ޓައިގާ ޝްރޮފް --
ބޮލީވުޑު ތަރި ޓައިގާ ޝްރޮފް މަރާލުމަށް ބަޑިޖެހި މީހުން އަސްލު އިންޑިއާގެ މުމްބާއީއަށް ދިޔައީ އެހެން ނުދަންނަ މީހަކު މަރާލުމަށް ކަމަށް ތަޙުޤީޤުގެ ތެރެއިން އެނގިފައިވާކަމަށް އިތުބާރު ހުރި ފަރާތަކާއި ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފި އެވެ.
ޓައިގާއަށް މިދިޔަ ހޮނިހިރު ދުވަހު ހަމަލާދިނީ ފުޓުބޯޅަ މެޗެއް ކުޅުމަށް ފަހު އެނބުރި ދާން ކާރަށް އަރާ ދުއްވާލި ވަގުތު އެވެ. މި މައްސަލައިގަ ތިން މީހަކު މިހާތަނަށް މުމްބާއީ ފުލުހުން ހައްޔަރުކޮށްފައިވާއިރު އެމީހުން ތަހުގީގުގައި ވާހަކަ ދައްކަމުންދާކަމަށް މައުލޫމާތުދީފައިވެ އެވެ.
އެމީހުން ތަހުގީގުގައި ބުނީ އަމާޒުކުރި ފަރާތް އާދައިގެ ގޮތުން އުޅޭ ސަރަހައްދުތައް ބެލުމަށްފަހު، އެ މީހާގެ ގާތަށް ނުދެވޭނެކަން އެމީހުންނަށް ވިސްނުން ކަމަށެވެ. އޭގެ ފަހުން ޓައިގާގެ ފޭނުން ޕޯސްޓު ކުރާ ރީލްތަކުން، އެ ތަރީގެ ރައްކާތެރިކަމަށް ފުލުހުން ނެތްކަން އެނގުމުން އަމާޒު ބަދަލުކުރީ ކަމަށް ބުންޏެވެ. އެމީހުން ދެން ޓައިގާއާއި އޭނާގެ ފޭނުންގެ އިންސްޓަގްރާމް އެކައުންޓުތައް ބަލަމުން، އޭނާ ހަރަކާތްތެރިވާ ގޮތަށް ވަރަށް ބޮޑަށް ފާރަލި ކަމަށް ބުންޏެވެ.
މައުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި އެމީހުންނަށް އެޑްވާންސްގެ ގޮތުގައި 50,000 އިންޑިއަން ރުޕީސް ދީފައިވާ ކަމަށް ތަހުގީގުގައި ބުންޏެވެ. ހަމަލާއަށްފަހު އިތުރު ފައިސާއާއި ގައުމުން ބޭރުން ވަޒީފާ ދޭނެ ކަމުގެ ވަޢުދުވެސް ވެފައިވާ ކަމަށެވެ. އަދި ޓައިގާއަށް އަމާޒުކޮށް ބަޑި ޖެހުމަށްފަހު އެމީހުން ފޮނުވި ފަރާތްތަކަށް "އޮޕަރޭޝަން" ނިމިއްޖެކަން އަންގާފައިވާނެ ކަމަށް ތަހުގީގުގައި ބުނި ކަމަށްވެ އެވެ.
މައުލޫމާތު ދިން ފަރާތުން ބުނީ ޓައިގާއަށް އަމާޒުކޮށް ބަޑި ޖެހުމުގެ ބޭނުމަކީ ފިލްމީ ދާއިރާގައި ބިރު ފެތުރުން ކަމަށް އެމީހުން ތަހުގީގުގައި ބުނެފައިވާކަމަށް ވެ އެވެ. ނަމަވެސް އެމީހުންނަކީ ލޯރެންސް ބިޝްނޯއީ ގޭންގުގެ ބައެއް ކަމަކަށް ތަހުގީގުގައި ބުނި ކަމެއް އަދި ނޭނގެ އެވެ.
އެ ހަމަލާ ދިނުމާއި އެކު އެ ގޭންގުގެ އިސް މީހަކު ވަނީ ސޯޝަލް މީޑިއާގައި އެ ހަމަލާއަކީ އެމީހުން ދިން ހަމަލާއެއް ކަމަށް ބުނެފައި އެވެ. އަދި ޓައިގާއަށް ހަމަލާދިނީ ސަލްމާންއާ އޮންނަ ގުޅުން ކަނޑާލަން އެންގުމުން އެކަމަށް ނުކިޔަމަންތެރިވާތީ ކަމަށް ބުނެފަ އެވެ. އެ މީހާ ބުނީ އެ ގޭންގާއި ނުގުޅި މަސައްކަތް ކުރާ ހުރިހާ ފިލްމީ ދާއިރާގެ މީހުން މަރާލާނެ ކަމަށާއި އެއީ ފުރަތަމަ އަދި ފަހުގެ އިންޒާރު ކަމަށެވެ.
މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ބިހާރުގެ 22 އަހަރުގެ ހްރިތިކް ރޯޝަނާއި، ހަރިޔާނާގެ 18 އަހަރުގެ ރެހާނާއި ފޫލް ސިންގެވެ. ދެން ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖެކެވެ.
ޓައިގާއަށް ދިން ހަމަލާގައި އޭނާގެ ކާރަށް ހަތް ވަޒަން އަރާފައިވެ އެވެ. އަދި ޑްރައިވަރަށާއި އެ ސަރަހައްދުގައި އޮތް އޮޓޯއެއްގެ ޑްރައިވަރެއްގެ ގަޔަށް ވަޒަން އަރާފައިވެ އެވެ. ނަމަވެސް ތިން މީހުންނަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް