N/A
ސްރީ ލަންކާގެ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި ސެކިއުރިޓީ ޒޯނެއްގައި ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ސިއްރުން ހިންގަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް ފުލުހުން ރެއިޑްކޮށް، ދިވެއްސަކު ހިމެނޭ ގޮތަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ނިއުސް ވަޔާ އިން ރިޕޯޓުކޮށްފިއެވެ.
މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ އިން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ބަލައި ފާސްކުރީ އައްޓިޑިއާ ސަރަހައްދުގައި ހުރި ތަނެކެވެ. ހައްޔަރުކުރި ދިވެހި މީހާ އަކީ ކާކުކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އޮޕަރޭޝަނުގައި 50 މިލިއަން ރުޕީސްގެ އަގުހުރި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރާއި ސެޓެލައިޓް ޑިޝްތަކާއި ކޮމްޕިއުޓަރާއި ސްޓާލިންކް ޔުނިޓަކާއި ޓްރާންސްމިޝަން އިކުއިޕްމަންޓް ހިމެނެއެވެ.
ފުލުހުންގެ ތަހުގީގުން ދެނެގަނެވިފައިވާ ގޮތުގައި، ޕްރައިވެޓް ޓެލެކޮމް ޕްރޮވައިޑަރެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑް ކުރުމަށް ފަހު، ލަންކާ އާއި ގައުމުން ބޭރުގައި ތިބި ކަސްޓަމަރުންނަށް ގަވާއިދާ ޚިލާފަށް ރީޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ނިއުސް ވަޔާ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް