ފޮޓޯ: ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)، ވޯލްޑް އެތުލެޓިކްސްގެ ރޭންކިން ކޮމްޕެޓިޝަނެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފިއެވެ.
މި ނިންމުމާއެކު، އެ ދުވުމުގައި ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަޤުވާމީ ރޭންކިންގައި ގުނާނެއެވެ. އެހެންކަމުން އެ ކާމިޔާބީތައް ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަނެވޭނެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމަކީ ޑީއެމްއާރްއާރެވެ. ވޯލްޑް އެތުލެޓިކްސްއިން ސެޓިފައިކޮށްފައިވާ ރޫޓެއް ހުރުމާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނިފައިވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ދުވުމަކީ ވެސް އެއީއެވެ.
މި ފަހަރުގެ ދުވުމަށް 5,500 އަށްވުރެ ގިނަ ދުވުންތެރިން ރަޖިސްޓްރީވެފައިވެއެވެ. އެއީ ޑީއެމްއާރްއާރްގެ ތާރީޚުގައި އެންމެ ގިނަ ބައިވެރިން ހިމެނޭ އަހަރެވެ. ފުރަތަމަ ހުޅުވާލީ 4,000 ސްލޮޓެވެ. ނަމަވެސް ޢާންމުންގެ ފަރާތުން ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރުމުން އިތުރު ފުރުސަތު ދީފައިވެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ މި ދުވުމުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ ކެޓަގަރީތައް ހިމެނެއެވެ. އޭގެ އިތުރުން މި ފަހަރު އަލަށް ޓީމް ކެޓަގަރީތައް ވެސް ތަޢާރަފުކޮށްފައިވެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް އަލަށް ނުކުންނަ ފަރާތްތައް ވެސް ބައިވެރިވާ އެ މުބާރާތުގެ މައިގަނޑު ލަނޑުދަނޑިއަކީ ދުޅަހެޔޮ ދިރިއުޅުމަށް ހިތްވަރުދީ، ދުވުމުގެ ޢާދަ އަށަގަންނުވުމަށް އެންމެންނަށް ބައިވެރިވެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމެވެ.
ޑީއެމްއާރްއާރް 2026 ޚާއްޞަކޮށްފައިވަނީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމުގެ މައިގަނޑު ދާއިރާއެއް ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެ ދާއިރާގައި މަސައްކަތްކުރާ އެންޖީއޯތަކަށް މި އިވެންޓުގައި ޢާންމުން ހޭލުންތެރިކުރުމާއި ފައިސާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް