ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންގެ މަޖިލީސް މެމްބަރުންނަށް ދޭ އަގުބޮޑެތި އިނާޔަތްތައް ކަނޑާލަން ފެންނަ ކަމަށް ގިނަ ބަޔަކު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުންނަށް އާންމު ރައްޔިތުންނަށް ނުލިބޭ ވަރަށް ގިނަ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ އަދި އަގު ބޮޑު ހިދުމަތްތަކެއް ލިބެ އެވެ. އޭގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ހިދުމަތްތަކަކީ މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކަށް ލިބޭ އެއާޕޯޓުގެ ވީއައިޕީ ހިދުމަތާއި އާސިއާން ގައުމުތަކުން ލިބޭ ހެލްތް އިންޝުއަރެންސްގެ ހިދުމަތެވެ.
އެފަދަ ހިދުމަތްތައް މެދުކަނޑާލުމާއި މެދު އާންމުން ދެކޭގޮތް ހޯދުމަށް ސޯޝަލް މީޑިއާގައި ޕޯލް އެއް ކުރިޔަށް ގެންދިޔައީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަލީ ރަމީޒެވެ. އޭނާ ކުރި ޕޯސްޓެއްގައި ވަނީ ރައްޔިތުންނަށް ދައުލަތުގެ ޓެކްސް ފައިސާއިން ނުލިބޭ ނަމަވެސް މެމްބަރުންނަށް ލިބޭ އަގުބޮޑު އިނާޔަތްތައް މެދުކަނޑާލަން ފެނޭތޯ ނުވަތަ ނޫންތޯ ޖެހުމަށް ފަހު ހިޔާލު ފާޅު ކުރުމަށެވެ.
އަލީގެ ޕޯސްޓަށް ހާހަކަށްވުރެ ގިނަ މީހުން ކޮމެންޓުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 99 ޕަސެންޓު މީހުން ވަނީ މަޖިލީސް މެމްބަރުން އެކަނި ލިބެމުންދާ އަގުބޮޑު އިނާޔަތްތައް ކަނޑާލަން ފެންނަ ކަމަށް ތާއީދުކޮށްފައި އެވެ.
އެކަމާ ހިޔާލުފާޅު ކުރި މީހުން ބުނެފައިވަނީ ދައުލަތުން ރައްޔިތުންނަށް ދޭ ކޮންމެ ހިދުމަތެއް ނުވަތަ އިނާޔަތެއް ދޭންވާނީ ހަމަހަމަކޮށް ކަމަށެވެ. އެހެން މީހަކު ބުނީ 100 ޕަސެންޓު ރައްޔިތުން އެކަމަށް ތާއީދު ކުރިޔަސް މެމްބަރުންނަށް ފެނިގެން އެފަދަ ގާނޫނުތަކަށް ބަދަލު ގެނެސް އިނާޔަތްތައް ކަނޑާ ނުލާނެ ކަމަށެވެ.
މެމްބަރުންގެ މުސާރަ އާއި އިޔާނަތްތަކާއި މަސައްކަތުގެ ގަޑި ކަނޑައަޅަނީ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު އެ މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް