ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ސީދާ މިނިސްޓަރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ ދިހަވަނަ ފޯރަމް، ތިން ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނޭހެން މިރޭ ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރު ހަސަން ޒަރީރު އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ މިނިސްޓަރު އަލީ ޝަރީފެވެ.
ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި މިރޭ 09:00 ގައި ފަށާ ފޯރަމް ދެ ގަޑިއިރަށް ކުރިއަށްދާނެއެވެ. ފޯރަމް ރާވާފައިވަނީ ފޯރަމް އޮންނަ ތަނަށް ގޮސްގެން މިނިސްޓަރުންނާ ސީދާ ސުވާލުކުރެވޭނޭ ފަދަ ގޮތަކަށެވެ. އަދި ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެއެވެ. އޮންލައިންކޮށް ބައިވެރިވެވޭތީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް، އެ ވަޒީރެއްގެ ދާއިރާއާ ގުޅޭ ކޮންމެ ސުވާލެއް ހުށައެޅުމުގެ ފުރުސަތު އޮވެއެވެ.
ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން ކުރާ މަސައްކަތްތައް ތަފްސީލުކޮށް ރައްޔިތުންނަށް ހާމަކުރުމަކީ ފޯރަމްގެ މަގްސަދު ކަމުގައިވާއިރު ކަމާ ބެހޭ އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު ވެސް މި ފޯރަމުން ލިބިގެންދެއެވެ. ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާއި، މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ ވިސްނުމާ ބެހޭގޮތުން ވެސް ސުވާލުކުރެވެއެވެ.
"އަހާ" ސިލްސިލާ ފޯރަމްތައް ފެށީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން މިހާތަނަށް ނުވަ ފޯރަމެއް ބާއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް