މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ އެމްއެންޑީއެފް ފޮޓޯ މަޢުރަޒު، އެމްއެންޑީއެފް ސަދަން އޭރިއާ، ޏ.ފުވައްމުލަކުގައި ފަށައިފިއެވެ.
16 ވަނަ އެމްއެންޑީއެފް ފޮޓޯ މައުރަޒު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފޮޓޯ މަޢުރަޒު ހުޅުއްވައިދެއްވާ އެމްއެންޑީއެފުން ނޮވެމްބަރު 3 ގައި ނެރޭ އައްޑަނަ އަހަރީ މަޖައްލާ ނެރެދެއްވީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު މުޙައްމަދެވެ.
2015 ނޮވެމްބަރ 20 އިން 21 (ހުކުރު އަދި ހޮނިހިރު) އަށް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި، ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ ފޮޓޯތައް ހިމެނެއެވެ.
މިފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4:30 އިން 6:00 އަށެވެ. އަދި އެރޭ ރޭގަނޑު 8:00 އިން 10:00 އަށް ކަމަށާއި އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 2:00 އިން 6:00 އަށް ފޮޓޯ މަޢުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
މީގެ އިތުރުން ޏ.ފުވައްމުލަކު ކައުންސިލް އިދާރާ އާއި ފުވައްމުލަކު ރައްޔިތުންގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ސަދަން އޭރިއާއިން ކުރިއަށްގެންދާ މިފޮޓޯ މަޢުރަޒުގެ ތެރެއިން ޢާއިލީ ހަވީރެއް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ބާއްވާގޮތަށް ހަމަޖެހިފައި ވާކަމަށާއި މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތައް ހިމެނޭނެއެވެ. އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްވެސް މި ފޮޓޯ މަޢުރަޒުގެ ތެރެއިން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް