މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަަން ކުރަުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނީޒާ އިމާދުގެ ނަން އަނބުރާ ގެންދެވުމަށް ފަހު އެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރުމަށް ރުހުން ހޯދަން ފޮނުވައިފި އެވެ.
ނީޒާ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ. ކުއްލި ގޮތަކަށް މިބަދަލު ގެނައީ ކީއްވެކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ގަވަރުނަރުގެ މަގާމަށް ކ. މާފުށި، މުޝްތަރީގެ ނަސީރު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި އިސްމަގާމުތަކެއް ފުރުއްވާފަިއވާ ބޭފުޅެއްގެ އިތުރުން ފިނޭންސް މިނިސްޓްރީގައި އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެވެ.
ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ނީޒާގެ ނަން އަނބުރާ ގެންދެވި އިރު މިދިޔަ ބުދަ ދުވަހުން ފެށިގެން ގަވަރުނަރުގެ ޒިންމާ ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދަވަނީ ނީޒާ އެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ނީޒާ ވަނީ މިއަދު ވަގުތުން އެމްއެމްއޭގައި އޭނާ އަދާކުރައްަމުން ގެންދެވި އެސިސްޓަންޓު ގަވަރުނަރުގެ މަގާމުން އިސްތިއުފާދެއްވާފަ އެވެ.
ނީޒާ މީޑިއާގައި ވިދާޅުވީ ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ނަން ފޮނުވުމަށް ފަހު ނަން އަނބުރާ ގެންދަވާނީ ސަރުކާރަށް އޭނާއަށް އިތުބާރު ނެތުމުން ކަމަށް ދެކިވަޑައިގެންނަވާ ކަމަށެވެ.
އެމްއެމްގޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނަވި ޑރ އަޒީމާ އާދަމް އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ ފިރިކަލުން އެމެރިކާ އާއި އދ. ގެ މަންދޫބަކަށް ހަމަޖެއްސުމުން ދިރިއުޅުން އެމެރިކާއަށް ބަދަލު ކުރައްވަން ވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް