ރައީސް ޔާމީން މިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ނައްތާލައްވަން މަސައްކަތް ނުކުރައްވާނެކަން ކަށަވަރު –ޑރ.ޝަހީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ނައްތާލައްވަން މަސައްކަތް ނުކުރައްވާނެކަމެގެ ކަށަވަރުކަން އެބައޮތް ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު...

19 Aug 2018 | 19:35

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ނައްތާލައްވަން މަސައްކަތް ނުކުރައްވާނެކަމެގެ ކަށަވަރުކަން އެބައޮތް ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ތިނަދޫގައި ޕީޕީއެމް އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ، ރައީސް ޔާމީން ބޭރުގެ ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ މަތީ މަސްލަހަތުތަކަށް ޚިޔާނާތްތެރިވަޑައި ނުގަންނަވާނެކަމުގެ ސަތޭކަ ޕަސެންޓް ޔަޤީންކަން އެބައޮތް ކަމަށެވެ. ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ނިންމެވީ އެ ސަބަބާ ހެދި ކަމުގައެވެ.

ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވަނީ މިއަހަރު ހައްޖަށް ދިޔުމަށް ހަމަޖެހިފައިވާ އެންމެ ފަހު ބެޗްގެ މީހުން ހައްޖަށް ދިޔުމުގައި ލަސްވެގެން ދިޔުމުން، ސަރުކާރަށް އަމާޒު ވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރާއްޖޭގައި ހައްޖަށް މީހުން ގެންދިޔުމުގެ ކަންކަން އޮތީ އެއްވެސް ކޮންޓްރޯލެއް ނެތި ހަމައެއް ލަމައެއް ނެތިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ، އެގޮތަށް އެކަން ނުކުރެވޭ ކަމަށާއި ހައްޖަށް މީހުން ގެންދިޔުމުގެ ކަންކަމަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ހިނގާ ކަމެއްކަމުގައެވެ. އެގޮތުން ކޮންމެ ޤައުމަކަށްވެސް ލިބެނީ ވަކި އަދަދަކަށް މީހުން ގެންދިޔުމުގެ ކޯޓާ ކަމަށާއި ސައުދީ އަރަބިއްޔާއިން މިކަން ކުރަން ޚަރުދަނާ ނިޒާމެއް އެކުލަވާލާފައި އޮންނަކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށްކޮށްފައިވާ މީހެއްކަމަށް ވިދާޅުވިއެވެ.

" ދިވެހިރާއްޖޭގައި ހައްޖުގެ ކަންކަން އިންތިޒާމުވެފައި މިއޮންނަނީ ދުނިޔެއަށް ބަލާއިރުވެސް އެންމެ ރަނގަޅު އެއް ޤައުމުގެ ގޮތުގައި. ދުނިޔޭގެ ޤައުމުތަކުގައި ހައްޖުގެ މުއައްސަސާތައް އެކުލެވިފައިވާ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭ. އަޅުގަނޑަކީ ދިވެހިރާއްޖޭގެ ތިން ސަރުކާރުގައިވެސް އިސްލާމިކް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުގެ ގޮތުގަޔާއި އޭގެ ފަހުން މިނިސްޓަރުގެ ގޮތުގައި މަސައްކަތް ކޮށްފައި ހުރި މީހެއް. އަޅުގަނޑަށް އިނގޭ ޙައްޖާޖީންނަށް ކުރިމަތިވި ދަތިތަކާއި ، ޙައްޖާޖީންގެ ކަންތައްތައް ހައްލުކުރުމަށް ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްޕުޅުތައް ވަރަށް ސާފުކޮށް އަޅުގަނޑަށް އިނގޭ. އަދި އަޅުގަނޑަށް ވުރެ ބޮޑަށް އެކަން އިނގޭނެ މީހަކުވެސް ނުވެސް ހުންނާނެ. " ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބައެއް ޖަމާޢަތްތަކުން މީހުން އަތުން ފައިސާ ނަގާފައި ކިތަންމެ ބަޔަކަށް ލަނޑު ލިބިފައި ހުރިކަމަށެވެ. ޑރ. ވަހީދުގެ ވެރިކަމުގެ ފަހުކޮޅުގައި މިކަމެއް ވެގެންދިޔައިރު އެކަން ހައްލުކުރުމުގެ މަސައްކަތް އޭރުވެސް ކުރެވުނުކަމަށާއި އެގޮތުގެ މަތިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އުފެދިގެން އައި ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ފަހުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހައްޖު ކޯޕަރޭޝަން ތަރައްޤީ ކުރައްވާ، ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތް ފުރިހަމަގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވީ ރައީސް ޔާމީންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ޖަމާޢަތްތަކުން މީހުން އަތުން ފައިސާ ނަގާފައި ހައްޖަށް ނުފޮނުވާ ތިބި އެތައް ބަޔަކު މިސަރުކާރުން ހައްޖަށް ފޮނުވާފައިވާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

" އަޅުގަނޑު ދިވެހިރައްޔިތުންނަށް މިރޭ ވަރަށް ސާބިތުކަމާއެކު މިދަންނަވަނީ ، މާތްﷲ އިރާދަކުރައްވައިގެން އަޅުގަނޑުމެންނަށް މިއިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ، ޙައްޖަށް މީހުން ގެންދިޔުމުގައި މިއޮތް ނިޒާމު އިތުރަށް ތަރައްޤީކޮށް ، ދިވެހިރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަކޮށްދޭނަމޭ. " ޑރ.ޝަހީމް ވިދާޅުވިއެވެ. މިކަމުގައި ދިވެހި ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކޮށްދިނީވެސް މިސަރުކާރުން ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ. އިތުރަށް އެކަން ތަރައްޤީ ކުރުމުގެ ފަލްސަފާވެރިންވެސް ތިބީ މިސަރުކާރުގައި މިސަރުކާރަށް ތާޢީދުކޮށްގެންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ޑރ.ޝަހީމް ވިދާޅުވީ ޙައްޖުވެރިންގެ ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީ ރަސްގެފާން އަރިހުން ސީދާ ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޙައްޖުވެރިންނަށް ވިސާޖެހުމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށާއި ސައުދީ އަރަބިއްޔާއަށް ދަތުރު ކުރުމަށް ޑައިރެކްޓް ފްލައިޓް ސައުދީ އެއަރލައިން މެދުވެރިކޮށް ހަމަޖައްސަވައި ދެއްވުމަށް އެދި ވަޑައިގެންނެވިކަމަށެވެ. އެގޮތުގެ މަތިން މިހާރު ރާއްޖޭގައި ސައުދިއަރަބިއްޔާގެ އެމްބަސީއެއް ހުންނައިރު ޙައްޖާޖީންގެ ވިސާޖަހަން ކުރީގައި ޕާސްޕޯޓްތައް ކޮލަމްބޯ އަށް ފޮނުވަން ޖެހުނަސް މިހާރު ސީދާ ރާއްޖެއިން އެކަން ވާން އެބައޮތްކަމަށް ޑރ،ޝަހީމް ވިދާޅުވިއެވެ. އަދި ސައުދީ އެއަރ ލައިންގެ ފްލައިޓްތައް ސީދާ ރާއްޖެއަށް އޮންނަކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް