ހޫތީންނަށް ހަތިޔާރު ލިބުން ހުއްޓުވުމަށް ގޮވާލުމަށް ސައޫދީ ތަރުޙީބު

ހޫތީ ޖަމާޢަތަށް ހަތިޔާރާއި އެހެނިހެން އެހީތެރިކަން ލިބުން ހުއްޓުވުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ތަރުޙީބުކޮށްފިއެވެ.

20 Oct 2026 | 16:54
ހޫތީންނަށް ހަތިޔާރު ލިބުން ހުއްޓުވުމަށް ގޮވާލުމަށް ސައޫދީ ތަރުޙީބު

ހޫތީ ޖަމާޢަތަށް ހަތިޔާރާއި އެހެނިހެން އެހީތެރިކަން ލިބުން ހުއްޓުވުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް ސައޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ތަރުޙީބުކޮށްފިއެވެ.

ސައޫދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒުގެ ރިޔާސަތުގައި ރިޔާޟުގައި އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ޖަލްސާއަށްފަހު ސައޫދީ ޕްރެސް އޭޖެންސީއަށް ދިން ބަޔާނެއްގައި މީޑިއާ މިނިސްޓަރު ސަލްމާން އަލް ދޫސަރީ ބުނެފައިވަނީ، ސައޫދީ ޢަރަބިއްޔާގެ ޢާންމު މުދަލާއި، އެއާޕޯޓުތަކާއި، ހަކަތައިގެ ވަސީލަތްތަކަށް ހޫތީން ދީފައިވާ ހަމަލާތައް ސަލާމަތީ މަޖިލީހުގެ ބަޔާނުގައި ކުށްވެރިކޮށްފައިވާ ކަމަށެވެ. އަދި ރަތްކަނޑާއި ބާބުލް މަންދަބުގައި ކަނޑުމަތީ ދަތުރުފަތުރަށް ދެމިއޮތް އިންޒާރުތައް ވެސް އެ ބަޔާނުގައި ކުށްވެރިކޮށްފައިވެއެވެ.

ސަލާމަތީ މަޖިލީހުގެ 2216 ވަނަ ގަރާރާއި، އޭގެފަހުން ފާސްކުރި ގަރާރުތައް ފުރިހަމައަށް ތަންފީޛުކުރުމުގެ މުހިންމުކަމަށް ވެސް އެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ސަރަހައްދުގެ ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކި ކެބިނެޓުން ބުނެފައިވަނީ، ޢާލަމީ ހަކަތައިގެ ސަލާމަތާއި، ބައިނަލްއަޤުވާމީ ވިޔަފާރިއާއި، ކަނޑުމަތީ ދަތުރުފަތުރަށް ކުރާ އަސަރުތައް ކުޑަކުރުމަކީ ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވާ، ހުރިހާ ފަރާތަކާ ޙިއްސާވާ ޒިންމާއެއް ކަމަށެވެ.

ޖަލްސާގެ ފެށުމުގައި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ޘާނީގެ ފަރާތުން ރަސްގެފާނަށް ފޮނުވި ސިޓީއާއި، ވަލީޢަހުދާއި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނާއި ޢިރާޤުގެ ބޮޑުވަޒީރު ޢަލީ ފާލިޙް އަލް ޒައިދީ ބައްދަލުކުރި ވާހަކަ ވެސް ކެބިނެޓަށް ހާމަކޮށްފައިވެއެވެ.

ސައިބަރ ސެކިއުރިޓީއާ ބެހޭ ވަޒީރުންގެ މަޖިލީހެއް އުފައްދައި، އޭގެ ޖެނެރަލް ސެކްރެޓޭރިއޭޓް ރިޔާޟުގައި ޤާއިމުކުރުމަށް އިސްލާމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަށް ވެސް ކެބިނެޓުން ތަޢުރީފުކޮށްފައިވެއެވެ. އެ ނިންމުން ނިންމީ ސައޫދީ ޢަރަބިއްޔާއިން ހުށަހެޅި ޚިޔާލަކަށް ބިނާކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް