ކެންސަރު އަލުން ޖެހުން ހުއްޓުވާ ވެކްސިނެއްގެ ޓްރައިލް ޓެސްޓުތައް ވަނީ ކާމިޔާބު ވެފައި --
ހަމުގެ ކެންސަރުގެ ނުރައްކާ ބޮޑު ބަލިމީހުންނަށް އޮޕަރޭޝަނަށް ފަހު ދެވުނު އައު ވެކްސިނެއް ބައްޔާ ނުލައި ދިރިއުޅެވޭ މުއްދަތު ދިގުކޮށްދޭކަން ޓްރައިލް ޓެސްޓުތަކުން ހާމަވެއްޖެއެވެ.
މޮޑާނާ އާއި މާކް ކުންފުނިން ގުޅިގެން އުފެއްދި މި ވެކްސިނަށް ދީފައިވާ ނަމަކީ އިންޓިސްމެރެން އެވެ. ކީޓްރޫޑާ ނަމަކަށް ކިޔާ ކެންސަރު ބޭހަކާ އެކު މި ވެކްސިން ދިނުމުން ހަމައެކަނި އެ ބޭސް ބޭނުންކުރި ބަލިމީހުންނާ އަޅާބަލާއިރު ކެންސަރު އަލުން ނުޖެހި ހުރި މުއްދަތު ފާހަގަކޮށްލެވޭ މިންވަރަކަށް ދިގުވެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެފައިވާ ކަމަށް ދެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ނަމަވެސް ކެންސަރާ ނުލައި ދިރިއުޅެވުނީ ކިހާ ދުވަހެއް ވަންދެންކަން ސީދާ ސާފެއް ނޫނެވެ.
ތިންވަނަ ފޭސްގެ މި ޓްރައިލްގައި ބައިވެރިކޮށްފައި ވަނީ ސްޓޭޖް ދޭއް ތިނެއް ނުވަތަ ހަތަރެއްގެ މެލަނޯމާ ކެންސަރު ޖެހިފައި ތިބި 1,000 އަށް ވުރެ ގިނަ ބަލިމީހުންނެވެ. މީގެ ތެރޭގައި ވަކި ސަރަޙައްދެއްގައި ބޮޑެތި ޓިއުމަރު ހެދިފައި ތިބި މީހުންނާއި ހަށިގަނޑުގެ އެކި ހިސާބުތަކަށް ކެންސަރު ފެތުރިފައި ތިބި މީހުން ހިމެނެއެވެ.
މި ވެކްސިނަކީ ކޮވިޑް 19 ބައެއް ވެކްސިންތައް އުފެއްދުމަށް ބޭނުންކުރި އެމްއާރުއެންއޭ ޓެކްނޮލޮޖީ އޮން ބިނާކޮށް ތައްޔާރުކޮށްފައިވާ ކޮންމެ ބަލިމީހެއްގެ ޓިއުމަރަށް ޚާއްޞަ ޕާސަނަލައިޒްޑް ވެކްސިނެކެވެ. ބަލިމީހާގެ ޓިއުމަރުގެ ކުޑަ ބައެއް ނަގައި އޭގެ ޑީއެންއޭ ސީކުއެންސް ކުރުމަށް ފަހު ކެންސަރު ސެލްތަކުގައި ހުންނަ ވަކި ވަކި މިއުޓޭޝަންތައް ދެނެގަނެ އެ ސެލްތައް ހޯދައި ނައްތައިލުމަށް ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އިރުޝާދު ދޭ ގޮތަށް މި ވެކްސިން ފަރުމާކޮށްފައިވވާ ކަމަށްވެ އެވެ.
މޮޑާނާއާ ކެންސަރު ރިސާޗް ޔޫކޭގެ ޕްރިވެންޝަން އެންޑް އާލީ ޑިޓެކްޝަން އަދި އޮކްސްފޯޑް ޔުނިވާސިޓީން ބުނެފައިވަނީ މި ނަތީޖާތަކަކީ އުފާވެރި އުންމީދު ކުރަމުން އައި ކަމެއް ކަމަށެވެ. އަދި ދިރާސާ އިތުރަށް ފުޅާކޮށް މީގެން ނުކުންނަ ނުރަނގަޅު ނަތީޖާތައް ބަލައި އިތުރަށް ވެކްސިން ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.
ކެންސަރު ތަޖުރިބާކާރުން މި ނަތީޖާ ސިފަކުރަނީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ނަމަވެސް ފުރިހަމަ ނަތީޖާ އަދި ޢާންމުކޮށް ޕިއާ ރިވިއު ނުކުރެވޭ ކަމަށް ފާހަގަކޮށް ރައްކާތެރިކަމާ އެކު ބެލުމަށް ބާރުއަޅައެވެ. ޓްރައިލް ނިމުނު ނަމަވެސް ރެގިއުލޭޓަރީ އިދާރާތަކުގެ ހުއްދަ ލިބި އާންމުންނަށް ފޯރުކޮށްދެވެން ފެށުމުގެ ކުރިން އިތުރު އެޕްރޫވަލް މަރުޙަލާތައް ފުރިހަމަ ކުރަންޖެހެއެވެ.
މި ދެ ކުންފުނިން މިހާރު ދަނީ ފުއްޕާމޭ މަސާނާ އަދި ކިޑްނީ ކެންސަރަށް ވެސް މިފަދަ ޕާސަނަލައިޒްޑް ވެކްސިންތައް ޓެސްޓު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް