އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

06 Nov 2026 | 08:30
އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ. ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ.

މި އިންތިޚާބު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާރތުގައި ހުންނަ މަރޑޮކް ޔުނިވަރސިޓީގައި މި މަހުގެ 5 ވަނަ ދުވަހު ބޭއްވި އައިއޭޔޫގެ 17 ވަނަ ޖެނެރަލް ކޮންފަރެންސްގެ ހަވާސާގައެވެ.

އެމްއެންޔޫއިން ބުނީ، މިއީ އެ ޔުނިވަރސިޓީއަށާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ބައިނަލްއަޤްވާމީ ޝަރަފެއް ކަމަށެވެ. އަދި މީގެ ސަބަބުން މަތީ ތަޢުލީމުގެ މުސްތަޤުބަލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަޖުރިބާތަކާއި ވިސްނުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މުހިންމު ފުރުޞަތެއް ފަހިވެގެންދާނެ ކަމަށްވެސް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި ކާމިޔާބީއާ ގުޅިގެން ޑރ. ޝެހެނާޒް ވިދާޅުވީ، އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ނުހަނު ފަޚުރުވެރިވެ، ޝުކުރުވެރިވާ ކަމަށެވެ. އަދި މި ޒިންމާއާ ހަވާލުވެވަޑައިގަންނަވަނީ އިޚްލާޞްތެރިކަމަކާއެކު އައިއޭޔޫގެ މަސައްކަތްތަކަށް މާނަހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި ފުރުޞަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި އެމްއެންޔޫގެ ދައުރު ފުޅާވެ، ދަރިވަރުންނާއި މުވައްޒަފުން އަދި ދިރާސާވެރިންނަށް ފައިދާކުރާނެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން އެހެން ޤައުމުތަކުން ދަސްކުރަންޖެހޭ ކަންތައްތަކެއް ހުރި ފަދައިން، ރާއްޖެއިންވެސް ހިއްސާކުރެވޭނެ އަގުހުރި ތަޖުރިބާތަކެއް އެބަހުރި ކަމަށާއި، އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން ހިމެނޭ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އައިއޭޔޫއަކީ 1950 ވަނަ އަހަރު ޔުނެސްކޯގެ ބެލުމުގެ ދަށުން އުފެއްދި ޖަމްޢިއްޔާއެކެވެ. މިއީ ދުނިޔޭގެ 120އަށްވުރެ ގިނަ ޤައުމަކުން ގާތްގަނޑަކަށް 600 މަތީ ތަޢުލީމު ދޭ މުއައްސަސާތައް ތަމްސީލުކުރާ ބައިނަލްއަޤްވާމީ މުހިންމު ޕްލެޓްފޯމެކެވެ. އެ ޖަމްޢިއްޔާގެ އެޑްމިނިސްޓްރޭޓިވް ބޯޑަކީ ޖަމްޢިއްޔާ ހިންގުމާއި، ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމުގައި އިސްދައުރެއް އަދާކުރާ ބޯޑެވެ.

މި ކާމިޔާބީއަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ތަޢުލީމު (ލަނޑުދަނޑި 4) އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ގުޅުންތައް ބަދަހިކުރުން (ލަނޑުދަނޑި 17)އާ ގުޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އެމްއެންޔޫއިން ވަނީ ޑރ. ޝެހެނާޒަށް ތަހުނިޔާ އަރިސްކޮށް، މި ބައިނަލްއަޤްވާމީ ޒިންމާ އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް