އިންކަމް ޓެކްސް ނަގާނަން – އިބޫ

ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ފުރިހަމަކުރެވެން އަންނަނީ ޓެކްސްގެ ނިޒާމު ފުރިހަމަ ވެގެންކަމަށާއި އެކަމަށްޓަކައި އިންކަމް ޓެކްސް ތަޢާރަފް ކުރެވިގެންދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ...

20 Aug 2018 | 14:46

ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ފުރިހަމަކުރެވެން އަންނަނީ ޓެކްސްގެ ނިޒާމު ފުރިހަމަ ވެގެންކަމަށާއި އެކަމަށްޓަކައި އިންކަމް ޓެކްސް ތަޢާރަފް ކުރެވިގެންދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ. އިބޫ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އެކަން ކުރާނީ ރަނގަޅަށް ދިރާސާކުރުމަށްފަހު، ކަމާގުޅޭ ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

އިބޫ ވިދާޅުވީ 2011 ވަނަ އަހަރު އެމްޑީޕީން ތަޢާރަފްކުރި ޓެކްސްގެ ނިޒާމު ފުރިހަމަ ކުރަންޖެހޭ ކަމުގައެވެ. އެކަމަށްޓަކައި މުއްސަނދިންނާއި ފަޤީރުންގެ މެދުގައިވާ ފަރަގު ކުޑަކުރުމަށް ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަކީ އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއްކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ އެކަމަށްޓަކައި މަޖިލީހަށް އިންކަމް ޓެކްސް އާ ގުޅޭ ބިލެއް ހުށަހެޅުނު ކަމުގައެވެ. ނަމަވެސް އެބިލްގެ މަސައްކަތް އެމްޑީޕީ ސަރުކާރު ބަދަލުވުމާއި ގުޅިގެން މަޖިލީހުގެ ތެރެއިން ކުރެވިފައެއް ނުވެއެވެ.

" އިންކަމް ޓެކްސް ނެގޭނީ ފުދުން ތެރިކަން ހުރި ފަރާތްތަކުން. ކަނޑައެޅޭ ވަކި މިންވަރަ ކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އެ ޓެކްސް ނެގޭނީ. އަދި އެވާނީ ޕްރޮގްރެސިވް ޓެކްސްއަކަށް. މިކަމާބެހޭ ތަފްސީލުތައް ޤާނޫނެއްގެ ސިފައިގައި އަޅުގަނޑުމެންގެ ވެރިކަމެއްގައި ފާސްކުރެވިގެންދާނެ. " އިބޫ ވިދާޅުވިއެވެ.

އިންކަމް ޓެކްސް މެދުވެރިކޮށް ނެގޭ ފައިސާ ބޭނުން ކުރުމަށް ހަމަޖައްސާފައިވާ ކަންކަމަކީ ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ، ބޮޑެތި ބަލިތަކަށް ސަލާން ޖެހުން ނިމުމަކަށް ގެނައުމާއި ، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއި ، ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިބޫ ވިދާޅުވީ މީރާ މެދުވެރިކޮށް ސަރުކާރުން ނާޖާއިޒް ފައިދާ ނަގަމުންދާކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި އެގޮތަށް ހުރި ޤާނޫނުތަކާއި ޤަވާއިދުތައް ބަދަލުކޮށް ، މީރާއިން ކުރަމުންދާ ނާއިންސާފު ކަންކަން އިންސާފުގެ ތެރެއަށް ވެއްދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. މީރާއަކީ ރައްޔިތުން އިތުބާރު ކުރާ ނަޒާހަތްތެރި ތަނަކަށް ހެދޭނެކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ " މީރާގެ ބޯޑާއި އޮފިޝަލުން ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީ ކުރުވޭނެ. އާންމު ވިޔަފާރިތަކާއި ފަރުދުންގެ މައުލޫމާތު ފުރިހަމައަށް ރައްކާތެރި ކުރުމާއި އެމައުލޫމާތު ނާޖާއިޒް ގޮތެއްގައި ނުވަތަ ސިޔާސީ ބޭނުމަށް ބޭނުންކުރުން ފަދަ ކަންކަން ހުއްޓުވުމަށް މީރާގެ ބޯޑާއި މުވައްޒަފުން ޖަވާބު ދާރީކުރުވޭނެ."

ޓެކްސް އާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް އިބޫ ވިދާޅުވިއެވެ. " ޓެކްސް އާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލާ ، ޓެކްސް އެޕީލް ޓްރައިބިޔުނަލް މިނިވަން ތަނެއްގެ ގޮތުގައި ހެދޭނެ. " އިބޫ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް