އަންނަ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އެކޮމިޝަނުން އާންމުކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ކެންޑިޑޭޓުންގެ މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު އޮންނާނީ އަންނަ ބުދަ ދުވަހުގެ 10:00 ން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށްކަމަށެވެ.
ކޮންމެ ވޯޓުލާ މަރުކަޒަކަށް ވެސް ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ކަނޑައެޅޭނީ އެންމެ މަންދޫބެކެވެ. މަންދޫބުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ލިސްޓް ކޮމިޝަނަށް ފޮނުވަން ޖެހޭނީ ކެންޑިޑޭޓުން ސިޓީއެއް މެދުވެރި އެއްކޮށެވެ.
މަންދޫބުންގެ ގޮތުގައި އައްޔަން ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުން ނުދާ އަދި ބަންދެއްގައި ނެތް މީހެކެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަވާލު ކޮށްފައި ނެތް މީހަކު ކަމަށް ވުމާއި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެމްބަރަކަށް ނުވުމާއި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުމަކީ ވެސް މަންދޫބުންގެ ޝަރުތެކެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން އިބްރާހިމް މުހައްމަދު ޞާލިހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް