ވާހަކަ: ޑައިރީ – ސާޅީސް އެއްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... އެސުވާލުގެ ޖަވާބާމެދު އައިލީން ވިސްނާލިއިވެ. މިފްޒާލްގެ ޖެއްސުންކުރުންތަކުން ސަލާމަތްވުމަށްޓަކައި، އެކަހަލަ އުންމީދެއް ދިނުމަށްފަހު އޭގެ ސަބަބުން ފަހުން ހިތާމަކުރާކަށް އައިލީން...

18 Aug 2024 | 07:49

ކުރީގެ އަދަދާއި ގުޅޭ...

އެސުވާލުގެ ޖަވާބާމެދު އައިލީން ވިސްނާލިއިވެ. މިފްޒާލްގެ ޖެއްސުންކުރުންތަކުން ސަލާމަތްވުމަށްޓަކައި، އެކަހަލަ އުންމީދެއް ދިނުމަށްފަހު އޭގެ ސަބަބުން ފަހުން ހިތާމަކުރާކަށް އައިލީން ބޭނުމެއް ނޫނެވެ. މިފްޒާލް އަކީ މަކަރުވެރި ރޭވުންތައް އަބަދުވެސް ރާވާ މީހެއްކަން އައިލީން އަށް އެނގެއެވެ.

"ތި ހިސާބަށް އެކަން ވިސްނާކަށް އަހަރެން އަދި ބޭނުމެއް ނޫން...! އެކަމަކު އަހަރެން ފަޟީޙަތް ކޮށްފިއްޔާ، ހުވާކޮށްފަ މި ބުނަނީ އުމުރުގެ ކޮޅުން ވެސް އަހަރެންގެ ލޯތްބެއް މިފްޒާލް އަކަށް ނުލިބޭނެ...! އަހަރެންގެ ރަޙްމަތްތެރިކަމެއްވެސް މިފްޒާލްއަކަށް ނުލިބޭނެ...! އިތުރު ގޮތެއް ނެތިގެން އައިލީން ބުނެލިއެވެ.

އެ ވަރުން މިފްޒާލަށް ފުދޭނެކަމަށް ހީކުރުން އެއީ އައިލީންއަށް ކުރެވުނު ކުށްހީއެކެވެ. މިފްޒާލް އަކީ އެހާ އަވަހަށް ހަތިޔާރު ބަހައްޓާ ކަހަލަ މީހެއް ނޫނެވެ.

"ތި އުއްމީދުތައް ކޮށްކޮށް އަހަރެން ވަރުބަލިވެއްޖެ...! މާ ގިނަ ގޮތްތަކެއް ދެނެއްނެތް...! އައިލީންއަށް ޖެހޭނީ އަހަންނާ  އިންނަން...! ނީނދެފިއްޔާ އައިލީން ފަޟީޙަތް ކޮށްލާނަން...! މިހާރު ހުރިހާ ބާރެއް އޮތީ އަހަރެންގެ އަތުގައި..." ރުޅިއައިސްފައި މިފްޒަލް ބުންޏެވެ. "ތީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ...! ރާއިފު ނެތް ދުވަހަކުން އަހަންނާ އިންނާނަންހޭ ބުނާއިރު ރާއިފުގެ ދުވަސް ދުއްވާލަންވެސް ކަލޭ މަސައްކަތް ކުރީތަ! ހީނުކުރައްޗޭ އަހަންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް..." އައިލީންގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ.

"އަހަރެން މިއީ އަމިއްލަ އެދުން ބޮޑު މީހެއް...! މައްސަލައެއް ނެތް...! އަހަރެން މިއީ ނުބައިމީހެއް...! ބުނެބަލަ އައިލީން ތިއީ ކޮން ކަހަލަ މީހެއްތަ...؟ ތިއީ އަލިފެއްތަ...؟ މިހުރިހާ ދުވަހު ތިބުނާ ލޯބިވާ ފިރިމީހާއަށް ބޭވަފަތެރިވެފައި، މިހާރު ތިމާއަށް މިއަދު ރަނގަޅު ގޮތެއްފެނުނީމަ، ތި އުޅެނީ އަހަރެން ދޫކޮށްލާފަ ފިރިމީހާއާއެކު ދާންވެގެން...! ތިޔަށް ކިޔަނީ އަމިއްލަ އެދުމެއް ނޫންތަ...؟" މިފްޒާލް އަށް ކިޔޭނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

މިފްޒާލް އާ އަރާރުންވާން އެ ތާނގައި ހުންނާކަށް އައިލީން ބޭނުމެއް ނުވިއެވެ. އައިލީން ކުރަން އައި ކަންތައް ކުރެވުމުން ބޭނުންވީ އެތަނުން ދާށެވެ.

"އަހަރެން ދެން މި ދަނީ... އަހަރެން ބޭނުމެއްނޫން ބޭކާރު ވާހަކަ ދައްކާކަށް މިތާ ހުންނާކަށް...!" އައިލީން އެތަނުން ދިޔުމަށްޓަކައި ހިނގައިގަންނަމުން ބުންޏެވެ.

އައިލީން ހިނގައިގަތުމާއެކު މިފްޒާލް ތެދުވެ އައިލީން ދިޔަނުދީ ކުރިބެއްދިއެވެ. އެހާފަސޭހައިން އައިލީން ދިޔަދޭކަށް މިފްޒާލް ބޭނުމެއް ނުވެއެވެ.

"އަހަރެން ދާން ތަންދައްކާ...! އެހެންނޫނީ މާއަޑުގަދަވީމަ މިތަނަށް މީހުން އެއްވާނީ...! އޭރުން މާރީއްޗެއް ނުވާނެ...!" އައިލީން ހިތްހަމަ ނުޖެހިފައި ބުންޏެވެ.

'އެންމެ ރަނގަޅު ތަން ދައްކަފާނަން...! އެކަމަކު އައިލީން އަހަރެންދެކެ ރުޅިއައިސްގެން މިތަނުން ތިހެން ދިޔަކަމުގައިވިޔަސް މަގުމަތިން ފެނުނީމަ އަހަންނަށް އައިލީންއަށް ގޮވާލެވިދާނެތަ...؟" މޮޔައެއްހެއް މިފުޒާލް ސުވާލު ކުރިއެވެ.

މިފްޒާލް އެހެން ބުނިކަމުގައިވިޔަސް އެ ހުއްދަ ދޭންވެސް އައިލީން ޖެހިލުން ވިއެވެ. މަގުމަތިން ފެނުނީމާ ޖެއްސުން ކޮށްފާނެތީއެވެ.

"މައްސަލައެއް ނެތް...! އެކަމަކު ހަނދާންކުރާތި، ހަމައެކަނި ދުރުގައި ހުރެފަ ގޮވާލުމުގެ ހުއްދަ މި ދެނީ..!" މިފްޒާލްގެ އުނދަގޫ ބޮޑުވެގެން އެންމެފަހުން އިންޒާރެއްގެ ރާގަށް އައިލީން ބުންޏެވެ.

"ހުރިހާ ބާރެއް މިހާރު މިއޮތީ މަގޭ އަތުގައި...! އެކަމަކު ކީއްވެގެންތަ އައިލީންގެ އިންޒާރުތައް އަޑުއަހަން އަހަރެން މި ހުންނަނީ...؟ މި ވަރަށް ލޯބިވާނެ މީހަކު އައިލީންއަށް ލިބޭނެތަ...؟ ތަންކޮޅެއް ފުންކޮށް ވިސްނަބަލަ...! ހެދިހާ ގޮތެއް ހެދިގެން މިހެން ހުންނާނެ މީހަކު ވާނެތަ...؟ ބުނެބަލަ...؟ މިފްޒާލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

މިފްޒާލް ދެއްކި ވާހަކައިގެ އަޑެއް އައިލީންއަށް އިވުނުހެނެއް ހީއެއްނުވެއެވެ. އައިލީން އަވަހަށް ނުކުމެގެންދިޔައީ އެ އާދޭހަށް އަނެއްކާވެސް ހެއްލެވިދާނެތީއެވެ.

މީހަކާ ކައިވެނިކޮށްގެން ހުރެ، އެފަދަ އެހެން ގުޅުމެއް ފެށުނުކަން އެއީ އައިލީންއަށް ކުރެވުނު ވަރަށް މޮޔަކަމެކެވެ. އައިލީން ހީކުރީ، އެ ގޮތަށް ނުކުމެގެން ދިޔުމުން މިފްޒާލްގެ ހަޔާތުންވެސް ނުކުމެވުނީ ކަމަށެވެ. އެހެންނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަމެއް އައިލީންއަކަށް ނުވިސްނެއެވެ.

މިފްޒާލްހުރީ އެހާ ފަސޭހައިން އައިލީން ދޫކުރާގޮތަކަށް ނޫނެވެ. އައިލީންގެ ޚަބަރުތައް ހޯދުމަށްޓަކައި އައިލީންއަށް ފާރަލައި އޭނާގެ ޚަބަރުތައް މިފްޒާލް އާ ހަމައަށް ގެނެސްދޭނެ މީހަކު މިފްޒާލް ހޯދިއެވެ. އެއީ އައިލީން އާއެކު އޮފީހުގައި މަސައްކަތް ކުރާ އައިލީން ވަރަށް އިތުބާރުކުރާ އައިލީންގެ ވަރަށް ގާތް އެކުވެރިއެކެވެ. އޭނަ އައިލީންގެ ޚަބަރުތައް މިފްޒާލް އަށް ގެންގޮސްދޭކަމެއް އައިލީން އަކަށް ނޭނގެއެވެ.

ކުރިމަތިވަމުން އަންނަ ޤައުމީ ދުވަހުގެ ރަސްމިއްޔާތު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ކަމުގައިވާތީ. އެދުވަހަށް ވަރަށް ފޯރިއާއެކު ކުޅުދުއްފުށި ތައްޔާރު ކުރަމުން ގެންދިޔައެވެ. މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، މިރަސްމިއްޔާތުތައް ލައިވް ކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ދިޔަ ލައިވް ކުރޫގެ މެންބަރެއްގެ ގޮތުގައި އައިލީންވެސް ހިމެނުނެވެ. އައިލީން އެރަށަށް ދާކަމަށް މިފްޒާލް އަށް އެނގުނީ އައިލީންގެ ޚަބަރުތައް މިފްޒާލް އަށް ގެނެސްދޭ އައިލީންގެ އޮފީސް ކުއްޖާގެ ފަރާތުންނެވެ. ކުޅުދުއްފުއްޓަށް އައިލީން ދިޔައީ އަލަށެވެ. އެހެން ނަމަވެސް މިފްޒާލް އަށް އެރަށަކީ އާ ރަށެއް ނޫނެވެ. ވަރަށް ގިނައިން ގޮސްފައިވާ ރަށެކެވެ. އައިލީން އެރަށަށް ދިޔައިރު މިފްޒާލް ހުރީ އެރަށަށް ގޮހެވެ. މިފްޒާލް ހުރުމަށްޓަކައި ޚިޔާރުކުރީ، އައިލީން އެރަށުގައި ހުންނަން ހަމަޖެހިފައިވާ ގެސްޓް ހައުސްއާ ވަރަށް ކައިރީގައި ހުރި ގެސްޓް ހައުސްއެއްގައެވެ. ފުރަތަމަ ބެލީ އައިލީން ހުންނަ ގެސްޓްހައުސް އިން ކޮޓަރިއެއް ލިބޭތޯއެވެ  ނަމަވެސް އެ ގެސްޓްހައުސް ފުލްވެފައިވާތީ ކޮޓަރިއެއް ލިބޭނެގޮތެއް ނުވީއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ޤައުމީ ދުވަހުގެ ޙަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ދުވަހު ހެނދުނު ކަމުގައިވާތީ އައިލީން ނިކުތީ ރަށުތެރެ ބަލާލުމަށްޓަކައި ބުރެއް ޖަހާލުމަށެވެ. މަޑުމަޑުން ހިނގަމުންދަނިކޮށް ކުއްލިއަކަށް އައިލީންގެ ކަންފަތުގައި ޖެހުނީ މިފްޒާލްގެ އަޑެވެ، ފުރަތަމަ އައިލީންއަށް އެއީ މިފްޒާލްގެ އަޑު ކަމަކަށް ޔަޤީނެއް ނުވިއެވެ. ކުޅުދުއްފުށިން މިފްޒާލްގެ އަޑު އިވޭނެ ކަމަކަށް އައިލީން އުއްމީދެއް ނުކުރެއެވެ. ދެފަހަރަށްވެސް ފަހަތުން އެއަޑު އިވުމާއެކު އައިލީން އެނބުރި ފަހަތް ބަލާލިއެވެ. އޭރު ދާދި ގާތުއި މިފްޒާލް ހުއްޓެވެ.

"މިފްޒާލް...! މިރަށުގައި...؟ މިރަށުގައި ކީއްތިކުރަނީ...؟" ހައިރާންވެފައި ހުރެ އައިލީން ސުވާލު ކުރިއެވެ.

"މިރަށުގައި އޮންނަ އިވެންޓްތައް ފޮޓޯނަގަން މިއައީ...! އަހަރެން މިއީ މިކަހަލަ ރަސްމިއްތުތައް ފޮޓޯނަގާ މީހެއްކަން އައިލީން އަކަށް ނޭނގޭތަ...؟" ފާޑަކަށް ހިނިއައިސްފައި މިފްޒާލް ބުންޏެވެ.

"އެހެން ވެގެނެއްނޫން ތިއައިކީ...! އަހަރެން ހިއެއްނުކުރަން އަދިވެސް މިފްޒާލް އަހަންނަށް ފާރަލާ ކަމަކަށް...! އެކަމަކު ދެން ތިއީ ކިހާ ދެރަކަމެއް...!" ހިތް ހަމަނުޖެހިފައި އައިލީން ވާހަކަ ދެއްކިއެވެ.

"އަހަރެން ކީއްކުރަން އައިލީން އަށް ފާރަލާންވީ...؟ ކީކޭ އަހަރެން ބުނީ...؟ ފެނިއްޖެއްޔާ ގޮވާލާނަމޭ...! އަހަރެން ހަމައެކަނި އައިލީންއަށް ގޮވާލީއޭ...! އަހަރެން ގޮވާލީމަ އައިލީންއެއްނު މަޑުކޮށްގެން މަށާ ވާހަކަ ދައްކާހިތުން މިތާ ތިހުންނަނީ...! ހިނގާބަލަ ބުރެއް ޖަހާލަންދާން...! އަހަރެން އޮންނާނެ މިރަށުން ކާރެއް ކުއްޔަށް ނަގާފަ...!" ހަމަޖެހިފައިވާ މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

މިރަށަކު ނުހުންނާނެ އަހަރެން ނުބަލާތަނެއް...! އަހަރެން އަލަކަށް ނޫނޭ މިރަށަށް މިއައިކީ...! އައިލީން ގަސްދުގައި ދޮގު ހެދިއެވެ.

"ދާން ބޭނުންނުވިޔަސް ދޮގުނުހަދާ...! އަހަންނަށް އެނގޭ އައިލީން މިރަށަށް ތި އައީ އަލަށްކަން...! ކީއްވެތަ އަހަރެންދެކެ ތިހާ ބިރުން ތި އުޅެނީ....؟ އަހަރެން މިއީ އަރާކާއެއްޗެއް ނޫނޭ...! ހިނގާބަލަ އަހަރުމެން ކުރިން އުޅުނުހެން އުޅެން...! އޭރު ކިހާ އުފާވެރި...!" ވާހަކަ ދައްކަމުން މިފްޒާލް އައިސް އައިލީން ކުރިމައްޗަށް އެރިއެވެ.

މިފްޒާލް އައިސް އައިލީންގެ ކުރިމައްޗަށް އެރުމާއެކު ކުރިއަށް ދިޔުމަށްޓަކައި އައިލީން އެއްފަރާތަކަށް ޖެހިލިއެވެ. އެހެންނަމަވެސް އަނެއްކާވެސް މިފްޒާލް އައިލީންގެ ކުރިބެއްދިއެވެ. އެވަގުތު ހެދޭނެ އެއްވެސް ގޮތެއް ނެތި އައިލީން ހައްޔަރުވުމާއެކު، ބިރުވެރި ޚިޔާލުތަކުން އައިލީންގެ ސިކުނޑި ފުރިގެން ދިޔައެވެ. ކަމެއްކުރަން ވެއްޖެނަމަ މިފްޒާލް އަކީ އެކަމަށް ވަރަށް ބޮޑަށް ޝަރުތު ހަމަވާ މީހެކެވެ. އެހާ ރުޅިގަދައެވެ. އެހާ ޖެހިލުންކުޑައެވެ. ބަދަލުހިފުމުގެ ނިޔަތް އަބަދުމެ ގެންގުޅެއެވެ. މަގުމައްޗެއް އެހެން ތަނެއް ބެލުމެއް ނޯންނާނެއެވެ.

"އަހަރެން ގެއަށް ދާންވެއްޖެ...! އަހަރެން ދާން ތަން ދައްކާ...!" މިފްޒާލް ކައިރިން ސަލާމަތްވުމަށްޓަކައި އައިލީން ބުންޏެވެ.

"އައިލީން މިތަނުން ދާން އަހަރެން ތަން ނުދައްކައިފިއްޔާ...؟ އޭރުން އަހަރެންގެ ހިތް ފުރެންދެން އައިލީން މިތާ މަޑުކުރާނަންތަ...؟" ހެވިފައިހުރި މިފްޒާލް ބުންޏެވެ.

"ކިހާބޮޑުކަމެއް....! އަހަރެން ދާން ތަންދައްކާށޭ...!" މިފްޒާލް ކޮށްޕާލާފައި އައިލީން ދުއްވައިގަތެވެ.

އައިލީން ދުއްވައި ގަތުމަށްފަހު ފަހަތް ބަލައިލިއެވެ. އޭރު މިފްޒާލް ހެވިފައި އައިލީން އާ ދިމާއަށް ބަލަހައްޓައިގެން އޭނަ ހުރި ތަނުގައި ހުއްޓެވެ. އައިލީން ފަހަތުން ދުވެފައި އަންނާކަށް ނޫޅެއެވެ. އައިލީން އެކަމާވެސް ވަރަށް ބިރުގަތެވެ. އޭގެ ފަހަތުގައިވެސް ކޮންމެވެސް ސިއްރެއް ފޮރުވިފައި އޮންނާނެކަން އައިލީން އަށް ހީވިއެވެ. ޙަޤީޤަތުގައި ތިމާއަކީ ކިހާ ނިކަމެތި މީހެއް ކަމަށާއި، ކަމެއް ޖެހިއްޖެނަމަ ކިހާ ބަލިކަށިކަން އައިލީންއަށް ވިސްނުނީވެސް އެ ފަހަރުއެވެ.

އޭގެފަހުން އައިލީން ބޭރަށް ނުކުންނަމަ ނުކުންނަނީ ކޮންމެވެސް މީހަކާއެކުގައެވެ. މިގޮތަށް ނުކުންނަ ފަހަރުތަކުގައިވެސް މާދުރުން މިފްޒާލް ފެނުނަސް، އައިލީންގެ ހިތް ވަރަށް ބާރަށް ތެޅިގަނެއެވެ. އަބަދުވެސް އައިލީންއަށް ހީވަނީ މިފްޒާލް ކޮންމެވެސް ކަމެއްކުރަން އުޅޭހެންނެވެ. ކޮންމެވެސް ކަމެއް ރާވަމުން ގެންދާހެނެވެ. ކޮންމެވެސް ދަނޑިވަޅަކަށް ބަލަބަލާ ހުންނަހެންނެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 20 އޯގަސްޓް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް