ރާއްޖޭގެ ރިސޯޓެއް --
ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނެގުމާ ގުޅޭ މާއްދާތައް އުވާލުމަށް ޖީއެސްޓީ ގާނޫނަށް އިސްލާހެއް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ.
އެ އިސްލާހު ހުށަހަޅާފައި މިވަނީ އެ ގާނޫނަށް ގެނައި އިސްލާހަށް މި މަހުގެ އެއް ވަނަ ދުވަހު އަމަލު ކުރަން ފަށައި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ފަށާފައިވަނިކޮށެވެ.
ރާއްޖެއަށް ޓޫރިސްޓުން ބުކްކޮށްދޭ ބޭރުގެ ޕްލެޓްފޯމްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީޤުކުރެއްވީ މިދިޔަ އޮގަސްޓު 31 ވަނަ ދުވަހުއެވެ. އެ އިސްލާހުގައި ބުނެފައިވަނީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރުމަށް އެ ޓެކްސް ނަގާ ކަމަށެވެ.
އެ ބިލް ފާސްކުރި އިރު ލަފާކޮށްފައިވަނީ، ބޭރުގެ ޓްރެވެލް އެޖެންޓުންގެ ފަރާތުން 299.3 މިލިއަން ރުފިޔާއާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން 1.3 ބިލިއަން ރުފިޔާ ލިބި، ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އަދި ބޭރުގެ ތަޖުރިބާކާރުން ފާޅުކުރި ކަންބޮޑުވުންތަކުގެ ސަބަބުން އެ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމިއެވެ.
މި މަހުގެ 1 ވަނަ ދުވަހު ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، އެ ޓެކްސް ނަގާ ގޮތް ހެދުމާ ގުޅިގެން ޓޫރިޒަމް ދާއިރާއިން އަދި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ލިބިފައިވާތީ އެކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
މިއަދު ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނެގުން ހުއްޓާލާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް