ރާއްޖޭގެ އައު ރައީސް، އިބްރާހިމް މުހައްމަދު ސާލިޙްގެ އެއް ވައުދަކީ ސްކޫލް ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމެވެ. އެ ޕްރޮގްރާމްގެ ދަށުން ކޮންމެ ދަރިވަރަކަށް ކިރުތައްޓަކާއި ދޮންކެޔޮވަކެއް ދިނުމެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި ޕްރޮގްރާމަށް 50 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެރިކަމަށް ވަޑައިގެންނެވީ މިފަދަ ވައުދަކައިގެންނެވެ. އެއީ ދަރިވަރުންނަށް މެންދުރުގެ ނާސްތާ ދިނުމެވެ. ވެރިކަމަށް ވަޑައިގެން މަޖިލީހަށް މިކަމުގެ ބިލް ހުށަހެޅުމުން ބޮޑު އަގްލަބިއްޔަތަކުން އެ ބިލު (ހެލްތީ ހަންގަރ ފްރީ ކިޑްސް އެކްޓް އޮފް 2010) ފާސްވެ އެ ގާނޫނު ވުޖޫދަށް އައެވެ. ނަމަވެސް އެ ޕްރޮގްރާމް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޮބާމާގެ އެ ޕްރޮގްރާމް ފެށިގެން ދިޔައީ އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާގެ ނަމަށް ނިސްބަތްވާ ޕްރޮގްރާމެއްގެ ގޮތުގައެވެ.
އެމެރިކާގައި ކުޑަކުދިން ފަލަވާ (އޯވަރވެއިޓް) ވާ މިންވަރު ފާއިތުވި 30 އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެފައިވާކަމަށެވެ. ފަލަވާ (އޯވަރވެއިޓް) ޒުވާން ފުރާ ކުދިންގެ އަދަދު ތިން ގުނަ އިތުރުވެފައިވާކަމަށެވެ. އަދި ނިއުޓްރިޝަން ދަށްވުމުގެ ސަބަބުން އަހަރަކު ތިން ހާހަށްވުރެ ގިނަ ކުދިން މަރުވަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ނާސްތާ ޕްރޮގްރާމް ބިނާ ކޮށްފައިވަނީ މައިގަނޑުގޮތެއްގައި އެ އަސާސްތަކުގެ މައްޗަށެވެ. ދަރިވަރުން ބަނޑު ފުރޭނެ ސިއްހީ ގޮތުން ހެޔޮ ނާސްތާއެއް ދިނުމަށެވެ. އަދި އެފަދަ ނާސްތާއެއް ނެގުމުގެ ގާބިލުކަން ނެތް ދަރިވަރުންނަށް ހިލޭ އެ ނާސްތާ ދެވޭފަދަ ގޮތަކަށެވެ.
އެގޮތުން އެ ޕްރޮގްރާމް މިހާރުވެސް ހިންގަމުން އަންނައިރު ކުރިއަރާފައިވާ ބައެއް ސަރަހައްދުތަކުގެ ސްކޫލުތަކުގައި މި ނާސްތާއަށް ކޮންމެވެސް ވަރެއްގެ ފީއެއް ނަގަމުންދެއެވެ. ބައެއް ސަރަހައްދުތަކުގައި މި ޕްރޮގްރާމްގެ ދަށުން ހުރިހާ ދަރިވަރުންނަށް، ސިއްހީ ގޮތުން ރަނގަޅު، އަދި ބަނޑު ފުރޭވަރަށް ނިއުޓްރިޝަން ލިބޭ ނާސްތާ ހިލޭ ފޯރުކޮށްދެމުންދެއެވެ.
އޮބާމާގެ ވެރިކަން ނިމި ޓްރަމްޕްގެ ވެރިކަން ފެށިގެން ކުރިއަށްދާއިރުވެސް މި ޕްރޮގްރާމް އެބަ ކުރިއަށްދެއެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި މި ޕްރޮގްރާމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވެއެވެ.
------------------------
ރާއްޖޭގައިވެސް މިފަދަ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން އަންނައިރު އުފެދޭ ސުވާލުތައް ބައިވަރެވެ. އެކަން ކުރިއަށްގެންދާނީ ކިހިނެއް ކަމާއިމެދު އުފެދޭ ސުވާލެވެ. އެކަން ކުރިއަށްގެންދާއިރު ކުރިމަތިވާނެ ގޮންޖެހުންތަކަކީ ކޮބައިކަމާއިމެދު އުފެދޭ ސުވާލެވެ. އެކަން ދެމެހެއްޓިދާނެކަމާއިމެދު އުފެދޭ ސުވާލެވެ.
އެކަން ކުރިއަށްގެންދާނެ ގޮތާއިމެދު އުފެދޭ ސުވާލަށް، އެމްޑީޕީން 2013 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯއިން ޖަވާބެއް ލިބެއެވެ. އަޖުމަ ބެލުމުގެ ޕްރޮގްރާމެއްގެ ގޮތުގައި އެ މެނިފެސްޓޯގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހިމަނާފައިވާއިރު، ރާވާފައި އޮތީ ބެލެނިވެރިންނަށް ވައުޗާއެއް ދީގެން އެކަން ކުރުމަށެވެ. އެ ވައުޗާ ހިފައިގެން ވަކި ފިހާރަތަކަކަށް ދިއުމުން ކުދިންގެ ނާސްތާއަށް ބޭނުންވާ ދޮންކޭލާއި ކިރު ހިލޭ ލިބޭ ގޮތަށެވެ.
އެމަގުން މިކަން ކުރިއަށްގެންދާނަމަ ކިރުތައްޓާއި ދޮންކެޔޮވަށް ދަރިވަރަށް ދޭން ބޭނުންވާ ބެލެނިވެރިޔާ އެ ވައުޗަރުގެ އެހީގައި ފިހާރައިން އެ ތަކެތި ގަނެ ދަރިންނަށް އެތަކެތި ދެމުންދާނެއެވެ. ދޭން ބޭނުން ނުވާ ބެލެނިވެރިޔާ ދަރިން ސްކޫލަށް ފޮނުވާނީ ގޭގައި ތައްޔާރުކުރާ ނާސްތާ ދިނުމަށްފަހުގައެވެ. ނަމަވެސް ރައީސް ސާލިޙްގެ މި ޕްރޮގްރާމް ބިނާކޮށްފައިވަނީ، ނުވަތަ ބިނާ ކުރަން ރާވާފައިވަނީ މިގޮތަށްކަން އަދި ސާފެއް ނޫނެވެ. އެހެންކަމުން މި ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެތޯ ކުރިމަތިވާނެ ގޮންޖެހުންތަކަކީ ކޮބައިކަމާއިމެދު އުފެދޭ ސުވާލަށް ބަހުސް ކުރެވޭނީ މި ޕްރޮގްރާމް ގެންދަން ރާވާ ގޮތެއް ސަރުކާރުން ހާމަކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް