ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން މިއަދު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.
ޒިހާނަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ ފަސްޓް ލެފްޓިނަންޓަކާއި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުގައި ހުއްޓައެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ޖެހި ޕޯސްޓުގައި، އެކަން ކުރަން ހިތްވަރުދީފައިވެއެވެ.
"[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" ކަމަށް އޭނާގެ ސްޓޭޓަސްގައި ބުނެފައިވެއެވެ.
ނަމަވެސް އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ އެ ޕޯސްޓް ޑިލީޓްކޮށްފައިވެއެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނުމަށްފަހު އެ މަގާމުން ވަކިކުރުމުން، އޭނާ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުން އަންނަނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް