ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ ސ. ހުޅުދޫ، އާބާދުވިލާ، ނުޢުމާން (37އ) ގެ މައްޗަށެވެ.
ނުޢުމާންގެ މައްޗަށް ޙުކުމްކޮށްފައިވަނީ ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި 2012 އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުގެ 11:25 ހާއިރު އައްޑު އަތޮޅުން ފުރައިގެން ފުވައްމުލަކަށް އައި އެމް.ވީ.ކޭ ލޯންޗުން މަސްތުވާތަކެތި ގެނައި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ނުޢުމާން ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ޕޮލިސް ސްޓޭޝަނުގައި ހުންނަ ސިޑި ކަރީގައި ހުރި ގޮނޑިއެއްގައި ބައިންދާފައި އިންދާ ނުޢުމާންގެ ވައަތުން ސިޑި ދަށަށް އެއްޗެއް އެއްލާލާފައި ނުވާނެކަމަށްބުނެ ދަޢުވާއަށް އިންކާރުކުރުމާއި ގުޅިގެން ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުން ނުޢުމާން އެއްލާލި އެތިން 7 ރަބަރު ޕެކެޓް ފެނިފައިވާކަން އެނގެން އޮންނަކަމަށް ބުނެފައިވެއެވެ.
އެ 7 ޕެކެޓް ތަހުލީލު ކުރިއިރު އެތަކެތީގެ ބަރުދަނުގައި 4.7026 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީއާއި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާއަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ (ހ) ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުޤޫބާތެއް ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ނުޢުމާން އުމުރަށް ޖަލަށްލުމާއެކު 100000 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ އެއް މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށްވެސް ޙުކުމްގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ޙުކުމްކޮށްފައިވާ ނުޢުމާންއަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް