ޕާކިންގ ޖޫރިމަނާ ކަނޑާލަ ދޭނަން – އިބޫ

މާލެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކް މައްސަލަކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ކުރިޔަށްގެންދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑި...

20 Aug 2018 | 05:22

މާލެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރެފިކް މައްސަލަކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ކުރިޔަށްގެންދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. ހެންވޭރުގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ، މާލޭގައި ދުއްވާ އެއްޗެހީގެ އަދަދު ގިނަވެފައިވާއިރު ޕާކުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތްކަމަ ށެވެ. އެހެންކަމުން އެއްތަނުން އަނެއްތަނަށް ދިޔުމަށާއި މާލޭގައި ހިނގާ ބިނގާވެ އުޅުމަށް މިވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފައިކަމުގައި އިބޫ ވިދާޅުވި އެވެ.

މިކަމަށް ހައްލު ހޯދުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ފަށާނެކަމަށާއި ، މިއީ އެއްދުވަހަކުން ދެދުވަހަކުން ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށް އިބޫ ވިދާޅުވިއެވެ. " ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މާލޭގެ ޓްރެފިކަށް އެބަ ބަދަލު ގެންނަން ޖެހޭ. އެއަށްފަހުގައި މަގުތަކުގައި ލޯޑުކޮށް އަންލޯޑުކުރެވޭނެ ވަކި ސަރަހައްދު ތަކެއް އަޅުގަނޑުމެން ގާއިމުކުރާނަން. " އިބޫ ވިދާޅުވިއެވެ. އަދި ޕާކިންގ ޒޯން އިތުރުކުރަން ޖެހޭކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ" މާލޭގައި މިދުއްވާ ދުއްވާއެއްޗެހި ޕާކުކުރުމަށް އެބަ ބޭނުންވޭ  125،000 އަކަފޫޓްގެ ޕާކިން އޭރިއާ. ސުވާލަކީ މި ހޯދާނީ ކިހިނެއްތޯ؟ މާލޭގައި ބިން އެބައޮތް ތޯ؟ ތިބޭފުޅުން ވިސްނާ ވަޑައިގެންނަވާ މިދައްކަނީ ގާތްގަޑަކަށް ފަސްހާސް އަކަފޫޓްގެ ފަސް ބުރީގެ ފަސް އިމާރާތުގެ ވާހަކަ. އެއީ 125،000 އަކަފޫޓް. އެވަރުގެ ބިން ފަހަރެއްގައި މާލެއިން ނުލިބިދާނެ އެއްތަނަކުން. އެހެންނަމަވެސް މިއަށް ހައްލު ގެނައުމުގެ ނިޒާމެއް އަޅުގަނޑުމެން ވަނީ ލިޔެ ތައްޔާރުކޮށްފައި ."

އިބޫ ވިދާޅުވީ މިއީ މިކަމަށް ގެނެވޭ މެދުމިނުގެ ހައްލެއްކަމުގައެވެ.  ދާއިމީ ހައްލެއް މާލޭގެ ޓްރެފިކަށް ގެނެވޭނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކޮށް މާލެއަށް ތޮއްޖެހިފައިމިވާ ތޮއްޖެހުން ކުޑަކުރެވިގެން ކަމަށް އިބޫ ވިދާޅުވިއެވެ. އިބޫ ވިދާޅުވީ މާލޭގައި ޕާކުކުރެވޭނެ ތަން ނެތްއިރުގައި އެކިގޮތްގޮތުން ޖޫރިމަނާ ކުރަމުންދާކަމުގައެވެ. " އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ފުރަތަމަ ދައްކާނީ ޕާކު ކުރާތަން. އެއަށްފަހުގައި ޕާކު ކުރަން ކަނޑައަޅާފައި އޮންނަ ތަނުގައި ޕާކު ނުކުރީމާ ޖޫރިމަނާ ކުރާނީ. މިހާރު މާލޭގެ މަގުތަކުގައި ޕާކު ކޮށްގެން އެނަގާ ޖޫރިމަނާ އަޅުގަނޑުމެންގެ ވެރިކަމުގައި ކަނޑާލާނަން. " އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ " ރައީސް ޔާމީންގެ ވެރިކަމުގައި މިކުރައްވާ ކަމަކީ ޖޫރިމަނާ ކޮށްފައި މިހެން ދިމާވާ އިންތިޚާބަކާ ދިމާކޮށް ޖޫރިމަނާ މަޢާފުކުރަމުން އެގެންދަނީ. މިއީ އިންތިޚާބަށް ނުފޫޒު ފޯރުވާ ނާޖާއިޒް ފައިދާ ނެގުމަށް ކުރާކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމެއް އެގޮތަކަށެއް ނުކުރާނަން."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް