މައްކާއާ މަދީނާ ފިޔަވާ ސައުދީގެ ހުރިހާ ވައިގެ ސަރަހައްދަކަށް ނުރައްކާތެރިކަމުގެ އިންޒާރު ހޫތީން ދީފި

20 Oct 2026 | 04:18
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު --

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު --

މާތްވެގެންވާ މައްކާއާއި މަދީނާ ފިޔަވައި ސައޫދީ އަރަބިއްޔާގެ ވައިގެ ހުރިހާ ސަރަހައްދަކަށް ނުރައްކާތެރިކަމަށް ޔަމަނުގެ ޙޫޘީ ޖަމާއަތުން އިއުލާންކޮށްފިއެވެ.

ޙޫޘީން ހިންގާ ސަބާ ނޫސް އޭޖެންސީންއެ ޖަމާއަތުގެ އިސް ލީޑަރުންނާއި ހަވާލާދީ ބުނެފައިވަނީ، ސައުދީގެ ވައިގެ ސަރަހައްދު މިހާރު ރައްކާތެރި ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި މައްކާ އާއި މަދީނާ އިސްތިސްނާ ވާނެ ކަމަށް ބުނެފައިވެ އެވެ.

އެ ޖަމާއަތުން ބުނީ އެމީހުންގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ތެލުގެ ވަސީލަތްތަކާ ދުރުގައި ތިބުމަށް މުވައްޒަފުންނާއި މަސައްކަތްތެރިންނާއި ރައްޔިތުންނަށް އިންޒާރުދޭ ކަމަށެވެ.

ސައޫދީގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރާމްކޯގެ ހިއްސާދާރުން އެ ކުންފުނީގެ ހިއްސާތައް ވިއްކާލުމަށް ވެސް ޙޫޘީން ގޮވާލާފައިވެއެވެ. އެ ޖަމާއަތުން ބުނީ އެމީހުން ދޭ ހަމަލާތަކުގެ ސަބަބުން ކާރުހާނާތައް ސުންނާފަތިވުމުން ހިއްސާ ނެގަން އުޅުމުން އޮންނާނީ މާ ލަސްވެފައި ކަމަށާއި ގެއްލުމާއި ކުރިމަތިލާން ޖެހުމުގެ ކުރިން ސަލާމަތްވުމަށް ނަސޭހަތްދޭ ކަމަށެވެ.

ނަމަވެސް މި އިންޒާރުތަކުގެ ބާވަތާއި، އަޅާނެ ފިޔަވަޅުތަކާ ބެހޭ އިތުރު ތަފްސީލު ހާމަ ނުކުރާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މި އިންޒާރު ދިނުމުގެ ކުރިން، ސައޫދީގެ ނަޖްރާން ސިޓީގައި މީހުން ދިރިއުޅޭ ސަރަޙައްދަކަށް ޕްރޮޖެކްޓައިލެއް ވަދެ ހަ މީހަކު ޒަޚަމްވި ކަމަށް ސައޫދީ ސިވިލް ޑިފެންސުން ބުނެފައިވެއެވެ. އަދި ޙޫޘީން ސައޫދީގެ ޚަމީސް މުޝައިތަށް ވިހުރުވާލި ދެ ބެލިސްޓިކް މިސައިލް މެދުކަނޑާލައި ހަލާކުކޮށްލި ކަމަށް ސައޫދީގެ ލީޑަރޝިޕްގައި ހިނގާ އިއްތިޙާދުން އިޢުލާންކޮށްފައިވެއެވެ.

އޮކްޓޫބަރު މަހުގެ ފެށުމުން ފެށިގެން ސައޫދީ އިއްތިޙާދާއި ޙޫޘީންގެ ދެމެދު ހަމަނުޖެހުންތައް އިތުރުވެ، ކަނބޮޑުވުންތައް އިތުރުވަމުން އަންނައިރު، ޙޫޘީންގެ ޤާބިލުކަން އަންދާޒާ ނުކުރެވޭވަރުގެ ހަމަލާތައް ސައުދީއަށް ދަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް