މުސާރަ ލިބޭ ފުރަތަމަ އަހަރުތަކުގައި "ފައިސާ ރައްކާކުރަން ފަށާނީ މުސާރަ ބޮޑުވީމަ" ކަމަށް ބުނާ ވިސްނުމަކީ ގިނަ ޒުވާނުންނަށް އެނގޭ ވިސްނުމެކެވެ. ހަގީގަތުގައި މިއީ ބުނަން ފަސޭހަ، ކުރަން އުނދަގޫ ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ތިބާ ގާތުގައިވާ އެންމެ ބޮޑު މުދަލަކީ ފައިސާއެއް ނޫނެވެ. އެއީ ވަގުތެވެ.
ވަގުތަކީ ފައިސާ ގުނަކޮށް އިތުރުކޮށްދޭ ބާރެކެވެ
ރައްކާކުރުމުގެ ތެރެއިން ލިބޭ ފައިދާ މިހާ ބޮޑުވާ ސަބަބަކީ "ކޮމްޕައުންޑް އިންޓްރެސްޓް" އެވެ. އެއީ ރައްކާކުރި ފައިސާއަށް ލިބޭ ފައިދާއަށް ވެސް އިތުރު ފައިދާ ލިބުމެވެ. އެކަމަށް ބޭނުންވާ އިސް ދެ ކަމަކީ ލިބޭ ފައިދާ އަލުން އިންވެސްޓްކުރުމާއި ވަގުތު ކަމަށް ބެޓާއިންވެސްޓިންގ ޖަމިއްޔާއިން ބުނެއެވެ. ތިބާ ޒުވާން އުމުރުގައި ފަށާނަމަ މި ފުރުސަތު ބޮޑުވެއެވެ.
ދިހަ އަހަރު ފަހުން ފެށުމުގެ އަގު
އެ ޖަމިއްޔާއިން ހާމަކޮށްފައިވާ މިސާލަކުން މިކަން ރަނގަޅަށް ފެނެއެވެ. 25 އަހަރުގެ ދެ މީހަކަށް އަހަރަކު %8 ގެ ފައިދާ ލިބޭ ކަމަށް ބަލައިފިނަމަ، ފުރަތަމަ މީހާ 25 އަހަރުން 35 އަހަރާ ހަމައަށް ކޮންމެ އަހަރަކު 5,000 ޑޮލަރު އިންވެސްޓްކުރެއެވެ. 60 އަހަރުގައި އޭނާގެ ފައިސާ 615,000 ޑޮލަރާ ހަމައަށް އިތުރުވެއެވެ. އޭނާ ޖުމްލަކޮށް ޖަމާކުރީ 55,000 ޑޮލަރެވެ. ދެވަނަ މީހާ ފަށަނީ 35 އަހަރުގައެވެ. 60 އަހަރާ ހަމައަށް 25 އަހަރު ވަންދެން ޖުމްލަ 130,000 ޑޮލަރު ޖަމާކުރި ނަމަވެސް، އޭނާގެ ފައިސާ އިތުރުވީ 430,000 ޑޮލަރާ ހަމައަށެވެ. އެއީ ދެގުނަ އަށްވުރެ ގިނަ ފައިސާ ޖަމާކުރި ނަމަވެސް 183,000 ޑޮލަރު މަދުވުމެކެވެ.
ވަންގާޑު ކުންފުނީގެ ދިރާސާއަކުން ވެސް މި ނަތީޖާ ފެނެއެވެ. 25 އަހަރުގައި ފަށާ މީހާ މުސާރައިގެ %6 ރައްކާކުރުމުން، 35 އަހަރުގައި ފަށާ މީހާއަށްވުރެ %34 އިތުރަށާއި 45 އަހަރުގައި ފަށާ މީހާއަށްވުރެ %64 އިތުރަށް ފައިސާ އެއްވާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.
ހަމައެކަނި ފައިސާ އެއްނޫނެވެ، އާދަ ވެސް ބިނާވެއެވެ
އެމެރިކާގެ ކޭންސަސް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި 18 އަހަރުގެ ކުރިން ސޭވިންގްސް އެކައުންޓެއް ނުހުޅުވާ ޒުވާނުން ފަހުން އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ކުޑައެވެ. އަދި އެކައުންޓެއް ހުޅުވާފައިވާ މީހެއް ނަަމަ، އެހެން ބާވަތްތަކުގެ ފައިސާގެ މުދަލާއި އިންވެސްޓްމެންޓްތައް ހޯދުމުގެ ފުރުސަތު ވެސް ބޮޑުކަން އެ ދިރާސާއިން ފެނިފައިވެއެވެ.
އޮސްޓްރޭލިއާގައި ހެދި ދިރާސާއަކުން ފެނިފައިވާ ގޮތުގައި ޒުވާން އުމުރުގައި ރައްކާކުރަން ފަށާ މީހުން 25 އަހަރުގައި ކްރެޑިޓް ކާޑުގެ ދަރަނި ބަހައްޓާ މިންވަރު ކުޑައެވެ. އަދި ތައުލީމު ނޫން ކަންކަމުގެ ދަރަނި %20 މަދެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި ދިރާސާވެރިން ދެކެނީ ކެތްތެރިކަން އާދަވުމުން ހިތްއެދޭ ގޮތަށް ތަކެތި ގަތުން މަދުވުމާއި، ކުއްލި ހާލަތުތަކުގައި ބޭނުންކުރެވޭނެ ފައިސާ ރައްކާ ކުރެވިފައި ހުރުމުން ހުރުމުން ދަރަނިތަކަށް ވަންނާން ނުޖެހުމެވެ.
މަދު އަދަދަކުން ފަށައިގެންވެސް ވެސް ފުދެއެވެ
މުސާރަ އަށް ލިބޭ އަދަދު މަދުވުމަކީ ރައްކާކުރަން ފެށުމަކީ ގޯސް ޚިޔާލެއް ކަމަށް ހީވާ ހީވުމަކީ އާންމު ހީވުމެކެވެ. ޑެލޮއިޓްގެ 2022 ވަނަ އަހަރުގެ ސާވޭއިން ފެނިފައިވާ ގޮތުގައި ދުނިޔޭގެ ޒުވާނުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދިރިއުޅެނީ މުސާރައިން މުސާރައަށެވެ.
ފެށިދާނެ ބައެއް ގޮތް ގޮތް
އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބޭރުން ކެއުމާއި، ފޯނުގެ ޑާޓާ އަށް ކުރާ ޚަރަދު ކުޑަކޮށްލުމާއި، އެކުވެރީންނާއެކު ދެވޭ ކޮފީތައް މަދުކޮށްލާ ނުވަތަ ހުއްޓާލައިގެން ސަލާމަތްވާ ފައިސާ ވަކި ސޭވިންގްސް އެކައުންޓެއްގައި ރައްކާ ކުރަން ފެށުމަކީ ފަސޭހަ ފެށުމެކެވެ. ރިޓަޔަރމަންޓަށް ތައްޔާރުވާ މަގުތަކާއި އިންވެސްޓްކުރާނެ ގޮތްތައް ނިންމުމުގެ ކުރިން، ފައިސާގެ ކަންކަމުގެ ތަޖުރިބާކާރެއްގެ ލަފާ ހޯދުމަކީ ބުއްދިވެރި ކަމެކެވެ.
ފަށާން އެންމެ ރަނގަޅު ދުވަހަކީ މިއަދެވެ
ދިރާސާތަކުން ދޭ ފިލާވަޅަކީ ސާފު ފިލާވަޅެކެވެ. ރައްކާކުރާ އަދަދަށްވުރެ ފަށާ ވަގުތު މުހިންމު ކަމެވެ. މިއަދު ރައްކާކުރާ ކުޑަ އަދަދު ވެސް އަހަރުތަކެއް ފަހުން ތިބާއަށް ބޮޑު ހިމާޔަތަކަށް ވާނެއެވެ. އެހެންކަމުން މުސާރަ ބޮޑުވާންދެން މަޑުނުކޮށް، މިއަދުން ފަށާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް