ފަނޑިޔާރު ދީދީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް - ޖަވާބުދާރީ ވުމަށް ފަސް ދުވަސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ އާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ބަލަމުން އަންނަ މައްސަލައިގާ ޖަވާބުދާރީވުމަށް ފަސް  ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން ...

20 Jun 2019 | 08:50

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ އާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ބަލަމުން އަންނަ މައްސަލައިގާ ޖަވާބުދާރީވުމަށް ފަސް  ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ބޭއްވި ތަހުގީގު މިއަދު ނިންމާލައިފިއެވެ.

މިއަދުގެ ތަހުގީގުގައި ކޮމިޓީން ވަނީ އެ ކޮމިޓީއަށް ފުލުހުންގެ ފަރާތުން ލިބިފައިވާ ދެ ސިޓީ އިއްވާފައެވެ. އެގޮތުން ދެވަނައަށް އިއްވާފައިވާ ސިޓީގައި ފަނޑިޔާރު ދީދީގެ މައްޗަށް ގިނަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އެގޮތުން

  • 2014 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ހުކުމް ކުރުމަށް ބައެއް ފަނޑިޔާރުންނަށް ފައިސާ ދިންކަމަށް ތުހުމަތު ކޮށްފައިވާއިރު އެ ފައިސާ ހަވާލުކުރި ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
  • އަބްދުﷲ ދީދީ ވެސް ހިމެނޭ ގޮތަށް ބައެއް ފަނޑިޔާރުންނާއި ސަސްޕެކްޓް އެކެއް އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާ ކަމަށާއި އަދި ސަސްޕެކްޓް އެކެއްގެ ކާރުގައި ވަކިންވެސް އެކި ފަހަރު މަތިން ބައްދަލުވުންތައް ބާއްވާފައިވާ ކަމަށާއި ސަސްޕެކްޓް އެކެއްގެ އިރުޝާދަށް ފަނޑިޔާރު އަބްދުﷲ ދީދީއަށް ދިވެހި ފައިސާ އާއި ޔޫއެސް ޑޮލަރުވެސް ހަވާލު ކޮށްފައިވާ ކަމަށް ވިޓްނެސް އެކެއްގެ ބަޔާނުގައި ބުނެފައިވޭ.
  • ނޑިޔާރު އަބްދުﷲ ދީދީ އަށް ފައިސާ ހަވާލު ކުރުމަށް ސަސްޕެކްޓް އެކަކާ އޭނާއާ ދެމެދު މެސެޖުން ކުރެވުނު މުއާމަލާތާއި އެފަދަ އިރުޝާދު ފޯނުން ގުޅައި ދިނުމުން ވަގުތުން އޭނާގެ ފޯނުގައި ދޭން އެންގެވި އަދަދާއި އެކު އޭނާ އޭރު ބޭނުން ކުރަމުން ދިޔަ ފޯނު ތަކުގެ ނޯޓްސް ގައި ހުންނާނެ ކަމަށް ބުނެ ދެ ފޯނެއްގައި ހުރި މައުލޫމާތެއް ފުލުހުންނަށް ދައްކައި އެ ދެ ފޯނު ފުލުހުންނާއި ހަވާލު ކޮށްފައިވޭ
  • ވިޓްނެސް އެކެއްގެ ފޯނުން ފޮނުވި ކަމަށް ބުނި މެސެޖް ސަސްޕެކްޓް އެކެއްގެ ފޯނަށް ރިސީވްވެފައިވާ ކަން ފޮރެންސިކް ތަހުލީލަށް ފާހަގަ ކުރެވިފައިވޭ
  • ވިޓްނެސް އެކެއް މެދުވެރިކޮށް އެކި ފަހަރު މަތިން ފަނޑިޔާރު އަބްދުﷲ ދީދީއަށް އެކި އަދަދުގެ ފައިސާ ދީފައިވާކަން ސަސްޕެކްޓް އެކެއްގެ އިންޓަވިއުގައިވެސް ފާހަގަކޮށްފައިވޭ
  • 12 ޖުލައި 2017 ވަނަ ދުވަހު ފަނޑިޔާރު އަބްދުﷲ ދީދީގެ ނަމުގައި ރެޖިސްޓަ ކޮށްފައިވާ ތިން ހަތެއްގެ ނަމްބަރުން ރާއްޖެއިން ފުރަން އުޅޭ ކަމަށާއި ޑޮލަރު ކޮޅެއް ބޭނުން ކަމަށް ބުނެ ސަސްޕެކްޓް އެކަކަށް މެސެޖް ކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.
  • މައްސަލާގައި ހެކިބަސް ދޭ ފަރާތްތައް މެދުވެރިކޮށް އެކި ފަރާތްތަކަށް ފައިސާ ދިނުމަށް ސަސްޕެކްޓް އެކެއްގެ ފޯނުން ފައިސާ ލިބެންވީ ފަރާތްތަކުގެ ނަމްބަރާއި އަދި ދޭންވާ އަދަދު އެސްއެމްއެސް ކޮށްފައިވާއިރު ވިޓްނެސް ދޭއްގެ ފޯނައްވެސް ފަނޑިޔާރު އަބްދުﷲ ދީދީގެ ނަމްބަރުން ފޮނުވާފައިވާކަން ފޮރެންސިކް އެކްސްޓްރެކްޝަންސް ރިޕޯޓުން ފާހަގަކުރެވިފައިވޭ
  • މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދާއި ސ. މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ މީހަކު ސަސްޕެކްޓް އެކަކާއި މުއާމަލާތް ކުރަމުން އައިއިރު އެ ދެ މީހުންގެ މައުލޫމާތު ސަސްޕެކްޓް އެކެއް ފަނޑިޔާރު އަބްދުﷲ ދީދީއަށް ޓެކްސް މެސެޖް ކޮށްފައި ވަނިކޮށް އެ ދެމީހުންގެ ތެރެއިން ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު، އެވަގުތު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ކަން ފާހަގަ ކުރެވިފައިވޭ.

މީގެ އިތުރުންވެސް ބައެއް ކަންކަން ފުލުހުންގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ތަހުގީގުގައި ޖޭއެސްސީގެ ކޮމިޓީން ފަނޑިޔާރު އަބްދުﷲ ދީދީއަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައިވެއެވެ. ނަމަވެސް ފަނޑިޔާރު ދީދީގެ ގާނޫނީ ވަކީލުން ކަމުގައިވާ ޑރ. ޖަމީލާއި ރޭނީޒް ސަލީމް ވަނީ އިޖުރާއީ ގިނަ މައްސަލަތަކެއް ނަންގަވައި ޖަވާބުދާރީ ވުމަށް ފުރުސަތު ދޭންޖެހޭކަން ތަކުރާރުކޮށް ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް