ދައުލަތުގެ ކޮރަޕްޝަން މިއަދު މިވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި ،ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ، ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ޤާނޫނު " ވިސްލް ބްލޯ ޕްރޮޓެކްޝަން އެކްޓް" ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. އިބޫ ކެމްޕޭން އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ، ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަކީ އިދިކޮޅު ކޯލިޝަންގެ އެންމެ މުހިންމު ސިޔާސަތު ކަމުގައެވެ.
އިބޫ ވިދާޅުވީ ރައްޔިތުންނާ ބައްދަލުވުމުން އިނގިގެން ދިޔަ ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ދައުލަތަށް ފުއްދައި ދެވިފައި ނުހުންނަ ކަންކަމުގަ އެވެ. " ދައުލަތުން ލިބެން ޖެހޭ އާމްދަނީން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދެން ޖެހޭނެކަމަށާއި ، ދަޢުލަތުގެ މަސައްކަތްތައް އޭގެ ހަމައަގުގައި ކުރެވޭނަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ހުންނާނީ ، ނަރުދަމާ އެޅި، ފެނުގެ ޚިދުމަތްދެވި، ބަނދަރު އެޅިފައި " ކަމުގަ އިބޫ ވިދާޅުވި އެވެ.
" ދަޢުލަތް ޝާމިލްވެގެން ހިންގޭ ބޮޑެތި ކޮރަޕްޝަން ހުއްޓުވުމުން ދައުލަތުގެ އާމްދަނީ އިތުރު ވެގެންދޭ. މަޤާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުހައްޤުން މުއްސަނދިވުން ފަދަ ކަންކަން މިވަނީ އާންމުވެފައި. މިކަން ބެލި ހައްލު ލިބެން އެބަޖެހޭ." އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެކަމަށްޓަކައި ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ލިބިދޭން ޖެހޭކަމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް