޓާގެ ވާހަކައިން ހަނދާންކޮށްދެނީ މިފަދަ އެއްވެސް ޢަލާމާތްތައް ފެންނަ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމުގެ މުހިންމު ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް