ފޯމް ހުށަހަޅައިގެން ވައުޗާ ދޫކުރާ ނިންމީ އޮޑިޓާ ޖެނެރަލްގެ ލަފާފުޅަށް: ނަޒީރު

ސްކޫލްތަކުގެ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ދޫކުރުމުގައި ފޯމްގައި ބެލެނިވެރިން ސޮއި ކުރާގޮތަށް ހަމަޖެއްސީ އޮޑިޓަ ޖެނެރަލްގެ ލަފައާ އެކު އެ ނިޒާމް ހަރުދަނާކުރަން ކަމަށް އ...

20 Nov 2014 | 13:29

ސްކޫލްތަކުގެ ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ފޮތްތަކާއި ސްޓޭޝަނަރީ ދޫކުރުމުގައި ފޯމްގައި ބެލެނިވެރިން ސޮއި ކުރާގޮތަށް ހަމަޖެއްސީ އޮޑިޓަ ޖެނެރަލްގެ ލަފައާ އެކު އެ ނިޒާމް ހަރުދަނާކުރަން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ އަބދުﷲ ނަޒީރު ވިދާޅުވީ  އޮޑިޓާ ޖެނެރަލް ލަފާދެއްވާދައިވަނީ ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރު ދޫކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ކަމަށެވެ. ނަޒީރު ވިދާޅުވީ ވައުޗާ ހޯދުމަށް އެދި ހުށަހެޅުމަށް ސްކޫލްތަކުން ދޫކުރާ ފޯމްގައި ބެލެނިވެރިން ސޮއި ކުރާގޮތަށް ހަމަޖެއްސީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މިނިސްޓްރީ ގުޅީގެން ބޭއްވި މަޝްވަރާތަތަކަކަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ވައުޗާއަށް ފޯމެއް ފުރަން ޖެހުނަސް ޓެކްސްޓް ފޮތްތައް ދޫކުރާނީ ސްކޫލުން ކަމަށެވެ. އަދި މިވީ ހާތަނަށްވެސް ވައުޗާއަކީ ބެލެނިވެރިންގެ ތެރެއިން ބޭނުން މީހަކަށް ދޫކުރާ އެއްޗެއް ކަމަށާއިހަމައެކަނި ތަފާތަކީ ފޯމްގައި ބެލެނިވެރިން ސޮއި ކުރަން ހަމަޖެއްސުން ކަމަށެވެ.

"މިއީ އާބަދަލެއް ނޫން. ބެލެނިވެރިން ފޯމްގައި ސޮއި ކުރާ ގޮތަށް ހަމަޖެއްސީ ބޭނުންވާ ފަރާތްތަކަށް ދޫކޮށް ވައުޗާ ދޫކުރުން ހަރުދަނާ ކުރުމަށް އޮޑިޓާ ޖެނެރަލް ލަފާ ދެއްވުމުން،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލަކީ ބެލެނިވެރިންނަށް ބުރައެއް ޖެއްސުމަށް ގެނައި ބަދަލެއް ނޫން ކަމަށެވެ. އަދި މިފަދަ ބޮޑު ކަމެއްގެ ރެކޯޑު ބެލެހެއްޓެން ޖެހޭނެ ކަމަށާއި ހަރަދު ކުރެވެނީ ރައްޔިތުންގެ ފައިސާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް