ރަސްމާލޭގެ ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ: ރައީސް

އީގަލް ހިލްސް މަޝްރޫއުގެ ދަށުން 99 އަހަރަށް ދޫކުރާ ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުގައި އޮންނާނެ ކަމަށާއި، މުއްދަތު ހަމަވުމުން އެތަންތަން ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

20 Oct 2026 | 10:06
ރަސްމާލޭގެ ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އެތަން އެހެން ފަރާތަކަށް ނުވިއްކޭނެ: ރައީސް

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ގަންނަ ފަރާތްތަކަށް އެތަންތަން އެހެން ފަރާތަކަށް ނުވިއްކޭނެ ކަމާއި، އެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރުގައި އޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 99 އަހަރުގެ މުއްދަތު ހަމަވުމުން ވެސް އެ ޕްރޮޕަޓީތައް ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށެވެ. މި ވާހަކަފުޅު ދެއްކެވީ، ޕްރޮޕަޓީތައް 99 އަހަރަށް ދިނުމާ ގުޅިގެން ފެތުރެމުންދާ ވާހަކަތަކަށް ރިއާޔަތްކުރައްވައިގެންނެވެ.

ރައީސް ވިދާޅުވީ، މި ޕްރޮޕަޓީތަކާ ގުޅޭ ކޮންމެ މުއާމަލާތަކުން ވެސް ފައިދާ ކުރާނީ ސަރުކާރަށް ކަމަށާއި، ދައުލަތަށް އެކަމުން އާމްދަނީ ލިބޭނެ ކަމަށެވެ.

"މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ވިއްކަން. ސަރުކާރުން ދެންއެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީކީއެއް،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ހިއްކިއިރު ރޭވުންތެރިކަމާއެކު މަސައްކަތް ނުކުރެވުމުން، މީހުން ދިރިއުޅެން ފަށައި ބްރިޖު މަޝްރޫއު ނިމެންދެން އެ ރަށަށް އިންވެސްޓްމަންޓުތައް ނާދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރަސްމާލޭގައި އެ ކުށް ތަކުރާރު ނުކުރުމަށްޓަކައި، ރައްޔިތުންނަށް ދޫކުރާ ގޯތިތަކާއި ފްލެޓުތަކުގައި ދިރިއުޅެވޭނެ ފަދަ ތަރައްގީއާއި އިންވެސްޓްމަންޓުތައް ގެނައުމަށްފަހު މަޝްރޫއު ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އީގަލް ހިލްސްގެ މަޝްރޫއަކީ ކުރު މުއްދަތެއްގައި ރަސްމާލޭގެ ތަރައްގީ ހަގީގަތަކަށް ހަދާނެ މުހިންމު މަޝްރޫއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ކަންކަން އޮޅުވާލާ ވާހަކަ ފަތުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކަންބޮޑުވުން ހުރި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދޭނެ ކަމާއި، މަޝްރޫއުގެ އެއްވެސް އެއްބަސްވުމެއް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް