އަތްދަބަހަކީ އަންހެންކުދިން ދާ ގިނަ ތަންތަނަށް ގެންދާ އެއްޗެކެވެ. ގިނަފަހަރު އަތްދަބަހުގައި ހުންނާނީ ވަރަށް މުހިއްމު އެއްޗެއްސެވެ. އަނެއްބައި ފަހަރު ހުންނާނީ ބޭކާރު އެއްޗެހިން ބަރުވެފައެވެ. ކޮންމެ ގޮތެއްވިޔަސް ގެންގުޅޭ އަތްދަބަހުގައި ބެހެއްޓުން އަބަދުވެސް މުހިއްމު އެއްޗެހި ހުންނާނެއެވެ. އެކި މީހުންނަށް މިތަކެތީގެ މުހިއްމުކަން ތަފާތުވިޔަސް މިއީ އާއްމުކޮށް ހުރިހާ އަންހެނުންގެ ދަބަހުގައި ހުންނަން ވާނޭ އެއްޗެއްސެވެ.
- ޓިޝޫ އަދި ވެޓް ޓިޝޫ
ޓިޝުލުގެ ބޭނުން ނުޖެހޭ މީހެއް ނުހުންނާއެވެ. ވެޓް ޓިޝޫ ބޭނުންވަނީ މުޅިދުވަހު ބޭރުގައި އުޅެފައި ނުވަތަ މަސައްކަތުގައި އުޅޭ އިރު އެއްކޮށް މޫނުދޮވެ މޭކަޕް އާ ކުރުމަކީ އުނދަގޫ ކަމަކަށް ވާނެތީއެވެ. މޫނު ދޮވެގެން ގެނެވޭ ފަދަ ތާޒާކަމެއް ވެޓް ޓިޝޫއިން މޫނު ފުހެލުމުން ލިބޭނެއެވެ. އާދައިގެ ޓިޝޫއެއް ކޮންމެ ވަގުތަކުވެސް ބޭނުން ޖެހިދާނެއެވެ. ދާ ފުހެލުމަށެވެ. މޭކަޕް ހަޑި ވެއްޖެނަމަ ރަނގަޅުކޮށްލުމަށެވެ. ނުވަތަ ކިނބިހި އެޅޭނަމައެވެ. ނުވަތަ ތަނެއް ނުވަތަ އެއްޗެއް ފުހެލުމަށެވެ.
- ޕިން
ބުރުގަލުގައި ޖަހާ ޕިން ނުވަތަ ބޮލުގަ ޖަހާ ކަޅު ދަތި އަތްދަބަހުގައި ހުރުން މުހިއްމެވެ. އޭރުން ބުރުގާ ހަޑިވެގެން ރީތިކޮށްލަން ޕިނެއް ހޯދަން އުޅޭކަށް ނުޖެހޭނެއެވެ. އަދި ކަޅު ދަތިން އިސްތަށިގަނޑު ފަސޭހަކަމާއެކު ރީތިކޮށްލެވޭނެއެވެ. ހާސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
- ސެނިޓައިޒަރ
މީގެ ކުޑަ ފުޅިއެއް އަބަދުވެސް ގެންގުޅެން ޖެހޭނެއެވެ. އެއީ ބޭރުގައި އުޅޭއިރު އަތްލާ އެއްޗެހި ނުވަތަ ބޭނުން ކުރާ އާއްމު ފާހާނަތަކަކީ އެކި މީހުން ބޭނުން ކޮށްފައި ހުންނަ އެއްޗެއްސެވެ. މިސާލަކަށް ފާހަނައިގެ އިސްކޫރު، ރުފިޔާ ފަދަ އެއްޗެއްސެވެ. ކައުންޓަރު މަސްކަތްތައްކުރާ ކުދިން އަބަދުހެން ފައިސާގައި އަތްލައި އުޅެންޖެހެއެވެ. މި ފަދަ ތަކެތީގައި ހީވެސް ނުކުރާހާ ގިނަ، ބަލި ފަތުރާ ޖަރާސީމު ހުންނާނެއެވެ. ވީމާ އެއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް އެތަކެތީގައި އަތްލާފައި ސެނިޓައިޒަރއެއް ބޭނުންކުރުން މުހިއްމެވެ.
- ސެނިޓެރީ ޕެޑް
ތާރީޚު ބަލަމުން ދިޔަކަމުގައި ވިޔަސް ހީކުރާ ދުވަހާއި ހައިޞުވުން ދިމާ ނުވުމަކީ ވަރަށް ގިނަ އަންހެން ކުދިންނަށް ދިމާވާ ކަމެކެވެ. އަދި ގިނަފަހަރު ދިމާވާނީ އަތުގަ ނުވަތަ ރައްޓެއްސެއް އަތުގައިވެސް މި ނެތް ވަގުތަކާއެވެ. ވީމާ އަބަދުވެސް ދުރާލާ ތައްޔާރުވެ ހުރުން ބުއްދިވެރިޔެވެ.
- މޭކަޕް ސާމާނު
މޭކަޕް ކުރާ ހުރިހާ ސާމާނެއް އަތް ދަބަހަށް އެޅުމުގެ ބޭނުމެއް ނެތެވެ. ދަބަހަށް ވީހާވެސް މަދު މޭކަޕް ސާމާނު އެޅޭތޯ މަސައްކަތް ކުރާށެވެ. ފުއްދަޅަކާއި، މަސްކަރާއަކާއި ލިޕްސްޓިކެއް ފުދޭނެއެވެ. ހުރިހާ މޭކަޕް ސާމާނެއް ކުޑަ ދަބަސް ކޮޅަކަށް ލާފައި އަތް ދަބަހަށް ލާށެވެ. އޭރުން ލިޕްސްޓިކް މަތި ނެއްޓި ނުވަތަ މަސްކަރާ ފުޅިއެޅިގެން ދިމާވާ ހާދިސާތައް މަދު ކުރެވޭނެއެވެ.
- ކުޑަ ސެންޓު ފުޅިޔެއް
ތިމާގެ ގައިން އެހެން މީހަކަށް ނުބައިވަސް ދުވުމަކީ އެހެން މީހުން ތިމާ އާމެދު ދެކޭނެ ގޮތަށް އަސަރުތަކެއް ކުރުވާނެ ކަމެކެވެ. ވީމާ އަބަދުވެސް ގައިން މީރުވަސް ދުއްވާފައި ބަހައްޓަން ވާނެއެވެ. ހީނުކުރާ މިހަކާއި، ހީނުކުރާ ވަގުތެއްގައި ދިމާވެސް ވެދާނެއެވެ. ނުވަތަ އޮފީހުގައި އުޅޭ އިރު އެކި ބައްދަލުވުންތައް އޮންނާނެއެވެ. ވީމާ އިމަރޖެންސީ ހާލަތުގައި ވިޔަސް ބޭނުން ކުރަން ސެންޓު ފުޅިއެއް އަތްދަބަހުގައި އަބަދުވެސް ގެންގުޅެންވާނެއެވެ.
- މިންޓް ނުވަތަ ގަމް
ހަމައެކަނި ގައިން މީރުވަސް ދުއްވިޔަކަސް ނުވާނެއެވެ. ތިމާ އެހެން މީހަކާ މުޢާމަލާތް ކުރާ އިރު ތިމާގެ އަނގައިން ނުބައިވަސް ދުވުމަކީ ތިމާގެ ގައިން ނުބައިވަސް ދުވުމަށްވުރެވެސް ހަޑިކަމެކެވެ. ވީމާ އަނގައިން ނުބައިވަސް ދުވިޔަ ނުދިނުމައްޓަކައި މިފަދަ އެއްޗެއް ބޭނުން ކޮށްލުން މުހިއްމެވެ.
- ގަލަމާއި ނޯޓުފޮތް
ކުޑަ ނޯޓު ފޮތަކާއި ގަލަމެއް އަބަދުވެސް ދަބަހުގައި ބެހެއްޓުން ވަރަށް މުހިއްމެވެ. ފޯމެއް ފުރަން، އެއްޗެއް ނޯޓުކުރަން ނުވަތަ އެއްޗެއްގައި ސޮއި ކުރަން ޖެހޭ ވަގުތު ގަލަމެއް ނެތުމަކީ ވަރަށް އުނދަގޫވާނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް