ޔޫކޭ އިން ޓޫނާ ޓެރިފް ކަނޑައިލުމުން ރައީސް މުޢިއްޒު އެކަމަށް މަރުޙަބާ ދަންނަވައި ވިދާޅުވީ ދިވެހި މަސްވެރިކަމާ އިގުތިސާދަށް ފައިދާވާނެ ކަމަށް

އިނގިރޭސިވިލާތުން ޓޫނާ އެތެރެކުރުމުގެ ޓެރިފް މިއަދުން ފެށިގެން ސަސްޕެންޑްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، މިއީ ދިވެހި މަސްވެރިކަމުގެ ދާއިރ...

20 May 2026 | 10:29
N/A

N/A

އިނގިރޭސިވިލާތުން ޓޫނާ އެތެރެކުރުމުގެ ޓެރިފް މިއަދުން ފެށިގެން ސަސްޕެންޑްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، މިއީ ދިވެހި މަސްވެރިކަމުގެ ދާއިރާ އަށާއި އިގުތިސާދަށް ފައިދާ ކުރާނެ ފިޔަވަޅެއް ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރީންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސް، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހަށް ޔޫކޭ ބާޒާރުގައި އިތުރު ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. ދޮށީގެ މަސްވެރިކަމާ އެކު ދެމެހެއްޓެނިވި މަސްވެރިކަމުގައި ރާއްޖެ އަކީ ދުނިޔެ ގަބޫލުކުރާ ނަމޫނާ ޤައުމެއް ކަމަށާއި، މި ކާމިޔާބީ އަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރު ނިކް ލޯ ވެސް ވަނީ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. ނިކް ލޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެރިފް ކަނޑައިލުމުން ޔޫކޭގެ ކޮންސިއުމަރުންނަށް އަގު ހެޔޮވެ، ދިވެހި މަހަށް ބާޒާރުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ.

ޔޫކޭ ސަރުކާރުން ޓޫނާ ޓެރިފް ސަސްޕެންޑްކުރީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ތަކެތީގެ އަގު ބޮޑުވަމުންދާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުންނެވެ. މި ފިޔަވަޅުގެ ދަށުން ޓޫނާގެ އިތުރުން ބައެއް ބާވަތުގެ މޭވާ އާއި ޖޫހާއި ޕާސްތާ އަދި ކުސްކުސް ފަދަ ބާވަތްތަކުން ވެސް ޓެރިފް ވަނީ ސަސްޕެންޑްކޮށްފައެވެ. މި ސަސްޕެންޝަން ދެމިއޮންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް