ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާގައި ބުނީ ޒިހާން ހަސަން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެކަމަށް ހިތްވަރުދީ ފޭސްބުކްގައި ޕޯސްޓެއް ޖެހީ މި ސަރުކާރުގެ ކުރީގެ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންއެވެ. އޭނާ މަގާމުން ވަކިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަތެންދްރަ މޯދީއަށް ފާޑުކީ މައްސަލައިގަ ސަސްޕެންޑު ކޮށްފައި ބެހެއްޓުމަށް ފަހު އެވެ.
ޒިހާން ފޭސްބުކްގައި ޖެހި ޕޯސްޓުގައި ރައީސް އޮފީހާއި މަޖިލީހުގެ އިމާރާތާއި ސުޕްރީމް ކޯޓަށް އަލިފާން ރޯނުކުރަނީ ކީއްވެތޯ ސުވާލުކޮށް، އެކަން ކުރުމަށް ހިތްވަރުދީފައިވެއެވެ. އެ ސްޓޭޓަހުގައި "[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ގަޑިއިރެއްހާ ދުވަސްވުމުން އޭނާ އެ ޕޯސްޓް ޑިލީޓްކޮށްލާފައިވެ އެވެ. އޭނާ މި ސަރުކާރަށް ފާޑުކިޔަން ފަށާފައިވަނީ މަގާމުން ވަކި ކުރި ފަހުންނެވެ.
ޒިހާން އަކީ ކުރީގެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަސްޓް ލެފްޓިނަންޓެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި އޭނާ ވަޒީފާއިން ވަކި ކުރީ ސަރުކާރަށް ފާޑުކިޔާތީ ކަމަށް ތުހުމަތުކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް