ވާހަކަ: ޑައިރީ – ސާޅީސް ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ... އަބަދުވެސް އައިލީންއަށް ހީވަނީ މިފްޒާލް ކޮންމެވެސް ކަމެއްކުރަން އުޅޭހެންނެވެ. ކޮންމެވެސް ކަމެއް ރާވަމުން ގެންދާހެނެވެ. ދަނޑިވަޅަކަށް ބަލަބަލާ ހުންނަހެންނެވެ. ޤައުމީ ދުވަހުގެ ޖަ...

20 Aug 2024 | 05:17

ކުރީގެ އަދަދާއި ގުޅޭ...

އަބަދުވެސް އައިލީންއަށް ހީވަނީ މިފްޒާލް ކޮންމެވެސް ކަމެއްކުރަން އުޅޭހެންނެވެ. ކޮންމެވެސް ކަމެއް ރާވަމުން ގެންދާހެނެވެ. ދަނޑިވަޅަކަށް ބަލަބަލާ ހުންނަހެންނެވެ.

ޤައުމީ ދުވަހުގެ ޖަލްސާ ހިނގަމުންދިޔައިރުވެސް އިރުއިރުކޮޅާ އައިލީން އަށް ހުރެވެނީ މިފްޒާލް އާ ދިމާއަށް ބަލާށެވެ. ހޯލު ތެރޭގައި މިފްޒާލް ހުރުމަށްފަހު ކުއްލިއަކަށް ގެއްލުނެވެ. މިފްޒާލް ނެތުމުން އައިލީންއަށް ލިބެންވީ ހިތްހަމަޖެހުމެއް ނަމަވެސް ހިތަށް ވެރިވެގެން ދިޔައީ ނުތަނަވަސް ކަމެވެ. އަބަދު ހުރެވެނީ ސިހިސިހިއެވެ. އިރުއިރުކޮޅާ ވަށައިގެން ހޯދާލެވެއެވެ. ހީވަނީ ކޮންމެވެސް ކަންތައްގަނޑެއް ވާންއުޅޭހެނެވެ.

"ކީއްވެ އިރުއިރުކޮޅާ ވަށައިގެން ތި ހޯދަނީ...؟ އަނެއްކާ މާ ޚާއްޞަ އެއްޗެއް ގެއްލުނީތަ...؟ ގާތުގައި ހުރި މަރިޔަމް ސަމާސާ ރާގަކަށް ބުނެލިއެވެ.

މަރިޔަމް އަކީ ކުޅުދުއްފުށީ ކައުންސިލުގައި މަސައްކަތް ކުރާ ކުއްޖެކެވެ. އައިލީންމެން އެރަށަށް އައި ދުވަހުން ފެށިގެން އެމީހުންގެ ކަންކަން ހަމަޖެއްސުމަށް ހަވާލުވެފައިވަނީ މަރިޔަމް އެވެ. މަރިޔަމް އަކީ ހިތްހެޔޮ، މީހުންނާގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ.

"އެއްޗެއް ނުހޯދަމޭ...! އެދިމާއަށް ބަލާލީހަމަ...! އެކަމަކު މަރީ މިތަނުން ދުރަށް ނުގޮސް އިވެންޓް ނިމެންދެން އަހަރެން ގާތުގައި ހުންނައްޗޭ...! މަރިޔަމް އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.

އޭގެ ތިރީހަކަށް މިނިޓްފަހުން ޖަލްސާ ނިމިއްޖެއެވެ. ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންނަށް ސައިފޮދު ތައްޔާރު ކޮށްފައިއޮތީ ޖަލްސާކުރާ މާލަމުގެ ބޭރުގައި އޮންނަ ހުސްބައިގައެވެ.

"އެންމެން މިހާރު އެދިޔައީ ސައިބޯން...! އަހަރުމެން ކީއްކުރަން ދެން މިތާ މިތިބެނީ....! ހިނގާ އަހަރުމެންވެސް ސައިބޯން ދާން...! އޭރުން އަވަހަށް އައިސް މިކޮޅުގެ ކަންކަން ނިންމާލާފައި ގެއަށް ދެވޭނީ...!" މޭޒުމަތީގައި ހުރި ލިޔުންތައް އެއްކޮށްލަމުން މަރިޔަމް ބުންޏެވެ.

"ގޮތެއްގެ މަތިން އަހަރެން ސައިބޯންދާނީ...! މަރީ ހުންނަންޖެހޭނީ އަހަރެން ގާތުގައި...! އެހެންނޫނީ އަހަރެން ދެންދާނީ މިރޭ ގެއަށް...!" މަރިޔަމް އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

"މާތްކަލާކޯ....! އަހަރެން ހުންނާނީ އައިލީން ގާތުގައޭ...! މިދެ ދުވަހު ކީއްވެގެންތަ ތިއުޅެނީ...؟" މަރިޔަމް ޙައިރާން ވެފައި ސުވާލުކޮށްލިއެވެ.

"އެންމެ ރަނގަޅު ހިނގާދާން...! ސައިބޮއިގެން މިކަންތައް ނިންމާލާފައި އަވަހަށް ގެއަށްދާން...!" ޖަލްސާކުރި ހޯލުން ބޭރަށް ނުކުންނަމުން އައިލީން ބުނެލިއެވެ.

ސައިބޯން ގޮއްސަވެސް އައިލީން ހުންނަނީ މަރްޔަމް ގައިގައި ތަތްވެގެންނެވެ. ސައިބޯންވެގެން ތަށްޓަށް ހެދިކާ އަޅާފައި ބަލައިލިއިރު މަރިޔަމް އެއް ނުތެވެ.

ކުއްލިއަކަށް އައިލީންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. ހީވަނީ ކޮންމެވެސް ދިމާއަކުން ހަމަ ކުއްލިއަކަށް މިފްޒާލް އެތަނަށް އަތުވެދާނެ ހެންނެވެ. އައިލީންއަށް ވަށައިގެން އެދި ދިމަދިމާ ހޯދާލެވުނެވެ. މަރިޔަމް ފެނޭތޯއެވެ. އެހެން ނަމަވެސް ތޮއްޖެހިފައިވާ މީހުންތަކުގެ ތެރެއިން މަރިޔަމް ފެންނަގޮތެއް ނުވިއެވެ. ބިރުން ތުރުތުރު އަޅާ ހުއްޓާ ކުއްލިއަކަށް މީހަކު އައިސް އައިލީން އަތުގައި ހިފިއެވެ. ސިހިފައި އައިލީން އެނބުރި ބަލާލިއިރު އައިލީންނަށަ ފެނުނީ މިފްޒާލް އައިލީންގެ އަތުގައި ހިފަހައްޓައިގެން ހުއްޓައެވެ.

"އަހަރެންތަ ތިހޯދަނީ....؟ ފާހާނާއިން މިއައީ...!" އަތުގައި ހިފައިގެން ހުރެ ބުނެލިއެވެ.

އައިލީން ގަނެފައިހުރި ބިރެއްގެ ސަބަބުން ވަނުވާއެއް ނޭނގި ކުއްލިއަކަށް ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އެންމެންގެ ސަމާލުކަން އެ ދިމާއަށް ހުއްޓުނެވެ. އައިލީން ރަނގަޅަށް ބަލާލިއިރު އަތުގައި ހިފައިގެންހުރީ މިފްޒާލެއް ނޫނެވެ. އައިލީންގެ އަތުގައި ހިފައިގެންހުރީ މަރިޔަމް އެވެ. އައިލީން ހަޅޭއްލަވައި ގަތުމުން މަރްޔަމް ހުރީ ޙައިރާން ވެފައެވެ.

"ކިހިނެތްވީ....؟ ބަލަ މަށޭ މިއީ...! އައިލީން އަށް ކިހިނެތް ތިވަނީ....؟ ކީއްވެ ތުރުތުރު އަޅަނީ....؟" ހައިރާންވެފައިހުރެ މަރިޔަމް ވާހަކަ ދެއްކިއެވެ.

ކުއްލިއަކަށް އައިލީން އަށް ރޮވުނެވެ. މީހުންތައް ބަލަން ފެށުމާއެކު އައިލީން އެތަނުން ދުރަށް ދިޔުމަށްޓަކައި ދުއްވައިގަތެވެ. ދުވަމުން ދުވަމުންގޮސް ތަންކޮޅެއް ދުރުގައިހުރި ގަހެއްގެ ދޮށުގައި ބަހައްޓާފައިހުރި ގޮނޑިއެއްގައި އިށީނދެ ރޯން ފެށިއެވެ. އިރުކޮޅަކު ރޯން އިންދާ ކުއްލިއަކަށް އައިލީންގެ ފުރަގަހުން މީހަކު އައިސް އައިލީންގެ އަނގަމަތީގައި އަތްއެޅުމަށްފަހު އަނެއް އަތުން އައިލީންގެ އުނަގަނޑުގައި ބާރަށް ހިފެހެއްޓިއެވެ. އައިލީން ހަޅޭއްލަވައިގަތުމަށް ކުރި މަސައްކަތްވީ ބޭކާރެވެ. ކުއްލިއަކަށް އެމީހާ އައިލީން ގޮނޑިން ނަގައިގެން އަނދިރިގަނޑާ ދިމާއަށް ދަމާފައި ގެންދަން ފެށިއެވެ. އައިލީން ގަދަހަދަމުން އެމީހާގެ އަތުތެރެއިން ސަލާމަތްވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް އެމީހާގެ ބާރުގަދަ އަތުތެރެއިން އައިލީންއަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއްނުވިއެވެ. އައިލީންއަށް ހަޅޭއްލެވެން އޮތްގޮތަކަށް ހަޅޭއްވެސް ލެވިއެވެ. އެހެންނަމަވެސް އެއަޑެއް ހަށިގަނޑަކުން ބޭރަކަށް ނުނިކުމެއެވެ. ދިރިހުރެވޭނެ ކަމުގެ އުއްމީދު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔަކަހަލައެވެ. އެހެން ނަމަވެސް އައިލީން މަސައްކަތް ކުރަމުން ގެންދިޔައީ ސަލާމަތްވެވޭތޯއެވެ. ކުއްލިއަކަށް އައިލީން އޭނާގެ ތޫނު ނިޔަފަތިތަކުން އެމީހާގެ އަތުގައި ވަކިއެޅުމަށްފަހު ވަރަށް މަސައްކަތުން އަތުގައި ވަރަށް ބާރަށް ދަތްއެޅުމަށްފަހު އެމީހާ ދުރަށް ކޮށްޕާލެވޭތޯ މަސައްކަތް ކުރިއެވެ. އެވަގުތު އެމީހާގެ އަތަށްވީތަދުން ފަހަތަށް ވެއްޓެމުންދިޔަ ވަގުތު އައިލީންގެ ގައިގައި ހިފަހައްޓާފައި އޮތް އެމީހާގެ އަތް މަޑުމަޑުން ދޫވެގެން ދިޔުމާއެކެ އެއަތު ތެރެއިން ދެމިގަންނާނެ ފުރުޞަތު އައިލީންއަށް ލިބުނެވެ. އައިލީން އެމީހާއަށް ވީގޮތެއް ބެލުމެއްނެތި ދުއްވައިގަތެވެ. ދާންވީ ވަކި ދިމާއެއް ނޭނގި މީހުންގަނޑު ތެރެއިން ދުވެފައި އައިލީން ނުކުތީ އެ ޢިމާރާތުން ބޭރަށް މަގުމައްޗަށެވެ. ގެ ހުރީ މާ ދުރުގައެވެ. އެކަނި ދާކަށް ނުވެސް ނޭނގޭނެއެވެ. އެހެން ނަމަވެސް އެތަނުގައި އިތުރަށް ހުންނާކަށް އައިލީން ބޭނުމެއް ނުވިއެވެ.

"އައިލީން.... އޭ...! އައިލީން... ކިހިނެތްވީ...؟" އައިލީންއަށް ފަހަތުން އިވުނީ މަރިޔަމް ގެ އަޑެވެ.

އައިލީން ފަހަތް ބަލާލުމަށްފަހު ދުވެފައި އައިސް ރޮއިގަނެފައި މަރަޔަމް ގައިގައި އޮޅުލައިގަތެވެ. އޭރު އައިލީން ބިރުންގޮސް ތުރުތުރު އަޅައެވެ.

"ކިހިނެއްވީ...؟ އަހަރެން ހާދަ ހޯދައިފީމޭ...! ކޮންތާކުން ތި އައީ....؟ ނުރޮއި ބުނެބަލަ...! ކިހިނެތް ވެގެން ތިއުޅެނީ...؟" މަރްޔަމް ހައިރާންވެފައި ސުވާލު ކުރަމުން ގެންދިޔައެވެ.

"މަރީ...! އަހަރެން.... އަހަރެން ގެއަށް ގެންގޮސްދީ...! ޕްލީސް...! އަހަރެން މިތަނުން ގެންގޮސްދީ...!" އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

އައިލީން އަށް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެކަން މަރިޔަމްއަށް އެނގުމާއެކު އިތުރު ސުވާލެއް ކުރުމެއްނެތި މަރިޔަމް ކާރަށް ގުޅައިގެން އައިލީން ގޮވައިގެން ގެއަށް ދިޔުމަށްޓަކައި ކާރަށް އެރިއެވެ.

"ކިހިނެއްތަވީ....؟ ކިޔާދީބަލަ...! ޕްލީސް...!" ކާރުގައި ގެއަށްދިޔަ މަގުމަތީގައި މަރްޔަމް، އައިލީން އާ ސުވާލު ކުރިއެވެ.

މިރޭ ކަންހިނގައިދިޔަ ގޮތުގެ ވާހަކަ އައިލީން ރޮމުން ރޮމުން ކިޔައިދިނެވެ.

"ހަމަ ރަނގަޅަށް...؟ އެކަމަކު ހިޔެއްނުވޭ ތިހާބޮޑު ކަމެއް ކުރަންކެރޭ ވަރުގެ މީހެއް މިރަށުގައި ހުންނާނެ ހެނެއް...! މީގެ ކުރިން މިރަށުގައި ތިކަހަލަ ކަމެއް ވެފައެއްވެސް ނެތް...! ހިނގާ ގެއަށްދާ މަގުމަތީ ޕޮލިސް ސްޓޭޝަނަށްގޮއްސަ މިކަން ރިޕޯޓްކޮށްފައި ގެއަށްދާން...!" އައިލީންގެ ވާހަކަތައް އަޑުއެހުމަށްފަހު މަރްޔަމް ބުންޏެވެ.

"އުހުނ...! އަހަރެން ބޭނުންވަނީ އަވަހަށް ގެއަށްދާން...! ހިނގާ އަވަހަށް ގެޔަށްދާން...!" އައިލީން ވާހަކަ ދައްކަމުން ގެންދިޔައިރުވެސް ތުރުތުރު އަޅައެވެ.

އައިލީން ހުންނަ ގެސްޓް ހައުސް އާ ހަމައަށް ދެވުމާއެކު އައިލީން ކާރުން ފައިބައިގެން އެތެރެއަށް ދުއްވައިގަތެވެ. ފަހަތުން މަރްޔަމްވެސް ބާރުބާރަށް ހިނގާފައިދިޔައެވެ. އައިލީން ކޮޓަރިއަށް ގޮސް ސޯފާއަށް ވެއްޓި ރޯންފެށިއެވެ.

"ކީއްވެ އެކަން ރިޕޯޓް ނުކުރަން ތިއުޅެނީ...! މަ މީ އައިލިން ނަމަ މައްސަލަ ރިޕޯޓު ކުރީމުސް...! މަށަށް ޔަޤީން މިރަށު މީހަކަށް އެވަރުގެ ކަމެއް ކުރާކަށް ނުކެރޭނެ...! އެވާނީ ކުޅިވަރުތަކުގައި ބައިވާން ބޭރު ރަށަކުން އައިސްގެން އުޅޭ މީހަކު ކުރިކަމަކަށް...! ފުލުހުން އެމީހަކު ހޯދާނެއޭ...! ހިނގާބަލަ ރިޕޯޓް ކުރަން...!" މަރަޔްމަ، އައިލީން ގާތުގައި އިށީނދެ އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އަހަރެން ބޭނުމެއް ނޫނޭ އެކަން ރިޕޯޓް ކުރާކަން..." ތުރުތުރު އަޅާ އަޑަކުން އައިލީން ބުންޏެވެ.

ޖަލްސާ ނިންމާފައި އެއްވެސް މީހަކު އޭރު އަދި ގެސްޓްހައުސް އަކަށް ނާދެއެވެ. ގެސްޓްހައުސްގައި ތިބޭ އައިލީން އާއި މަރްޔަމް އެކަންނެވެ.

"ދެންދޭ ފެންވަރާލައިގެން އަންނަން...! އޭރުން މަޑުމަޑުން ހަމައަކަށް އެޅިދާނެ...! އައިލީން ފެންވަރަންދެން މިތާ ރޫމްގައި އަހަރެން މަޑުކުރާނަން... އަވަހަށްދޭ...!" ކުޑަކުއްޖަކާ ވާހަކަ ދައްކާ އުސޫލުން މަރްޔަމް ވާހަކަ ދެއްކިއެވެ.

އައިލީން ގޮސް ފެންވަރައިގެން ނުކުތްއިރު ހުރީ ހުންވެސް އައިސްފައެވެ.

"އަހަރެން އަންނާނަން ބޭހެއް ގަނެގެން...! ބޭސްކާލީމަ އިރާދަކުރެއްވިއްޔާ ރަނގަޅެ ވެދާނެ...!" ބޭސް ގަންނަން ދިޔުމަށްޓަކައި ތެދުވަމުން މަރްޔަމް ބުންޏެވެ.

"ގެސްޓް ހައުސްގައި އުޅޭ އެހެން މީހުން އައިމަދާނީ...! އަހަންނަށް ނުކެރޭނެ އެކަނި އިންނާކަށް...! މިތާ އިށީނދެބަލަ! އަހަރެން ބުނަންތަ އަސްލު ކީއްވެގެންކަން އެކަން އަހަރެން ރިޕޯޓު ކުރަން ބޭނުންނުވީ...!" މަރްޔަމްގެ އަތުގައި ހިފުމަށްފަހު ސޯފާގައި ބައިންދަމުން އައިލީން ބުންޏެވެ.

އައިލީން ވަރަށް ކުރުކޮށް މިފްޒާލްގެ ވާހަކަ މަރިޔަމް އަށް ކިޔައިދިނެވެ. މާލޭގައި ކަންތައްތައް ހިނގިގޮތާއި އަދި އެރަށަށް އައިފަހުން ކަންތައްތައް ވަމުންދިޔަ ގޮތުގެ ވާހަކައެވެ.

"މަށަށް އޭރު ވެސް ހީވިއޭ ތިކަމުގައި ކޮންމެވެސް ނުބައެއް އެބަ އުޅެއޭ...! އެކަމަކު އެހާ ލޯބިވާ މީހަކު ތިހާ ބޮޑު ކަމެއް ހަމަކޮށްފާނެތަ...؟" ވިސްނާލުމަށްފަހު މަރިޔަމް ބުންޏެވެ.

"އާނ...! އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ...! ހަމަޖެހޭ މީހެއް ނޫނޭއެއީ...! އަހަރެން އޭނަ ވަރަށް ރަނގަޅަށް ދަންނަން...!" އައިލީން، މަރްޔަމް އަތުގައި ހިފަހައްޓައިގެން އިނދެ ވާހަކަ ދެއްކިއެވެ.

ކުއްލިއަކަށް ދޮރުމަތީގައި މީހަކު ހުރިހެން ހީވެގެން އައިލީން އާއި މަރިޔަމް އަށް އެއްފަހަރާ ބަލާލެވުނީ ދޮރާ ދިމާއަށެވެ. އޭރު ހުޅުވާފައިހުރި ދޮރުގެ ކުރިމަތީގައި ހުރީ މިފްޒާލް އެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 22 އޯގަސްޓް، ބުރާސްފަތި ދުވަހު ގެނެސްދޭނަން. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް