މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

20 Oct 2026 | 14:59
ފޮޓޯ: ދިރާގުމޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ފޮޓޯ: ދިރާގުމޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ހުޅުމާލޭގައި ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށް، އެ އެކްސްޕޯގައި ހިލޭ ގޭމިންގ ހަރަކާތްތަކާއި ޚާއްޞަ އޮފަރުތައް ހުށަހަޅާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ، ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމާއި އައު އީޖާދުތައް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯއަކީ މިއީ ކަމަށެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ގުޅިގެން ރާވާ އެ އެކްސްޕޯ، ހުޅުމާލެ ސެންޓްރަލް ޕާކުގައި 25 އޮކްޓޫބަރުން ފެށިގެން 2 ނޮވެމްބަރު 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދިރާގުގެ ބަޔާނުގައިވާ ގޮތުން، އެ ކުންފުނީގެ އެކްސްޕީރިއެންސް ސްޓޯލަށް ދާ ފަރާތްތަކަށް އެ ކުންފުނީގެ އެންމެ ފަހުގެ ޚިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލެވޭނެއެވެ. އެ ސްޓޯލުން ދިރާގުގެ ޚިދުމަތްތައް ނަގާ ފަރާތްތަކަށް ޚާއްޞަ އޮފަރުތަކާއި އިތުރު ފައިދާތައް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ރާވާ ގޭމިންގ ހަރަކާތްތަކުގައި އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ހިމެނޭ ކަމަށް ދިރާގުން ބުނެފައިވެއެވެ. އޭގެ އިތުރުން، ޖީޓީ 7 ރޭސިންގ ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ވެސް ހިލޭ ކުޅެލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ، މި ހުރިހާ ހަރަކާތެއްގައި ހިލޭ ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ ދުވަހަކު ދެވޭ ޗެލެންޖްތައް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެކްސްޕޯގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބައެއް ކަމަށްވާ "ޤައުމީ އުފެއްދުންތެރިކަމުގެ މަޢުރަޟު"ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ދައްކާލާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް