މި ސަރުކާރު ދެމެހެއްޓުމަކީ ގައުމީ މަސްއޫލިއްޔަތެއް: މިނިސްޓަރު ޝަހީމް

ރައިސް އަބްދުﷲ ޔާމީން އަބަދުލްގައްޔޫމްގެ ސަރުކާރުގެ އެއް އަހަރަކީ އިސްލާމީ ގޮތުން ކާމިޔާބު އަހަރެއް ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަކީ ގައުމީ މަސްއޫލިއްޔަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަ...

20 Nov 2014 | 17:03

ރައިސް އަބްދުﷲ ޔާމީން އަބަދުލްގައްޔޫމްގެ ސަރުކާރުގެ އެއް އަހަރަކީ އިސްލާމީ ގޮތުން ކާމިޔާބު އަހަރެއް ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަކީ ގައުމީ މަސްއޫލިއްޔަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް 365 ދުވަސް ފުރުމުގެ އުފަލުގައި މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މީގެކުރިން ސިޔާސީ ލީޑަރުން ދިޔައީ ހައްޔަރު ކުރަމުން ކަމަށާއި މީޑިއާ ބޭނުންކޮށްގެން މީހުންގެ އަބުރު ކަތިލަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައްކާތެރިކަން ލިބިފައިވާކަން ކަށަވަރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ގައުމުގެ އެތެރެ އޮތީ ހަލަބޮލިކޮށް، ވަޑައިގެން ސުލްހަވެރިކަމާ އިސްތިގުލާލު މިވަނީ ގެންނަވާފަ، އޭރު އޮތީ އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރަން ޖެހިފަ، މިއަދު އިސްލާމީ ދުނިޔެއާ ރާއްޖެ މިވަނީ ވަރަށް ބޮޑަށް ގާތްވެފަ، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހަމަލާދެމުން ދިޔައިރު ރައީސް ޔާމީން ނިންމެވި ނިންމެވުންތަކުން ދިވެހިންނަށް އުފާވެރިކަން ލިބުނު" މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ކީރިތި ގުރުއާން ހިތުދަސް ކުރާ ފަރާތްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ އަހަރެއް ކަމަށެވެ. އެގޮތުން ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ގައުމީ ހިތްވަރުދިނުމުގެ އިނާމު ފުރަތަމަ ފަހަރަށް ދިން ސަރުކާރަކީ މީކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިސްލާމީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ، އިސްލާމީ ޝަރީއަތުގެ ފިގުހު ތަރުޖަމާ ކުރަން އެވަނީ ފަށާފަ، ހައްޖުގެ ނިޒާމް ތަރައްގީކޮށް ވަކި ކޯޕަރޭޝަނެއްގެ ދަށަށް އެވަނީ ބަދަލު ކުރައްވާފަ، ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަމުން އެދަނީ މައްކާއިން ދިވެހިންނަށް ބިމެއް ހޯދަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި 304 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މިސްކިތްތައް މަރާމާތު ކުރެއްވުމަށް ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އަދި ހަލާލް ސެޓްފިކެޓާއި ރަށުގައި ތިބެގެން ވޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުރުއާން ދަސްކުރެވޭނެ ގޮތް ހަމަޖައްސާދީފައިވާކަމަށް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ހަޖަމު ނުކުރެވޭތީ ފާޑު ފާޑުގެ ވާހަކަ ދައްކާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުމަކީ ދިވެހި ގައުމުގެ އެންމެމަތީ އާންމު މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކާ އެޅޭނެ ފިވަވަޅެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް