އިނގިރޭސި ގަދަ ދެ ބާރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ. ޗެލްސީ ލަނޑެއް ޖަހާފައި ވަނިކޮށް، ޔުނައިޓެޑުން ފަހަތުން އަރާ ޖެހި ދެ ލަނޑާއެކު މޮޅުވާން ދަނިކޮށް މެޗު އެއްވަރުވީ އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގައި ޗެލްސީއަށް ބާކްލޭ ޖަހައިދިން ލަނޑުންނެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ޗެލްސީން ވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނިޓުގައި ލީޑު ނަގާފައެވެ. ވިލިއަމް ނަގައިދިން ހުރަހަކުން މި ލަނޑު ޖެހީ އެންޓޯނިއޯ ރުޑިގާއެވެ. އޭރިޔާގެ ތެރެއިން ބޮލުން ރުޑިގާ ބޯޅަ ފޮނުވާލިއިރު، ޔުނައިޓެޑްގެ ޑިފެންސް ފެނުނީ ބަލިކަށިކޮށެވެ.
ލީޑުގައި އޮވެ ޗެލްސީން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު، ޗެލްސީގެ ޑިފެންޑަރުންނަށް އޭރިޔާގެ ތެރެއިން ބޯޅަ ސާފުކޮށް ނުލެވުމުގެ ފައިދާ ނަގައި، އެންޓޯނިއޯ މާޝިއަލް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ޔުނައިޓެޑުން 73 ވަނަ މިނިޓުގައި ލީޑު ނެގީ މާޓާ އާއި ރަޝްފޯޑު ގުޅިގެން އުފެއްދި ހަމަލާއަކުން، އަނެއްކާ ވެސް މާޝިއަލް ޖަހައިދިން ލަނޑަކުންނެވެ.
ޗެލްސީން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން އައި މަސައްކަތް އިތުރު ވަގުތާ ހަމައަށް ދިއުމުން، ޔުނައިޓެޑް މޮޅުވާނެކަމަށް ބެލެވުނަސް، އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި ބާކްލޭ ޖަހައިދިން ލަނޑާއެކު ޗެލްސީ ވަނީ ސަލާމަތް ވެފައެވެ.
ބާކްލޭ ފަހު ވަގުތު ޖަހައިދިން ލަނޑާއެކު ޗެލްސީން އުފާފާޅުކުރުމުގެ ތެރޭގައި، ޗެލްސީގެ ބެންޗުގައި އިން އޮފިޝަލަކު ޔުނައިޓެޑްގެ މޮރީނިއޯއާ ދިމާލަށް އެއްޗެއް ބުނުމުން މޮރީނިއޯ ރުޅިގަދަވެ ވަނީ ވަގުތުން އެ އޮފިޝަލްއާ ކުރިމަތިލާފައެވެ. މި ހަމަނުޖެހުން ހުއްޓުވުމަށް ސެކިއުރިޓީ ހަރަކާތްތެރިވިއިރު، މޮރީނިއޯއާއި ޗެލްސީއަށް ވެސް އެފްއޭގެ އަދަބެއް އައުން އެކަށީގެންވެއެވެ.
މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޗެލްސީ ބަލިނުވެ 2 ވަނައިގައި އޮތްއިރު، މިރޭ ކުޅޭ މެޗުތަކުން ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ މޮޅުވެއްޖެނަމަ އެ ދެ ޓީމަށް ޗެލްސީގެ މައްޗަށް 3 ޕޮއިންޓްގެ ލީޑެއް ހޯދޭނެއެވެ. މެންޗެސްޓާ ޔުނައިޓެޑް މި ވަގުތު އޮތީ ތާވަލުގެ 8 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް