ރައީސް މުއިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އޮކްޓޫބަރު 20 އިން 22 އަށް ފުރަމާނަ ދަތުރެއް ފައްޓަވައިފިއެވެ. މިއީ ދިހަ އަހަރުތެރޭ ދެ ގައުމުގެ ފުރަތަމަ މަތީ ފަންތީގެ ބައްދަލުވުމެވެ.

20 Oct 2026 | 05:37
ރައީސް މުއިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ވަޑައިގެންނެވިއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގައި ހުންނަވާނީ އޮކްޓޫބަރު 20 އިން 22 އަށެވެ. މި ދަތުރުފުޅަށް ދައުވަތު ދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފެވެ.

ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ދިހަ އަހަރުދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ބާއްވާ ފުރަތަމަ މަތީ ފަންތީގެ ބައްދަލުވުމަކީ މިއީއެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ ފަހުމުނާމާތަކެއްވެސް ބަދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1966 ގައެވެ. އެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅަކީ ތާރީހީ ދަތުރުފުޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް