ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް - ފޮޓޯ: ސްރީލަންކަން އެއާލައިންސް
މި ވާހަކަ ދުވަހުގެ ކިޔުންތެރީންނަށް ކިޔައިދޭން
ފަށަން ޖެހެނީ މި މަހުގެ 13 ވީ ހޯމަ ދުވަހުގެ ބަންދު އަމުރަކާއި ހަމައިންނެވެ.
ސ. ހިތަދޫ، ކޯޒީކޯނަރ، އުމުރުން 41 އަހަރުގެ ޢަލީ
އަންވަރު މުޙައްމަދުގެ ބަންދަށް ކޯޓުން އެ ދުވަހު ފަސް ދުވަހުގެ މުއްދަތެއް ޖެހީ
މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި
ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހަން ގެންދިއުމުންނެވެ.
އެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި
ފާހަގަކޮށްފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި
އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި ހަމަ އެހެންމެ އޭނާގެ
ބަންދަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހީ އޭނާގެ ވަކީލު، އޭނާއާއި
ބައްދަލުނުވާކަމަށް ބުނެފައިވާތީކަމަށްވެސް ބުނެފައިވެއެވެ.
ދެން ޖެހިލަން ޖެހެނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ
ބަންދުން ދޫކުރުމަށް ނެރުއްވި އަމުރަށެވެ.
އެ އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ ތަންތަނާއި
ތަކެތި ބަލައި ފާސްކުރުމަށް އެ ކޯޓުން ދީފައިވާ އަމުރާއެކު އޭނާ ހައްޔަރުކުރުމުގެ
އަމުރެއް ނެރެދީފައި އޮތް އޮތުމުގެ މައްޗަށް ބަލާއިރު، ފުރަތަމަ ތަންފީޒުކުރަންވާނީ
ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރުކަމަށާއި އެގޮތުން ބަލައި ފާސްކުރުމުގައި
މައްސަލައާ ގުޅޭ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދުކުރުމަށް ކަނޑައެޅިދާނެކަމާއި،
އޭގެ ބަދަލުގައި ހައްޔަރުކުރުމުގެ އަމުރެއް އޮތްނަމަވެސް، މައްސަލައާއި ގުޅޭ
ހެކިގަރީނާ ލިބުމުގެ ކުރިން އެ އަމުރު ތަންފީޒުކުރަންޖެހޭ މަޤްބޫލު ސަބަބަކާނުލައި
(މިސާލަކަށް ތުހުމަތުކުރެވޭ ފަރާތުން ބަލައި ފާސްކުރުމަށް އެއްބާރުލުން ނުދިނުން
ނުވަތަ ހެކި ނައްތާލަން އުޅުންފަދަ ކަންކަން) ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް
ނިންމާއިރު އަދި ހައްޔަރުކުރުމުގައި ރަނގަޅު ނޫންގޮތަކަށް އަމަލުކުރެވިފައިވާކަމަށް
ބެލެވޭއިރު، ޤާނޫނާ ޚިލާފަށް ބަންދުގައި ބަހައްޓައިގެންހޯދާ ހެކި ޤަރީނާ ތަޙުޤީޤުން
ނެރޭ ނަތީޖާ ބޭކާރުވެދާނެކަމަށް ދެކޭ ކަމަށެވެ.
"އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ
މަތިން ހުރުމުން މީނާ ހައްޔަރު ކޮށް ހައްޔަރާމެދު ގޮތެއް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ
މައްޗަށްކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، މީނާ ހައްޔަރުކުރުމަށްފަހު
އަމަލުކުރަންޖެހޭ އިޖްރާއަތުގައި އުނިކަންހުރިކަމަށް ބެލެވޭތީ، މީނާ ބަންދުން
ދޫކޮށްލުމަށް ނިންމަމެވެ" ބަންދުން ދޫކޮށްލަން ނިންމި އަމުރުގެ އިތުރު
ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި
ގުޅިގެން، ބަލައި ފާސްކޮށް މައްސަލައާ ގުޅޭ ހެކި ޤަރީނާ ހޯދާފައިވާތީ،
އެކަންކަމުގެ މައްޗަށް ބިނާކޮށް އަލުން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށް
ހުރަހެއް ނެތް ކަމުގައިވެސް އޭނާ ދޫކޮށްލަން ނެރުނު އަމުރުގެ އިތުރު ބަޔާނުގައި
ބުނެފައިވެއެވެ.
އެއަށްފަހު މިއަދުގެ ކޯޓު އަމުރަށް ބަލާއިރު އޭނާގެ
މައްޗަށް މިހާރު މިވަނީ އަލުން ހައްޔަރުކޮށް ބަންދަށް 30 ދުވަހުގެ މުއްދަތެއް
ޖަހާފައެވެ.
މިއަދުގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާއިގޮތުގައި
އޭނާ ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓަކީ އޭނާއާ ގުޅުމެއް ހުރިތަނެއް
ނޫންކަމަށާއި، އެއްވެސް ގޮތަކަށް ވަދެ ނިކުމެ ހަދާތަނެއް ނޫންކަމަށާއި އެތަނުގެ
ތަޅުދަނޑިއެއްވެސް އޭނާގެ އަތުގައި ނެތްކަމަށާއި، ފެނިފައިވަނީވެސް ނިސްބަތުން
މަދު އަދަދެއްގެ މަސްތުވާތަކެތިކަން ދިފާއުން ފާހަގަކުރި ކަމަށެވެ.
"މި މައްސަލައިގާ 18 އޮކްޓޫބަރު (ހޮނިހިރު) 2025
ގައި ބޭއްވުނު ބަންދު މަޖިލީހުގައި އޭނާ ބަންދުން ދޫކޮށްލުމާއިގުޅިގެން، އިތުރު
އަމުރެއްގެ ދަށުން މީނާ ހައްޔަރުކުރުމަށް ފުލުހުން ބެލިއިރު، މީނާ ވަނީ އެދުވަހު
ވައިގެމަގުން ސްރީލަންކާއަށް ދާން ފުރާފައި ކަމަށާއި، ސްރީލަންކާއިން މީނާ އެތެރެވިޔަ
ނުދީ އަނބުރާ ފޮނުވާލުމުން މީނާ ހައްޔަރުކުރެވިފައިވާކަމަށް އައިއޯ
ފާހަގަކުރި" މިއަދުގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި
ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި
އިތުރަށް ބުނެފައިވަނީ އޭނ ދިރިއުޅޭކަމަށް ބެލެވޭ އެޕާޓްމަންޓްގެ ތަޅުދަނޑި އޭނާގެ
އަތުގައި ނެތުމުން ފުލުހުން އެތަނަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި،
ސީނުން އޭނާގެ ޕާސްޕޯޓާއި، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއެއް
ފެނިގެން، ސުވާލުކުރުމުން އެއީ އޭނާ ކެއްކުމުގައި އެކި ކަހަލަ ތަކެތި ކިރުމަށް ފަސޭހައަކަށް
ގެންގުޅޭ ކައްޓާއެއްކަމަށް ސީނުގައި ބުނެފައިވާކަމަށް އައިއޯ ފާހަގަކުރި ކަމަށާއި
ސީނުން ފެނުނު ތިން ރަބަރު ޕެކެޓުގައި ޖުމުލަ 16 ގްރާމް މަސްތުވާތަކެތި ހުރިކަމަށާއި
އިތުރު ރަބަރު ޕެކެޓުތަކެއްވެސް ފެނިފައިވާކަން އައިއޯ ފާހަގަކޮށްފައިވާކަމަށްވެސް
މިއަދުގެ ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް