ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުގެ ތައްޔާރީތައް އެ ގައުމުގެ ފޮރިން އޮފީހުން ފަށައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބާއި ޚާރިޖީ ވަޒީރު އިސްހާގު ދާރު ރިޔާސަތު ވަނީ އެކަމުގެ ތައްޔާރީތައް ވަނީ ބައްލަވައިލައްވާފައެވެ. މިއީ މި ދަހަރުގައި ދިވެހި ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ޕާކިސްތާނުގެ ނޫސްތަކުން ފާހަގަކުރެއެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަތުމަށް ތައާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 20 އިން 22 އަށެވެ. ދަތުރުގައި ރައީސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވާނެ ކަމަށް ލަފާކުރެވެއެވެ. ކެބިނެޓް މިނިސްޓަރުން ހިމެނޭ މަތީ ފެންވަރުގެ ވަފުދެއް ރައީސްގެ ދަތުރުގައި ބައިވެރިވެލައްވާނެކަމުގައި ބެލެވޭއިރު ވަފުދުތަކުގެ ފެންވަރުގައިވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ދަތުރުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، މޫސުމީ ބަދަލު، ފަތުރުވެރިކަން، ސިވިލް އޭވިއޭޝަނާއި ދިފާއީ ދާއިރާގެ ގުޅުންތައް ހިމެނޭކަމަށް މަސްދަރުތަކުން ބުނެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ފްލައިޓް ހިދުމަތެއް ފެށުމާ ބެހޭގޮތުންނާއި ސާކު އަލުން ހަރަކާތްތެރިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. އދ. އާއި އޯއައިސީގައި ގުޅިގެން މަސައްކަތްކުރުމުގެ ވާހަކަވެސް ދެއްކޭނެ ކަމަށްވެސް މަސްދަރުތަކުން ބުނެއެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ، ތައްޔާރީގެ ބައްދަލުވުމުގައި ދެ ގައުމުގެ އެޖެންޑާ ބަލާފައިވާ ކަމަށެވެ.
"ބައްދަލުވުމުގައި ދެ ގައުމުގެ އެޖެންޑާ ރިވިއުކޮށް، ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، މޫސުމީ ބަދަލު، ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަންގެ ދާއިރާތަކުގައި ގުޅުން ފުޅާކުރުމަށް ސަމާލުކަން ދެވިފައިވާނެ" ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުގެ ބަޔާނުގައިވާ ގޮތުން، މި ދަތުރަކީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި ކަންތައްތަކެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ކަމަށް ދާރު ފާހަގަކުރެއްވިއެވެ. ދަތުރު ކާމިޔާބުކުރުމަށް ގުޅުންހުރި ހުރިހާ ފަރާތަކުން ގާތުން ގުޅިގެން މަސައްކަތްކޮށް، ޕާކިސްތާނުގެ ސަގާފީ މެހެމާންދާރީގެ ސިފަ ފާޅުވާ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ދާރު އިރުޝާދު ދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް