މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: ދުވަސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ
ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ޙަވާލުވިއިރު، އެތައް
ބިލިއަން ރުފިޔާއެއް އަމިއްލަ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކަށް ނުދައްކާ ހުރި
ބިލުތަކުގެ ގޮތުގައި ހުއްޓެވެ.
މި ދަރަނިތަކަކީ ފާއިތުވި ސަރުކާރުތަކުން މި
ސަރުކާރަށް ވާރުތަވި ބިލްތަކެވެ. ވަކިން ޚާއްސަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް
ޕާޓީ (އެމްޑީޕީ) ގެ ފާއިތުވި ސަރުކާރުގެ ދައުރުގައި ޖަމާވެފައިވާ ދަރަނިތައް
އިންތިހާއަށް ބޮޑެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ޙާލަތަށް ބޮޑު ބުރައެއް
އުފުލަން ޖެހި، އަދި މުހިންމު ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް
ހިންގި އެތައް ސަތޭކަ އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދެއްކުން ލަސްވެފައިވެއެވެ.
މީގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ އިގްތިސޯދަށް ނޭދެވޭ
އަސަރުކޮށްފައިވެއެވެ.
މިހާރު، ސަރުކާރުން މި ދަރަނިތައް ދައްކާ
ހަލާސްކުރުމަށާއި ދައުލަތުގެ މާލީ އިތުބާރު އަލުން އުފެއްދުމަށް ޒިންމާދާރު
ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. މޯލްޑިވްސް ޕެންޝަން
އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ
ބޮންޑެއް ވިއްކުމުގެ ތެރެއިން ޕެންޝަން އޮފީހަށް އޭގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ
ޑައިވާސިފައި ކުރުމަށާއި، ޕެންޝަން ދައްކާ ފަރާތްތަކަށް ލިބޭ ފައިދާ
އިތުރުކުރުމަށާއި، އަދި ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކުރުމަށް
މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ޕެންޝަންގެ ފައިސާ ލިބޭ ފަރާތްތަކުގެ
ރިޓާރން އިތުރުވެ، ދިގު މުއްދަތަކަށް މާލީ ދެމެހެއްޓެނިވިކަން ޔަޤީންކުރެވި، މުޅި
އިޤްތިޞާދަށް އޭގެ ފައިދާ ކުރާނެއެވެ.
ޕެންޝަން އޮފީހުން ބޮންޑު ނެރުމުގެ މަޤްޞަދަކީ
އިންވެސްޓްމަންޓްތައް އެކި ބާވަތްތަކުގެ އެސެޓްތަކަށް ބެހުމުގެ އިތުރުން ބޭރު ފައިސާ
މެނޭޖްކުރުމުގެ ބޭނުންތަކަށް އެހީތެރިވެދިނުމެވެ. ޕެންޝަން އޮފީހުން މި ފިޔަވަޅަކީ
ޤައުމީ ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ މާލީ ވިލުންތެރިކަން ޔަޤީންކުރުމަށް އެޅޭ
މުޙިއްމު ފިޔަވަޅެކެވެ.
އަދި މީގެ ސަބަބުން މިސަރުކާރަށް ކުރީގެ
ސަރުކާރުތަކުން ވާރުތަވެފައިވާ ގިނަ ދުވަސްވެފައިވާ ފައިސާ ދެއްކުން
ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތާ ޚިލާފަށް،
މިއީ އުސޫލެއްގެ ތެރެއިން ދިރާސާކުރެވި އަދި މިކަމުގެ ސަބަބުން މާކެޓަށް
އަތުވެދާނެ ހިރާސްތައް ކުޑަކުރެވޭނެ ފިޔަވަޅުތަކަކާއެކު ކުރުމަށް ހަމަޖެހިފައިވާ
އިންވެސްޓްމެންޓެއް ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރެއެވެ. މިކަމާއި
ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ދޭހަވާގޮތަށް
ވާހަކަފެތުރުކަމުގައި ވިޔަސް ފައިސާ ޗާޕުކުރުމާއި ސެކްންޑަރީ މާކެޓުގައި ބޮންޑު
އިޝޫކުރުމާއި ތަފާތުކުރުމެވެ.
މަރުކަޒީ ބޭންކަކުން ސެކަންޑަރީ މާކެޓުގައި
ބޮންޑު ވިއްކާ ނުވަތަ ދޫކުރާއިރު، އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް
ނޫނެވެ. ނަމަވެސް އެކަމުގެ ސަބަނުން މާލީ
ނިޒާމުގައި ފާއިސާ ލިކިއުޑިޓީ އިތުރުވާނެއެވެ. މަރުކަޒީ ބޭންކުތަކުން ސެކަންޑަރީ
މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިޤްތިޞާދުގެ
ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި
ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެކެވެ.
މިކަމުގެ ސަބަބުން ދިވެހި ރުފިޔާއަށް އަގަށް
އަންނަ ބަދަލަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް
އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ
މަނިޓަރީ ސްޓެބިލިޓީ އިތުރަށް ރައްކާތެރިކުރުމަށްޓަކައި، އެމްއެމްއޭ އިން ކޮމާޝަލް
ބޭންކުތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެ
ތެރޭގައި، އޯޕަން މާކެޓް އޮޕަރޭޝަން މިހާރަށްވުރެވެސް ފުޅާކޮށް ހިންގުމާއި،
އެމްއާރުއާރު ފަދަ ލިކިއުޑިޓީ ރުފިޔާގެ ސަޕްލައި މަދުކޮށް، ޑޮލަރު ރޭޓުގެ ޕްރެޝަރ
ކުޑަ ކުރުމުގެ ޕޮލިސީތައް މަރުކަޒީ ބޭންކުން ތަންފީޒުކުރަމުންދާނެއެވެ.
ކަމާއި ބެހޭ އިޤްތިޞާދީ މާހިރުން
ޤަބޫލުކުރާގޮތުގައި އިޤްތިޞާދީ ހާލަތަށް ރިޢާޔަތްކޮށް ދިވެހި ވިޔަފާރިތަކަށް
ހިންދެމިލާން ގޮތް ހޯދައި ދިނުމަކީ ސަރުކާރާއި މަރުކަޒީ ބޭންކުންވެސް އިސްކަމެއް
ދީގެން ކުރަންޖެހޭކަމެކެވެ.
އެހެންކަމުން ސަރުކާރުން މިހާރު އަޅަން
ނިންމާފައިވާ ފިޔަވަޅުތަކުގެ ފަހަތުގައި އޮތީ ދެ އާމާޒެއް ހާސިލުކުރުމުގެ
ނިޔަތެވެ. އެއީ، ދިވެހި ވިޔަފާރިތަކަށް ދެއްކުމަށް ވާރުތަވެފައިވާ ފައިސާ
ދެއްކުމާއި، އަހަރުތަކެއް ވަންދެން ދޯދިޔާކޮށް މެނޭޖުކޮށްގައިވާ ދައުލަތުގެ
މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޕްލޭނިންގގެ ފަންނީ އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި، މި މަސައްކަތުން ލިބޭ
ފައިސާގެ ބޮޑު ބައެއް ސީދާ ބޭނުންކުރެވޭނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި
އެއްވެސް އުސޫލެއް ނެތް ގޮތަކަށް ފެށުނު މަޝްރޫޢުތަކާ ގުޅިގެން ނުދެއްކި ހުރި
ކޮންޓްރެކްޓަރުންގެ ބިލުތައް ދެއްކުމަށެވެ. މީގެ ތެރޭގައި އެކަށީގެންނުވާ ގޮތަށް
ބަޖެޓު ރޭވުމާއި ފައިސާ ދޫކުރުން ލަސްވުމުގެ ސަބަބުން ނުދެއްކި ހުރި ނިމިފައިވާ
މަސައްކަތްތަކުގެ ފައިސާވެސް ހިމެނެއެވެ.
މި ދަރަނިތައް އަދާކުރުމުގެ ސަބަބުން
އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް
ކުރިއަރައި، ވަޒީފާތައް ރައްކާތެރިވެ، އަދި އިޤްތިޞާދުގެ މައްޗަށް އޮންނަ އިތުބާރު
އިތުރުވެގެންދާނެއެވެ. މި ސެކަންޑަރީ މާކެޓް އޮޕަރޭޝަންގެ ތެރެއިން ޒިންމާދާރުކަމާއެކު
ދަރަނިތައް އަދާކުރުމާއި މާލީ ހަމަޖެހުން އަލުން ގެނައުމަށް
މަގުފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް