ބޭންކް އޮފް މޯލްޑިވްސް އިން ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ އެ ބޭންކްގެ ބްރާންޗު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައިގާ ހައްޔަރުކޮށްފައިވާ ހަތް މީހަކަށް ބަންދުގެ މުއްދަތު ޖަހައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މިއްސަލައިގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާއާއި ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ބީއެމްއެލްގެ ވިލިނގިލި ބްރާންޗްގެ ފުރާޅު ހަލާކުކޮށްލައިގެން އެތަނަށްވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައިގާ ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާކަމަށެވެ.
އެގޮތުން ފަސް މީހެއްގެ ބަންދަށް 15 ދުވަސް، ދެ މީހެއްގެ ބަންދަށް ހަތް ދުވަސް ޖހާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކަމުގައިވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އިތުރު ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާކަމުގައިވެސް ފުލުހުން ބުނެއެވެ. އަދި އެމީހުންގެ ތެރޭގައި ބިދޭސީއަކު ހިމެނޭކަމަށް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފަޅު ގޯއްޗެއް ބަލައި ފާސްކުރުމުގެ ތެރެއިން މި މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ގޭސް ކަޓަރެއް ފެނިފައިވާކަމަށެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބަޔަކު އެ ބޭންކު ފަޅާލާފައިވަނީ ޓިނުތަކެއް ނައްޓައިގެން އެ ބްރާންޗަށް ވަދެ އެއަށްފަހު ތިޖޫރިތައް ފަޅާލައިގެންނެވެ.
ވަގަށް ނަގާފައިވާ ފައިސާގެ އަދަދު ފުލުހުންވެސް އަދި ބޭންކުންވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު ނޫހަށް މައުލޫމާތު ދިން އޮފިޝަލަކު ބުނެފައިވާގޮތުގައި ވަގަށް ނަގާފައިވާ 14 މިލިޔަން ރުފިޔާ މިހާތަނަށް ހޯދާފައިވެއެވެ. އެ ފައިސާތައް ހޯދާފައިވަނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިން ކަމަށް އެ އޮފިޝަލް ބުނެފައިވެއެވެ. އަދި އެ ފައިސާގެ ތެރޭގައި ޑޮލަރުވެސް ހިމެނޭކަމަށް މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް