ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ފްރާންސްގެ ލިޔޯން އިން ގަދަފަދަ ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ފަރާތުން ރޭގައި ފެނުނީ އާދައިގެ ކުޅުމެކެވެ.
ރޭގެ އެއްވަރާއެކު ބާސާ އެންމެ ފަހުން ކުޅުނު 5 މެޗުގެ (ހުރިހާ މުބާރާތަކުން) ތެރެއިން 4 މެޗުން އެއްވަރު ވެފައިވާއިރު، ރޭގެ މެޗުގައި އެ ޓީމުން އެޓޭކަށް ދިޔަ ގިނަ ބޯޅަތައް ފެނުނީ ބޭކާރު ކޮށްލިތަނެވެ. އަނެއްކޮޅުން ބާސާގެ ސެންޓަރ ފޯވާޑްއަށް ޗެމްޕިއަންސް ލީގުގައި ލަނޑު ނުޖެހޭ މައްސަލައަކީ ވެސް ބާސާގެ ކަންބޮޑުވުމަކަށް ވާނެއެވެ. ލުއިޒް ސުއަރޭޒްއަށް ޗެމްޕިއަންސް ލީގުގައި އޭނާ އެންމެ ފަހުން ކުޅުނު 17 މެޗުން ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
ޖުމުލަކޮށް ބަލާއިރު ބާސާއިން ބޮޑަށް ކޮންޓްރޯލް ކުރި ފުރަތަމަ ހާފުގައި އެ ޓީމުން ރަނގަޅު އެޓޭކްތަކެއް އުފައްދައި ލަނޑު ނުޖެހި ބޭކާރުވިއިރު، ލިޔޯން އިން ވަނީ މި ހާފުގެ ކުރީކޮޅު ނުރައްކާތެރި ދެ ހަމަލާ އުފައްދާފައެވެ. ހޮސެން އާއި މާޓިން މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ފޮނުވާލި ނުރައްކާތެރި 2 ހަމަލާ ވެސް ބާސާގެ ގޯލްކީޕަރ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.
އެއަށްފަހު، ބާސާއަށް މުޅި މެޗުގައި ވެސް ލިބުނު އެންމެ ރަނގަޅު ފުރުސަތު 17 ވަނަ މިނިޓުގައި މެސީއަށް ލިބުނު ނަމަވެސް، ޖޯޑީ އަލްބާ ޖައްސާލި ބޯޅަ އޭރިއާގެ ތެރެއިން މެސީ ފޮނުވާލުމުން ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ސާޖިއޯ ބުސްކެޓް ވެސް ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ ބޭރަށް ދިޔައީ ލިޔޯންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ލިޔޯންގެ މެމްޕިސް ޑިޕޭ ފޮނުވާލި ބާރު ބޯޅައެއް ބާސާގެ ގޯލަށް އަމާޒު ނުވެ ދިޔައިރު، މި ހާފުގެ ބޮޑު ބައިގައި ލިޔޯންގެ ފަރާތުން ދެން ނުރައްކާތެރި ހަމަލާއެއް ފެނިގެނެއް ނުދިޔައެވެ.
ބާސާއިން މެޗުން މޮޅުވުމަށް މަސައްކަތް ކުރިއިރު، މެޗުގެ ފަހު 20 މިނިޓުގެ ތެރޭގައި ފުލުފުލުގައި ސާޖިއޯ ބުސްކެޓް އާއި ލުއިޒް ސުއަރޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ލިޔޯންގެ ގޯލްކީޕަރ އެންތޮނީ ލޮޕޭސް ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.
ފުރަތަމަ ލެގު ލަނޑެއް ނުޖެހި ނިމުނުއިރު އަންނަ މާޗު މަހުގައި އޮންނަ ދެ ވަނަ ލެގު ބާސެލޯނާގެ ދަނޑުގައި އޮތުމުން އެ ޓީމަށް ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖެއް އޮންނާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް