ދައުރުވަމުންދާ ފޮޓޯތަކުގައި އައިފޯނުތައް އޮޔާ ދަނީ، މީގެ ހަގީގަތެއް އަދި އެއްވެސް ބަޔަކު ހާމައެއް ނުކުރޭ --
ހުރުމުޒު ކަނޑުއޮޅި ކައިރިއަށް ބަންޑުން ޖަހާލި އުޅަނދަކުން ހޯދި ކަމަށްބުނާ އެޕަލްގެ އައިފޯން 18 ފޯނުތައް "ހަނގުރާމައިގެ ޣަނީމާ" ގެ ނަމުގައި ތެހެރާނުގައި ވަރަށް ހެޔޮ އަގުތަކުގައި ވިއްކަން އިޢުލާނުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ވާހަކަ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފުރަތަމަ ރިޕޯޓުކުރީ އީރާން އިންޓަނޭޝަނަލް އިންނެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުގައި ކަނޑުގައި ކޮންޓެއިނަރުތައް އޮޔާދާ މަންޒަރާއި، އައިފޯނުތަކާއި އަގުބޮޑު ސެންޓުތައް ފެންމަތީ އޮޔާދާ މަންޒަރު ފެނެއެވެ. ކުދި ދޯނިތަކުގައި ތިބި މީހުން އެ މުދާ ނަގަމުންދާ ކަމަށްވެސް ވީޑިއޯތަކުން ދައްކައެވެ. މީގެ އިތުރުން ބައެއް ގޮނޑުދޮށްތަކަށް ލައްގަމުންދާއިރު ގިނަ އަދަދެއްގެ ބަޔަކު އެތަކެތި ނަގާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި އެވެ.
އިރާނުގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި، ޢަރަބި ދުނިޔޭގެ އެކި މީޑިއާތަކުން ފެތުރި ފުޓޭޖްތަކުގައި މީހުން ފެނުން އެކި ތަކެތި ނަގަމުންދާ ތަން ފެނެއެވެ. އެއް ދޯންޏެއްގައި އައިފޯނުގެ ފޮށިތައް ބަރުކޮށްފައިވާ ކަމަށް ފެންނަ އިރު، އެއީ އެޕަލްގެ އެންމެ އާ މޮޑެލް ކަމަށްވާ އައިފޯން 18 ކަމަށް ރިޕޯޓެއްގައި ބުނެއެވެ. މުދާ ނަގަމުން ދިޔައީ ކޮން ބައެއްކަން އަދި ސާފެއް ނޫނެވެ. މި ހާދިސާ ރަސްމީ ގޮތުން އެއްވެސް ބަޔަކު ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާލަތުގައި، އީރާނުގެ ސައިބަރ ފުލުހުން ވަނީ އައި ފޯނުތަކެއް ކަމަށްބުނެ ވިއްކަން ޖަހަމުންދާތީ ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޒާރު ދީފައިވެއެވެ. މުދަލާއި ވިއްކާ މީހާގެ ވަނަވަރު ކަށަވަރުކުރުމުގެ ކުރިން ޑިޕޮޒިޓެއް ނުވަތަ ކުރިއަށް ފައިސާއެއް ނުދައްކަން އެދިފައިވެ އެވެ. ބަންޑުންވި އުޅަނދުގެ ވާހަކަ ބޭނުންކޮށްގެން، ނެތް މުދަލެއް ހެޔޮ އަގުތަކުގައި ވިއްކަން އިޢުލާނުކޮށް މީހުން ވަގަށް ނެގުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އިރާން ފުލުހުން ބުނެފައިވެ އެވެ.
މި ވާހަކަ ފެތުރެމުން ދަނީ ދުނިޔޭގެ ތެޔޮ ދުއްވުމަށް މުހިންމު މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއުކާފައި ސަރަހައްދުގައި ހަމަލާތައް ދިމާވަމުންދާ ދުވަސްވަރެއްގައެވެ. ދެ މިލިއަން ފީފާއަށްވުރެ ގިނަ ކްރޫޑް އޮއިލް އުފުލަމުން ދިޔަ "ޤާނޫނާ ޚިލާފު ސުޕަރޓޭންކަރަކަށް"، "ހުއްދަނެތި" ކަނޑުއުކާފައި ހުރަސްކުރަން އުޅުނު ވަގުތު ކަނޑު މައިނެއް ޖެހިއްޖެ ކަމަށް އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ބުނެފައިވެއެވެ. އެ ހާދިސާއާއެކު ގޮވުމެއް ގޮވައި ބޮޑު އަލިފާނެއް ރޯވި ކަމަށް އީރާނުގެ އައިއެސްއެންއޭ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
އޭގެ އިތުރުން، ހުކުރު ދުވަހު ސައުދީ ކައިރިން ޕާރިސީ ކަނޑުއުކާފައިގައި ދަތުރުކުރަމުން ދިޔަ ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފައިވެއެވެ. އުޅަނދުތަކުގެ ބަޔަކު ރައްކާތެރި ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ.
އުޅަނދުތަކަށް ދިމާވަމުންދާ ހަމަލާތަކާއެކު ސަރަހައްދުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އިތުރުވަމުން ދިޔަނަމަވެސް، ވާހަކަ ދެއްކުންތައް ކުރިއަށް ދާއިރު ހުރުމުޒުން ދަތުރުކުރާ އީރާނުގެ އުޅަނދުތަކަށް އަޅާފައިވާ ބްލޮކޭޑް ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް