އިތުރަށް ނެގި ފައިސާތައް އައިއޭއެސްގެ ވެރިން ދައްކައިފި

އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސް)ގެ ވެރިންގެ މުސާރަ އުސޫލާ ހިލާފަށް ބޮޑު ކުރި މައްސަލައިގައި، އިތުރަށް ނަގާފައިވާ ފައިސާދަށް އެ ކުންފުނީގެ ވެރިން އަނބުރާ ދައްކައިފި ކަމަށް ރައްޔިތުންގެ މަޖިލީ...

20 Oct 2020 | 08:00

އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސް)ގެ ވެރިންގެ މުސާރަ އުސޫލާ ހިލާފަށް ބޮޑު ކުރި މައްސަލައިގައި، އިތުރަށް ނަގާފައިވާ ފައިސާދަށް އެ ކުންފުނީގެ ވެރިން އަނބުރާ ދައްކައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީން ބުނެފި އެވެ.

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގައި އެސްއޯއީ ކޮމިޓީން ވަނީ، އައިއޭއެސް އިސްވެރިންގެ މުސާރަ ބޮޑުކޮށްފައިވަނީ، ފިނޭންސްގެ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އިތުރަށް ނެގި ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް އެ ކުންފުނިން ކަނޑައަޅައި އެކަން މަޖިލީހަށް އެންގުމަށް ރިޕޯޓެއް އެކުލަވާލައި ތަޅުމަށް ހުށަހަޅައިފަ އެވެ.

އެ ރިޕޯޓް ތަޅުމަށް ހުށަހަޅަމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އައިއޭއެސްގެ ބަޖެޓް ފިނޭސް މިނިސްޓްރީއަށް ފޮނުވިއިރު، ފޮނުވީ ބޮޑު ކުރި މުސާރައާއެކު ކަމަށެވެ. އަދި މިނިސްޓްރީން އައިއޭއެސްގެ ބަޖެޓް އެޕްރޫވްކުރުމުން، އައިއޭސްއަށް ގަބޫލު ކުރެވުނީ، ބޮޑުކުރި މުސާރަ ވެސް އެޕްރޫވްކުރީ ކަމަށް ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ލަބީބް އިތުރަށް ވިދާޅުވީ، ފިނޭންސުން އައިއޭއެސްއަށް ދީފައިވާ އިތުރު ފައިސާ މިހާރު ހޯދާފައިވާ ކަމަށެވެ. އަަދި ފިނޭސް މިނިސްޓްރީން އައިއޭއެސްގެ އިސްވެރިންގެ ބޮޑު ކުރި މުސާރަ އެޕްރޫވް ކޮށްފައިނުވާ ކަމަށް ވެސް ލަބީބް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އޮޕަރޭޝަންތައް ފުޅާވަމުން ނުދިޔަ ނަމަވެސް އަހަރުން އަހަރަށް މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިޔުމާއި މުވައްޒަފުންނަށް އެއްވެސް އުސޫލެއް ނެތި ޕްރޮމޯޝަން ދިނުން ހިމެނެ އެވެ. އަދި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް އެކަމަށް މަސައްކަތް ކުރުމަށް ވެސް ކޮމިޓީއިން ވަނީ އެ ކުންފުންޏަށް ރެކޮމަންްޑުކޮށްފަ އެވެ.

އެސްއޯއީ ކޮމިޓީއިން ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައިވާ ގޮތުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާގެ މުސާރަ 45،400 ރުފިޔާއިން 67،630 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. ކުރިން ޗެއާޕާސަންގެ މުސާރަ އަކީ 12،875 ރުފިޔާ ނަމަވެސް ފަހުން އެ އަދަދު ވަނީ 19،100އަށް ބޮޑުކޮށްފަ އެވެ. އަދި ބޯޑު މެމްބަރުންގެ މުސާރަ 8،000 ރުފިޔާ އިން 11،850 ރުފިޔާއަށް ވަނީ ބޮޑުކޮށްފަ އެވެ. އެ ތިން މަގާމުގެ މުސާރައަށް މި ގެނައި ބަދަލަކީ 48 ޕަސެންޓުގެ ބޮޑު ކުރުމެކެވެ. ނަމަވެސް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ރިޒްވީގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް