ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ޕެންޝަން ފަންޑު 60 ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ: ޔަޒްމީދު

18 Oct 2026 | 04:41
ޕެންޝަން އޮފީހުގެ ސީއީއޯ -- ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއީއޯ -- ފޮޓޯ: ޕެންޝަން އޮފީސް

ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓާ ފައިސާ ދެގުނަކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހަނިމާދޫ ކައުންސިލާ ގުޅިގެން ޕެންޝަން އޮފީހުން ރާވާފައިވާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުންނެވެ.

ޔަޒްމީދު ވިދާޅުވި ގޮތުގައި، ޕެންޝަން އޮފީސް ޤާއިމުކުރިފަހުން ވޭތުވެދިޔަ 17 އަހަރުގައި ފަންޑަށް 30 ބިލިއަން ރުފިޔާ ޖަމާވެފައިވެއެވެ. އެ ފައިސާއިގެ ތެރޭގައި ސްކީމުގެ މެންބަރުން ދައްކާ ކޮންޓްރިބިއުޝަނާއި އިންވެސްޓްމެންޓުން ލިބުނު ފައިދާ ހިމެނެއެވެ. އެ ޢަދަދު ފަސް އަހަރުތެރޭ ދެގުނަކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރެއިން އެއް ކަމަށް ވިދާޅުވިއެވެ. މި މަޤްޞަދުގައި، އިންވެސްޓްކުރެވޭނެ އިތުރު ފުރުޞަތުތައް ހޯދައި ފަންޑު ފުޅާކޮށް، މެންބަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެ ގޮތަށް އޮފީހުގެ ހިންގުމުގެ ނިޒާމު ތަރުތީބުކުރައްވާފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސްކީމުގައި ލާޒިމުން ބައިވެރިވާންޖެހޭ ބައެއް ފަރާތްތައް އަދިވެސް ބައިވެރިނުވެ ތިބި ކަމަށާއި، އެ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ. ހަމައެހެންމެ، ޕެންޝަން ދައްކަންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށާއި، އެ ފައިސާ އަންނަ އަހަރުތެރޭ ރިކަވަރކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަރަކާތް ބޭއްވުމުގައި ހަނިމާދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ދެއްވި އެހީތެރިކަމަށް ސީއީއޯ ޝުކުރު އަދާކުރެއްވިއެވެ.

3ޖެން ވޯކް ބާއްވަނީ މާލީ ހޭލުންތެރިކަން އިތުރުކޮށް، ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ބެހޭގޮތުން ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އާލާކުރުމާއެކު، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤްޞަދުގައެވެ. އަދި މުޖުތަމަޢުގެ ޢާއިލާތަކަށް އެއްތަނަކަށް ޖަމާވެ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ވެސް އެ ހަރަކާތުން ފަހިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް