ހޮހޮޅަ ހާދިސާގައި މަރުވި ފަސް ޑައިވަރުން -
ވ. އަތޮޅުގެ ކަނޑުއަޑީ ހޮހޮޅައެއް ބަލައިލަން ފީނި ފަސް އިޓަލީ ޑައިވަރުން މަރުވި ހާދިސާގައި، ހޮހޮޅައިގެ ހަނި ދޮރުން އުފެދޭ ބާރުގަދަ އޮއެއްގައި ޑައިވަރުން އެތެރެއަށް ދަމައިގަތީ ކަމަށް ބެލެވޭ ކަމަށް އިޓަލީގެ ޑައިވިން މެޑިސިން ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަލްފޮންސޯ ބޮލޮންޔީނީ ލަފާކޮށްފިއެވެ.
އިޓަލީގެ ސޮސައިޓީ އޮފް އަންޑާވޯޓާ އެންޑް ހައިޕަބެރިކް މެޑިސިންގެ ރައީސް ބޮލޮންޔީނީ، އިޓަލީގެ ނޫސް އެޑެންކްރޮނޮސް އަށް ބުނީ ޑޭން ޔޫރަޕުގެ ޓީމުން ހޮހޮޅައިގެ ދޮރަށް ރިމޯޓް ވެހިކަލެއް (އާރުއޯވީ) ފޮނުވީ ކަމަށާއި، ނަމަވެސް އޮއިވަރު މާ ބާރުކަމުން އެ ވެހިކަލް އެތެރެއަށް ނުވެއްދުނު ކަމަށެވެ. މި މައުލޫމާތާއި ހޮހޮޅައިގެ ޑައެގްރާމަށް ބެލުމަށް ފަހު ބޮލޮންޔީނީ ލަފާކުރީ ހޮހޮޅައިގެ ހަނި ދޮރުން "ވެންޗޫރީ އިފެކްޓް" އުފެދުނީ ކަމަށެވެ. އެއީ ހަނި ތަނަކުން ފެންގަނޑު ދައުރުވާއިރު ދެމުން ބާރުވެ، ވެކިއުމެއް ފަދަ ދަމާ ބާރެއް އުފެދުމެވެ.
ބޮލޮންޔީނީ ބުނީ ދެ ގޮތެއް ވެދާނެ ކަމަށެވެ. ފުރަތަމަ ގޮތަކީ ހުރިހާ ޑައިވަރުން އެއްފަހަރާ ދަމައިގަތުމެވެ. ދެ ވަނަ ގޮތަކީ އެކަކު ދަމައިގެން ދިޔައީމާ ބާކީ ތިބި ޑައިވަރުން ސަލާމަތްކުރަން ވަނުމެވެ.
"އެ މީހުން ދަމައިގެން ދިޔައީ ކަޅު އަނދިރި ތަނަކަށް ކަމަށް ބެލެވެނީ. ފެންނަ މިންވަރު ސުމެއް. ފީނާނެ ޖާގައެއް ނެތް. ޕެނިކްގެ ސަބަބުން ބޮޑު ޑިސްއޮރިއެންޓޭޝަނެއް އުފެދުނީ ކަމަށް ވެދާނެ، ނުކުންނާނެ މަގެއް ހޯދަން ތެޅިތެޅި ނޭވާ ވެސް ހުސްވީ ކަމަށް ބެލެވޭ" ކަމަށް ބޮލޮންޔީނީ ބުންޏެވެ.
މި ގުރޫޕް ވ. އަތޮޅަށް ދިޔައީ ޔުނިވާސިޓީ އޮފް ޖެނީވާގެ ދިރާސާ މިޝަނެއްގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ހާދިސާ ހިނގި ދުވަހުގެ ކުރީ ރޭ މެންދަމު ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ޔެލޯ އެލާޓެއް ނެރެފައި އޮތް ކަމެވެ. ހަމައެއާ އެކު ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ނޫސް ބަޔާނެއް ނެރެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް