ދެވަނަ ހާފްގެ ލަނޑުތަކުން މޮޅުވެ، އީގަލްސް ތިންވަނައަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ކުޅުނު ލަނޑުތަކުން މޮޅުވެ، ކްލަބު އީގަލްސް ތިންވަނައަށް ޖެހިލައިފި އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދ...

20 Nov 2015 | 13:45

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގައި ކުޅުނު ލަނޑުތަކުން މޮޅުވެ، ކްލަބު އީގަލްސް ތިންވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ އަތުން އީގަލްސް ކުރި ހޯދީ 2-0 ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިމެޗުގެ 47 ވަނަ މިނެޓްގައި އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ލީޑު ނަގައިދިނީ އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ އީގަލްސްގެ ބިދޭސީ ފޯވަޑް އަބޫ މަންސާރީ ފޮނުވާލި ހަމަލާ ބްލޮކްވުމުން ލިބުނު ރީބައުންސް ބޯޅައިންނެވެ.

މިމެޗުގެ 58 ވަނަ މިނެޓްގައި އީގަލްސްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ވިކްޓަރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު އިބްރާހިމް މުބީން ދިން ބޯޅައަކުން އީގަލްސްއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަންސާރު އިބްރާހިމް އެވެ.

މި ނަތީޖާއާއެކު އީގަލްސް ތިންވަނައިގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެވެ. ކުޅުނު 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު، 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޓީސީ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި މަހިބަދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް