އެކާވީސް ވަނަ ގަރުނާ އަހަރުމެން ކުރިމަތިލިއިރު އަހަރުމެންގެ ހަޔާތްވަނީ އާދަޔާ ޚިލާފަށް ބުރަވެފައެވެ. ކުރަން ޖެހޭ ކަންކަން ވަނީ އިތުރުވެފައެވެ. ގިނަފަހަރު އެދުވަހަކު ކުރަންޖެހޭ ހުރިހާކަމެއް ނުވެސް ކުރެވެއެވެ. ހެނދުނު ހެނދުނާ ހޭލާގޮތަށް ދަންވަރުވަންދެން އެކި ކަންކަމުގަ އުޅުނަސް އެވެ. އަހަރުމެންގެ އަމިއްލަ ކަންކަމުގައި މިހާ ބުރައިގައި އުޅެމުން އަހަރުމެންނަށް އެންމެ ބޮޑަށް ފަރުވާ ކުޑަކުރެވިފައިވަނީ ނަމާދާ މެދުގައެވެ.
"އަހަންނަށް ކުރެވުނު ވަރަކުން ނަމާދުތައް ކުރަން" މިހެން ބުނާ ކިތަންމެ ބަޔަކު މި މުޖުތަމަޢުގައި އެބަ އުޅެއެވެ. ނަމަވެސް އެއީ ކުރެވުނު ވަރަކުން، ކުރެވުނު އިރަކުން ކުރަން އޮންނަ އަޅުކަމެއް ނޫނެވެ. ފަސްވަގުތަކު އޮންނަ ފަސް ނަމާދެވެ. ނަމާދެއް ކޮށްލަން ދާނީ އެންމެ 10 މިނެޓުހާއިރެވެ. ކޮފީތަކުގައި ގަޑި ދެގަޑީރު ތިބެވޭ އިރު އެންމެ 10 މިނެޓު ނަމާދަށްޓަކައި ހުސް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ އެއީ ނަމާދާމެދު ވިސްނޭ ގޮތަކުން ކަމަށްވެސް ވެދާނެއެވެ.
ނަމާދަކީ އެހެން މީހަކަށް ކޮށްދޭ ކަމެއްނޫނެވެ. ނުވަތަ މާތްاللهއަށްޓަކައި ކުރާ އަޅުކަމެއް ނޫނެވެ. އެއީ އަހަރުމެންނަށްޓަކައި މާތް اللهއަށް ކުރާ އަޅުކަމެކެވެ. ބާލިޢުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނޭ އަޅުކަމެކެވެ. މި އަޅުކަން ހަމަ ނުކުރެވި ނުވަތަ މި އަޅުކަމުން ފާސް ނުވެއްޖެނަމަ ދެން ތިމާ އެ "ފެއިލް" ވީކަން އެނގޭ ހެއްޔެވެ؟ އެ އިމްތިހާނަށް ވުރެ ދުނިޔެމަތީގައި އިންސާނުން ދޭ އިމްތިހާނުތަކުން މާކުސް ހޯދުން މާ މުހިއްމުވީހެއްޔެވެ؟
ދެން އޮންނާނެ އަނެއްބަހަނާއަކީ އޮފީހުގެ ވަގުތު އޮންނަ ގޮތުން ނަމާދަށް ނޭރޭ ވާހަކައެވެ. "ބްރޭކެއް" ނުލިބޭ ވާހަކައެވެ. ވަގުތަކީ ހޯދީމައި ލިބޭނެ އެއްޗެއްކަމަށް މީހުން ބުނާ އަޑު އަބަދުވެސް އަހާނެއެވެ. ވީމާ ނަމާދު ކުރަންވެސް ޖެހޭނީ ވަގުތު ހޯދާށެވެ. ކޮންމެ ވަޒީފާއަކަށް ވަންނަ އިރުވެސް އެގްރީމެންޓެއް އޮންނާނެއެވެ. ރާއްޖެ ފަދަ މުސްލިމް ގައުމެއްގައި ވަޒީފާގެ އެގްރީމެންޓުގައި ނަމާދަށް ވަކި ވަރަކަށް ވަގުތު ހަމަޖެހިފައި އޮވެއެވެ. ނަމަވެސް މިވަގުތުގެ ބޭނުން ކުރަނީ ނަމާދު ކުރުމައިގައިތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ހިތާމަޔަކީ ބައެއް އޮފީސްތަކުން ނަމާދަށާއި ކެއުމަށް ދެނީ އެދެކަމުން ކޮންމެވެސް އެއްކަމެއް ކުރެވޭނެހާ ވަގުތު ކަމެވެ. ވީމާ އޮފީސްތަކުންވެސް މުވައްޒަފުން ނަމާދު ކުރުމަށް ބާރު އެޅުމުގެ ގޮތުންވެސް މި ވަގުތު އިތުރުކުރަން ވާނެއެވެ.
އަހަރުމެންނަށް ފަންސާސް ނަމާދުގެ ބަދަލުގައި ފަސް ނަމާދު ފަރުޟު ކުރެއްވީތީވެސް އަހަރުމެން އެކަމަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެން ނޫންނަމަ އަހަރުމެންގެ މި "ބިޒީ" ދުވަހުން ފަންސާސް ނަމާދަށް ތަންދޭނީ ކިހިނެއް ހެއްޔެވެ؟ މި ކަމަށް ޝުކުރުވެރިވުމުގެ ގޮތުންވެސް އެންމެ ފަސް ނަމާދު އޭގެ ވަގުތުގައި ކޮށްލުން ކީއްހެއްޔެވެ؟ ބޭނުން އިރަކު ނުވަތަ ކުރެވުނު އިރަކުން ނަމާދު ކުރުން ދޫކޮށްލާށެވެ. މި އާދަ ދޫކޮށްލަން އެންމެ ފަސޭހަވާނީ ނަމާދު ވަގުތު ޖެހޭއިރަށް ގޮސް އަވަހަށް ނަމާދަށް އެރުމުންނެވެ. އަދި އަބަދުވެސް ފަތިސް ނަމާދުން ދުވަސް ފަށާށެވެ. ނިދިފައި އޮތްމީހާ ހޭލެވުނު އިރަކުން ގެއްލުނު ނާމާދު ކުރުން ހުއްދަވިޔަސް ފަތިސް ނަމާދު ގަޑިއަށް ހޭލަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އެހެނީ އިރުއެރުމުން ފަތިސް ނަމާދު ވަގުތު ހަމަވެއެވެ. އަދި އަބަދުވެސް ނަމާދު ވަގުތު ފާއިތު ވެއްޖެނަމަ ނަމާދު ގަޟާ ކުރާށެވެ. ނަމާދު ނުކުރެވި ހުއްޓާ އެނަމާދުގެ ވަގުތު ފަހަރުގައިވެސް ގެއްލިއްޖެނަމަ، އެނަމާދު ކުރުމުގެ ޒިންމާ ނުވަތަ އެ ވާޖިބު ތިމާގެ ބޮލުން ކެނޑުނީއެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް