މައްކާގައި ބޮސްދިނީތީ، ހަނީމޫނަށް ދިޔަ ބަންގްލަދޭޝްގެ ދެމަފިރިއަކަށް ސައުދީ އަރަބިޔާއިން މަރުގެ ހުކުމް ތަންފީޛުކުރި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެމުން ދަނިކޮށް، އެ ދެމީހުންނަކީ ދެމަފިރިން ނޫން ކަމަށާއި، ހުކުމް ތަންފީޛުކުރި ވާހަކަ އެނގުނީ މީޑިއާއިން ކަމަށް އެކަކުގެ ޢާއިލާއިން ބުނެފިއެވެ. ހުކުމް ތަންފީޛުކުރުމުގެ ކުރިން ސައުދީން އެއްވެސް އެންގުމެއް ނުލިބޭ ކަމަށް ބަންގްލަދޭޝް ސަރުކާރުން ވެސް ބުނެއެވެ.
ސައުދީ ސަރުކާރުގެ ބަޔާނާއި ޢާއިލާގެ ވާހަކައިން ދޭހަވާ ގޮތުން، ފެތުރެމުންދާ ބައެއް ވާހަކަތައް ތެދެއް ނޫނެވެ. ހުކުމް ތަންފީޛުކުރި ނަޒްރުލް އިސްލާމް އަކީ ހަނީމޫނަށް ނުވަތަ ޢުމްރާއަށް ދިޔަ މީހެއް ނޫނެވެ. އޭނާއަކީ މައްކާގައި މަސައްކަތްކުރި ބިދޭސީ މަސައްކަތްތެރިއެކެވެ. ޝަރީޢަތުގައި ހަތަރު މަސް ވަރު ހޭދަވި ކަމަށް ބުނާ ވާހަކަ ވެސް ތެދެއް ނޫނެވެ. އޭނާ ތިން އަހަރަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރިއެވެ.
ނަމާދަށް ފަހު މިސްކިތުން ބޭރުގައި އެހެނަސް މިސްކިތު ގޯތިތެރޭގައި ނިތުގައި ބޮސްދިނުމަކީ އެ "ޢަމަލު" ކަމަށް ބުނާ ވާހަކައާއި، ޕާކިސްތާނުގެ މީހަކު ވީޑިއޯ ނަގައި ރިޕޯޓުކުރި ކަމަށް ބުނާ ވާހަކަ ކަށަވަރުކުރެވިފައެއް ނުވެއެވެ. ސައުދީ ބަޔާނުގައިވަނީ ޢަމަލު ކުރީ މިސްކިތުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކުރި ޢަމަލަކީ ކޮބައިކަމެއް ބަޔާނުގައި ބަޔާނެއް ނުކުރެއެވެ.
ސައުދީ ޕްރެސް އޭޖެންސީއިން ޝާއިޢުކުރި، ސައުދީގެ ދާޚިލީ ވުޒާރާގެ ބަޔާނުގައިވާ ގޮތުން، ހުކުމް ތަންފީޛުކުރީ މި މަހުގެ 14 ވަނަ ދުވަސް، ބުދަ ދުވަހު މައްކާ ސަރަހައްދުގައެވެ. ބަޔާނުގައި އެ ދެމީހުންގެ ނަން ބަޔާންކޮށްފައިވަނީ ނަޒްރުލް އިސްލާމް ޢަބްދުލް ބަޞީރު އާއި ސިތީ (ސުވީޓީ) އަކްތަރްގެ ނަމުގައެވެ. ޢަބްދުލް ބަޞީރަކީ ނަޒްރުލްގެ ބައްޕަގެ ނަމެވެ.
ވުޒާރާއިން ބުނީ، މައްކާގެ މިސްކިތެއްގެ ތެރޭގައި ދެމީހުން ފާޙިޝް ޢަމަލެއް ކުރުމުން ސަލާމަތީ ބާރުތަކުން ހައްޔަރުކުރި ކަމަށެވެ. ތަޙުޤީޤަށް ފަހު ޝަރީޢަތަށް ފޮނުވުމުން، ޢަމަލުގެ ބޮޑުކަމާއި ތަނާއި ވަގުތުގެ ޙުރުމަތަށް އަރައިގަތުމުގެ ސަބަބުން ތަޢްޒީރުގެ ގޮތުން ދެމީހުންނަށް މަރުގެ ހުކުމް ކުރިއެވެ. ކަމާބެހޭ ޝަރުޢީ ފަރާތުން އެ ހުކުމް ދެމެހެއްޓުމުން، ތަންފީޛުކުރުމަށް ޝާހީ އަމުރެއް ނެރުނު ކަމަށް ވެސް ބަޔާނުގައިވެއެވެ. ކޮން މިސްކިތެއްގައިކަމެއް ނުވަތަ ހައްޔަރުކުރީ ކޮން އިރަކުކަމެއް ބަޔާނުގައި ނެތެވެ.
ނަޒްރުލްގެ ބައްޕަ ޢަބްދުލް ބަޞީރު އާއި މަންމަ ރަޙީމާ ބޭގަމް ބަންގްލަދޭޝްގެ މީޑިއާއަށް ބުނީ، 25 އަހަރުގެ ނަޒްރުލް އަކީ ބްރަހްމަންބާރިއާ ސަދަރުގެ ސުލްޠާންޕޫރު ޔޫނިއަންގެ ބީރަމްޕޫރު ގަރިޔާގެ މީހެއް ކަމަށާއި، ހަތަރު ދަރިންގެ ތެރެއިން އެންމެ ބޮޑު، ޢާއިލާގެ ހަމައެކަނި ލާރި ހޯދާ މީހާ ކަމަށެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު 10 ގައި ސައުދީއަށް ދިޔަ އޭނާ، މައްކާގައި ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އޭނާ ފޮނުވުމަށް ބައްޕަ ހަތް ލައްކަ ޓާކާ ދަރަނި ނެގި ކަމަށް ޢާއިލާއިން ބުނެއެވެ.
ޢާއިލާ ބުނާ ގޮތުގައި، ސައުދީއަށް ދިޔަތާ ހަ މަސް ވަރު ފަހުން، 2023 ވަނަ އަހަރުގެ މެދުތެރޭގައި، މައްކާގެ މިސްކިތެއްގައި ސުވީޓީއާ އެކު ނަޒްރުލް ފުލުހުން ހައްޔަރުކުރިއެވެ. ތިން އަހަރާއި ތިން މަސް ވަރު ޖަލުގައި ހޭދަކުރި އޭނާ، ކޮންމެ އާދިއްތަ ދުވަހަކު ގެއަށް ގުޅި ނަމަވެސް ތުހުމަތުގެ ތަފްސީލެއް ނުބުނެއެވެ. އޭނާ ތުހުމަތު ދެކޮޅު ހެދި ކަމަށް މަންމަ ބުނެއެވެ.
ބިއުރޯ އޮފް މޭންޕަވަރ، އެމްޕްލޯއިމަންޓް އެންޑް ޓްރޭނިންގ (ބީއެމްއީޓީ) ގެ ކްލިއަރެންސް އާއި ވަތަނީ ކާޑުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ސުވީޓީ އަކްތަރްގެ ގެއަކީ ޓަންގައިލްގެ މިރްޒާޕޫރު ކަމަށް ޑެއިލީ ބަންގްލާ ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.
ހުކުމް ތަންފީޛުކުރުމުގެ ކުރިން ސައުދީން އެއްވެސް އެންގުމެއް ނުލިބޭ ކަމަށް ޖިއްދާގައިވާ ބަންގްލަދޭޝްގެ ކޮންސިއުލޭޓް ޖެނެރަލުން ބުނެއެވެ. އެކަމާ ގުޅިގެން ސައުދީގެ ބޭރު ޚިދުމަތާ ބެހޭ ވުޒާރާއަށް ރަސްމީ ޑިޕްލޮމެޓިކް ނޯޓެއް ފޮނުވިއެވެ. ސެޕްޓެމްބަރު މަހު ކޮންސިއުލޭޓުން އެދުމުން ސައުދީން ހިއްސާކުރި، ގާތްގަނޑަކަށް 2،500 ބަންގާޅީ ޤައިދީންގެ ލިސްޓުގައި މި ދެމީހުންގެ ނަން ހިމެނުނު ނަމަވެސް، މަރުގެ ހުކުމް ކުރި ކަމެއް އެ ލިސްޓުގައި ނެތެވެ. ކުށުގެ ގޮތުގައި ލިޔެފައިވަނީ "ޒިނޭ" އާއި "އައިސީޓީ" އެކަނި ކަމަށާއި، ދެމީހުންގެ ތެރެއިން އެއްވެސް މީހަކު އެހީއަށް އެދިފައިނުވާ ކަމަށް ކޮންސިއުލޭޓުން ބުނެއެވެ.
ބަންގްލަދޭޝްގެ ބޭރު ޚިދުމަތާ ބެހޭ ވަޒީރު ހުމާޔޫން ކޮބީރު ބުނީ، މި ހުކުމް ތަންފީޛުކުރުމަކީ "ވަރަށް މާޔޫސްކުރުވަނިވި" ކަމެއް ކަމަށެވެ. މިއީ މަޢުލޫމާތު ހިއްސާކުރުމުގައި ހުރި ހުސްކަމެއް ކަމަށް ސިފަކުރި އޭނާ ބުނީ، މިކަމާ ބެހޭ ގޮތުން ރިޔާޛުން ސާފުކޮށްދިނުމަށް ޑާކާއިން އެދިފައިވާ ކަމަށެވެ. ޑާކާގައިވާ ސައުދީގެ ސަފީރާ ތަފްސީލް ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.
ދެމީހުން ކުރި ޢަމަލަކީ ކޮބައިކަމެއް، ޝަރީޢަތުގައި ވަކީލަކު ލިބިފައިވޭތޯ ނުވަތަ ހަށިގަނޑުތައް ބަންގްލަދޭޝަށް ފޮނުވާނެތޯ އަދި ކަށަވަރެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް